މާލޭގެ ބައެއް ބޮޑެތި ސަހަރާތަކުގައި ވަޅުލާފައިވާ މީހުންގެ ކަށިތައް ނަގައި, ބިންތައް ސާފުކޮށް, ޕާކާއި ކުޅިވަރުކުޅޭ ތަންތަން ހަދަން ފެށި ފަހުން އެއީ ހުއްދަ ނޫން ކަމެއް ކަމަށް ދިވެހި ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނިންމައިފިއެވެ.
މާފަންނު ސަހަރާ މި ފަހުން ހުސްކުރުމަށް ފަހު އެ ތަނުގައި ޕާކިން ޒޯނެއްގެ އިތުރުން، ބާސްކެޓު ކޯޓެއް ވެސް ތަރައްގީކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފައެވެ. އަދި، ގަލޮޅު ސަހަރާގެ ބައެއް ހުސްކޮށްގެން ވެސް ގިނަ ބަދަލުތަކެއް އެބަ ގެނެއެވެ.
މީގެ ކުރިން ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު ވެސް މާފަންނު ސަހަރާއިން ބައެއް ހުސްކޮށް ވަނީ އެ ތަނުގައި ޕާކިން ޒޯނެއް ހަދައިފައެވެ.
ފަތުވާ މަޖިލީހުން މިއަދު އާއްމު ކުރި 31 ވަނަ ފަތުވާގައި ބުނެފައިވަނީ އިސްލާމްދީން ވަނީ އާދަމްގެފާނުންގެ ދަރީން، އެކަލާނގެ އުފެއްދެވި ގިނަ މަޚުލޫޤުތަކުންގެ މައްޗަށް މާތްކުރައްވައި މަތިވެރި ކުރައްވާފައި ކަމަށެވެ.
މާތް اللهގެ ވަހީ ބަސްފުޅުތަކާއި ކީރިތި ރަސޫލާގެ ހަދީޘްތަކާ ހަވާލާދީ ފަތުވާ މަޖިލީހުން ބުނީ، އިންސާނުންގެ މި މަތިވެރިކަމަކީ މުސްލިމު އަޚާ ދިރިހުރުމާ ގުޅިފައިވާކަމެއް ނޫން ކަމަށެވެ. މަރުވުމަށް ފަހު ވެސް އެ އިޙުތިރާމު ދެމި އޮންނާނެ ކަމަށެވެ.
"ޢާއިޝަތުގެފާނުންގެ އަރިހުން ރިވާވެފައި ވެއެވެ. ހަމަކަށަވަރުން ﷲގެ ރަސޫލާ ޙަދީޘްކުރެއްވިއެވެ. "މައްޔިތެއްގެ ކަށި ބިންދުމަކީ، އެ މީހާ ދިރިހުރިއިރު އޭނާގެ ކަށި ބިންދުން ފަދަ ކަމެކެވެ."
ދަލީލުތަކާ ހަވާލާދީ ފަތުވާ މަޖިލީހުގެ ނިންމުމުގައި ބުނެފައިވަނީ މިއީ އިސްލާމީ ޝަރީޢަތުގައި ގިނަގުނަ ވަޢީދުގެ ބަސްފުޅުތައް ވާރިދުވެފައިވާ ކަމަކަށްވާއިރު، ކުޅިވަރުކުޅޭ ތަންތަނާއި ހިތްފަސޭހަ މައިޒާންފަދަ ތަންތަން ހެދުމަށް މުސްލިމުންގެ ޤަބުރުސްތާނުތައް އުވާލުން ނުވަތަ ނެގުން ހުއްދައެއް ނުވާނެ ކަމަށެވެ.
ފަތުވާ މަޖިލީހަކީ ފިގުހީ ކަންކަމުގައި ރައުޔު ނެރުމަށް އުފައްދާފައިވާ މަޖިލީހެކެވެ. އެ މަޖިލީސް އެކުލެވިގެންވަނީ ފަސް މެންބަރުންގެ މައްޗަށެވެ.
އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގަމުންއައި ފިގުހު އެކެޑަމީގެ ބަދަލުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީސްގެ ނަމުގައި އޮފީހެއް އުފެއްދީ 2016 ވަނަ އަހަރެވެ.