މުޒާހަރާގެ ބައިވެރިން މަރުވި މައްސަލައިގައި ޙަސީނާގެ މައްޗަށް ދައުވާ އުފުލައިފި

ބަންގްލަދޭޝްގެ ކުރީގެ ރައީސް ޝައިޚް ޙަސީނާ. ޙަސީނާގެ މައްޗަށް އިތުރު ދައުވާއެއް އައިސީޓީން ވަނީ އުފުލާފައި. ފޮޓޯ/އޭޕީ

ބަންގްލަދޭޝްގައި މިދިޔަ އަހަރު ޖުލައި މަހު ހިނގި ގަތުލުއާންމުގެ ތެރޭގައި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް އެޅުއްވި ފިޔަވަޅުތަކާ ގުޅިގެން އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކެއް ހިންގި ކަމެއް ތުހުމަތުކޮށް، އެ ގައުމުގެ ކުރީގެ ރައީސް ޝައިޚް ޙަސީނާއާއި ސަރުކާރުގެ އޭރުގެ އިސް ދެ އޮފިޝަލުންގެ މައްޗަށް ބަންގްލަދޭޝްގެ އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލް (އައިސީޓީ) އިން ދައުވާކޮށްފިއެވެ.

ފަނޑިޔާރު ގޯލާމް މޮރްތޫޒާ މޮޒުމްދަރު އިސްކޮށް ހުންނަވައިގެން ފަނޑިޔާރު ޝާފިއުލް އަލަމް މަސޫދާއި މޮހިތުލް އީނަމް ޗޯދަރީ ހިމެނޭ ޓްރައިބިއުނަލުން ހަސީނާގެ މައްޗަށް ރަސްމީކޮށް ދައުވާ އުފުލާފައި ވަނީ އިއްޔެއެވެ.

އެ މައްސަލައިގެ ޝަރީއަތް އަންނަ އޮގަސްޓް މަހުގެ ތިން ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ އަޑުއެހުމުގައި ފުރަތަމަ ހެކިވެރިޔާ ހެކި ބަސް ދިނުމަށްވެސް ހަމަޖެހިފައިވާ ކަމަށް އަލް ޖަޒީރާއިން ރިޕޯޓުކުރެއެވެ.

ދައުވާ ލިބޭ އިތުރު ދެ މީހުންނަކީ ކުރީގެ ދާޚިލީ ވަޒީރު، އަސަދުއްޒާމާން ޚާން ކަމާލް އާއި ކުރީގެ ފުލުހުންގެ ވެރިޔާ ޗައުދަރީ އަބްދުﷲ އަލް މާމޫނެވެ. އަލްމާމޫން ކޯޓަށް ހާޒިރުވެ ބަންދުގައި ހުރިއިރު، ހަސީނާ އާއި ކަމާލް ވެސް ވަނީ ފިލައިގެން ގައުމުން ބޭރަށް ގޮސްފައެވެ.

އައިސީޓީން އެ ދައުވާ އުފުލާފައި ވަނީ ބަންގްލާދޭޝްގެ ބޮޑުވަޒީރުކަމުން ޙަސީނާ އިސްތިއުފާ ދެއްވަން މަޖުބޫރުކުރުވި މުޒާހަރާތައް ކުރިއަށް ދިޔައިރު "ލީތަލް ވެޕަން" ބޭނުންކޮށްގެން މުޒާހަރާގެ ބައިވެރިންނަށް ހަމަލާދޭން އޭނާ ހުއްދަ ދެއްވާ އޯޑިއޯއެއް ލީކުވެފައިވާ ދަނޑިވަޅެއްގައެވެ.

މިދިޔަ އަހަރު ޖުލައި މަހުގެ 18 ވަނަ ދުވަހުގެ އެ އޯޑިއޯގައި އިވެނީ މުޒާހަރާގެ ބައިވެރިން ފެނުނު ކޮންމެ ތާކުން ހަމަލާދޭން ހުއްދަ ދެއްވާ ކަމަށް ވިދާޅުވާ އަޑެވެ. އަދި މިކަމުގައި ނުރައްކާތެރި ހަތިޔާރު ބޭނުންކުރުމުގެ ހުއްދަ ވެސް ދެއްވައެވެ.

އެ އޯޑިއޯގައި އިވެނީ ހަސީނާގެ އަޑުކަން ކަށަވަރުކުރެވިފައިވާ ކަމަށް ބަންގްލަދޭޝްގެ ފުލުހުން ވަނީ ބުނެފައެވެ.

މިދިޔަ އަހަރު ޖުލައި މަހު ކިޔަވާ ކުދިންތަކެއް ކުރި މުޒާހަރާތަކަކަށްފަހު، ހަސީނާގެ 15 އަހަރުވީ ވެރިކަން ނިމުމަކަށް ގެނައުމުން އެކަމަނާ ވަނީ ފިއްލަވައިގެން އިންޑިއާއަށް ވަޑައިގެންފައެވެ.

ސަރުކާރު ވަޒީފާތަކަށް މީހުން ހޮވުމުގައި އަމަލުކުރާ ކޯޓާ ސިސްޓަމުގެ މައްސަލައިގައި ފުރަތަމަ ފެށި މުޒާހަރާތައް ވަރުގަދަވާން ފެށީ ފުލުހުން މުޒާހަރާތައް ހުއްޓުވަން ބާރުގެ ބޭނުންކުރަން ފެށުމުންނެވެ.

ފުލުހުން ބާރުގެ ބޭނުންކުރުމުން ހާހަކަށްވުރެ ގިނަ މީހުން މަރުވެފައި ވާއިރު، އެކަމުގެ ޒިންމާ ޙަސީނާ އުފުއްލަވަން ނުޖެހޭ ކަމަށް ވިދާޅުވެ އޭނާގެ ވަކީލް ވަނީ ދައުވާތަކަށް އިންކާރު ކުރައްވާފައެވެ.

ފިއްލަވައިގެން ވަޑައިގެން ނަމަވެސް ޙަސީނާގެ މައްޗަށް ވަނީ އެތައް ދައުވާއެއް އުފުލާފައެވެ. ކޯޓަށް އިހްތިރާމް ނުކުރުމުގެ ކުށުގައި ހަ މަސް ދުވަހަށް ޖަލަށް ލުމަށް ބަންގްލަދޭޝްގެ އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލް (އައިސީޓީ) އިން މިދިޔަ ހަފްތާވެސް ވަނީ ޙަސީނާގެ މައްޗަށް ހުކުމް ކޮށްފައެވެ.

އެއީ މައްސަލައެއްގައި މިހާތަނަށް ރަސްމީކޮށް ހުކުމް އިއްވި ފުރަތަމަ ފަހަރެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އުއްތަމަ ފަނޑިޔާރު މުހައްމަދު ތާޖުލް އިސްލާމް ވިދާޅުވީ އެ ހުކުމް ތަންފީޒުވާން ފަށާނީ އެކަމަނާ ހައްޔަރުކުރުމުން ނުވަތަ އަމިއްލައަށް ހަވާލުވެވަޑައިގަތުމުން ކަމަށެވެ.

comment ކޮމެންޓް