ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް ކައިރީގައި ދިވެހި ރުކުގެ ބަދަލުގައި ކަދުރު ރުއް ޖެހުމާ ގުޅޭ ގޮތުން އާންމުންގެ މެދުގައި ބަހުސްކުރަމުން ދަނިކޮށް، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަނބިކަނބަލުން ފަޒްނާ އަހުމަދު އެކަމަނާގެ ޚިޔާލު ފާޅުކުރައްވައިފިއެވެ.
ވީއައިއޭއިން އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ގޮތަށް ފަރުމާކޮށްފައިވާ އައު ޓާމިނަލް ކައިރީގައި ގަސް އިންދަމުން އަންނައިރު، އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކަދުރު ރުއް ހިމެނެއެވެ.
ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް)އިން ޓާމިނަލް ކައިރީގައި ރުއް އިންދާ މަންޒަރު ފެންނަ ފޮޓޯތައް ހިއްސާކުރުމާއެކު ބައެއް މީހުން މަންޒަރު ރީތި ކަމަށް ބުނެ ތައާރަފުކުރިއެވެ. އެހެން މީހުން ވަނީ، ދިވެހި ރުކުގެ ބަދަލުގައި ކަދުރު ރުއް އިންދި ސަބަބަކީ ކޮބައިތޯ ސުވާލު އުފައްދައި، ބޭރު ރުއް އިންދުމުން ދިވެހިވަންތަކަން ގެއްލޭ ކަމުގެ ޝަކުވާކޮށްފައެވެ.
އެ ބަހުސާ ގުޅޭ ގޮތުން ފަޒްނާ ވިދާޅުވީ، ކަދުރު ރުއް ޖަހަނީ ދިވެހި ރުއް ޖަހައިފިނަމަ ކާއްޓަކުން ޖެހިދާނެތީއާއި ސާފުކުރަން ފަސޭހަވާނެތީ ކަމަށް ލިޔެފައި އޮއްވައި ފެނުނު ކަމަށެވެ.

އައު ޓާމިނަލް ކައިރީ ގަސް އިންދުން: -- ފޮޓޯ/ އެމްއޭސީއެލް
"އަޅުގަނޑުގެ ހިތަށް އެރިއެވެ. ކާއްޓަކުން ޖެހި މި ރާއްޖޭގައި އަނިޔާވީ ކިތައް މީހުނަށްބާއެވެ. އަދި ސާފުކުރަން ފަސޭހަ ކޮށްލަން ޕްލާސްޓިކް ގަސް ޖަހާލިނަމަ އަދި މާ ފަސޭހަވާނެ ނޫންބާއެވެ،" އޭނާ ވިދާޅުވިއެވެ.
ފަޒްނާ ވިދާޅުވީ، ހަގީގީ މައްސަލަ ގުޅިފައިވަނީ ކަދުރު ރުއް ނުވަތަ ދިވެހި ރުކަކާ ނޫން ކަމަށާއި އަސްލު މައްސަލައަކީ ރޭވުންތެރި ކަމެއް ނެތުން ކަމަށެވެ. އެގޮތުން، ސަރުކާރުން ކުރާ ކަމަކާ އެކަމަކުން ހާސިލުކުރަން ބޭނުންވާ ނަތީޖާއާ މެދު ވިސްނަން ވެސް ބޭނުންނުވާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
"އެހެންނޫންނަމަ ކުރާ ކޮންމެ ކަމެއް ތަސައްވުރާ އެއްގޮތްކުރަން މަސައްކަތް ކުރާތަން ފެންނާނެއެވެ. ދިވެހި ވަންތަކަށް ކުރިއަރުވަން ބޭނުންވާނަމަ މައި ދޮރާށިން އެތެރެއަށް ވަންނައިރު ދިވެހި ވަންތަ ސިފަތައް ފެންނަން ހުންނާނެއެވެ. ހުންނާނީ ދިވެހި ގަސްގަހާގެއްސެވެ،" ފަޒްނާ ވިދާޅުވިއެވެ.
މާލެ ސަރަހައްދުގައި އާންމު ތަންތަނުގައި އެންމެ ފުޅާ ދާއިރާއެއްގައި ކަދުރު ރުއް އިންދައިފައިވަނީ ޞާލިޙްގެ ވެރިކަމުގައި، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގެ ދަށުން 2022 ވަނަ އަހަރެވެ. އެ ހަރަކާތުގެ ދަށުން 200 ގަސް އިންދާނެ ކަމަށް އެއިރު ކައުންސިލުން ބުނެފައިވެއެވެ.
މާލޭގެ ބޮޑުތަކުރުފާނު މަގުގައި އެ ގަސްތައް އިންދާފައިވާއިރު، އެއީ ރާއްޖޭގެ މާހައުލާ އެކަށީގެންނުވާ ރުއްތަކެއް ކަމަށް އެއިރު، ކަމާ ގުޅުން ހުރި ބައެއް މީހުން ބުނެފައިވެއެވެ.