ވިޒިޓް މޯލްޑިވްސްއާއި ރެޑްބުލް ގުޅިގެން އެކްސްޓްރީމް ސްޕޯޓްސްގައި ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން ބުނީ، ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ އެސްޓޯނިއާގެ ސްލެކްލައިނާ، ޖާން ރޫޒް، ސްޕީޑުބޯޓަކާ ޕެރެސެއިލަކާ ދެމެދު އަޅާފައިވާ ވަލެއްގެ މަތީ ހިނގާފައިވާ ކަމަށެވެ.
ސްލެކްލައިނިންއަކީ އެކްސްޓްރީމް ސްޕޯޓެކެވެ. މި ކުޅިވަރު ކުޅެނީ ދެ އެންކާ ޕޮއިންޓެއްގެ ދެމެދުގައި ދެ އިންޗި ފުޅާ ނައިލޯން ނުވަތަ ޕޮލިއެސްޓާ ވަލެއް ވާންކޮށް ދަމައި، އޭގެ މަތީ ހިނގައިގެންނެވެ.

އެސްޓޯނިއާގެ ސްލެކްލައިނާ، ޖާން ރޫޒް ރާއްޖޭގައި ސްލެކްލައިން ކުރަނީ -- ފޮޓޯ/ ރެޑްބުލް ކޮންޓެންޓް ޕޫލް
ރޫޒްގެ މި ޕާފޮމެންސް ފިލްމުކޮށްފައިވަނީ ނޫނު އަތޮޅުގައިވާ ސިޔާމް ވޯލްޑުގައެވެ.
އެމްއެމްޕީއާރުސީން ބުނީ ރެޑްބުލްއާ ގުޅިގެން ކުރިޔަށް ގެންދާ ޕްރޮޖެކްޓުގެ މަގުސަދަކީ، ކުޅިވަރުގެ އެ ފަދަ ތަޖުރިބާތައް ކުރުމަށް އެންމެ އެކަށީގެންވާ އެއް މަންޒިލްގެ ގޮތުގައި ދުނިޔެއަށް ރާއްޖެ އިޝްތިހާރު ކުރުން ކަމަށެވެ.
ރޫޒް ބުނި ގޮތުގައި މިއީ އޭނާގެ އެންމެ އުނގަދޫ ޕްރޮޖެކްޓެވެ.
އޭނާއަކީ ސްލެކްލައިނިންގައި ތިން ފަހަރަށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ފަރާތެކެވެ. ރެޑްބުލްގެ އެތުލީޓެއްގެ ގޮތުގައި އޭނާ މަަސައްކަތްކުރަމުންދާއިރު، ދުބާއީގެ އުސް އިމާރާތްތަކުން ފެށިގެން ތުރުކީގެ އެކި ހިސާބުތަކުގައި ވެސް އޭނާ ސްލެކްލައިންކޮށްފައިވެއެވެ. އެހެން ނަމަވެސް އޭނާ ބުނި ގޮތުގައި މިއީ އެންމެ 'ޗެލެންޖިން' ޕްރޮޖެކްޓެވެ. މި ޕްރޮޖެކްޓަށް ތައްޔާރުވުމަށް އޭނާގެ ޓީމުން ރާއްޖޭގައި ދުވަސްތަކެއް ހޭދަކުރިއެވެ.
މި ޕްރޮޖެކްޓު ކުރިޔަށް ގެންދިޔައީ ހަފުތާއެއްހައި ދުވަހުގެ މުއްދަތަކަށެވެ.
މި ކަމާ ގުޅިގެން އެމްއެމްޕީއާރުސީގެ ސީއީއޯ، އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ ވިދާޅުވީ ޖެހިޖެހިގެން ފަސް އަހަރު ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަންގެ ހައިސިއްޔަތުން ރާއްޖެއަކީ ގުދުރަތީ ރީތިކަމުގެ އިތުރުން ވެސް، ލިބޭ އެތައް ފުރުސަތެއް ދުނިޔެއާ ހިއްސާކުރަމުންދާ ގައުމެއް ކަމަށެވެ.
އެ ގޮތުން ރެޑްބުލްއާއެކު ހެދުނު ޕާޓްނަޝިޕުގެ ތެރެއިން، އިނޮވޭޝަނާއި އެކްސްޓްރީމް ސްޕޯޓްސްގެ އިތުރުން، ހަނދާނުން ފޮހެނުލެވޭނެ ފަދަ ތަޖުރިބާތަކެއް އުފެދިގެން ދިޔަކަން އޭނާ ފާހަގަ ކުރެއްވިއެވެ. ޝިއުރީ ވިދާޅުވި ގޮތުގައި މި ޕްރޮޖެކްޓުގެ ސަބަބުން ދުނިޔޭގެ ކޮންޓެންޓު ހޯސްޓުކުރުމަށް ރާއްޖެއިންދޭ އަހަމިއްޔަތުގެ ބޮޑުކަން ދައްކުވައިދެއެވެ.
ޖާން ރޫޒްގެ ރާއްޖޭގެ ސްކެލްލައިން ޗެލެންޖުގެ އެޑިޓޯރިއަލް އެސެޓްސް އަދި ބިހައިންޑް ދަ ސީންސްގެ ކޮންޓެންޓު، ރެޑްބުލް ކޮންޓެންޓު ޕޫލް މެދުވެެރިކޮށް ބަލައިލެވޭނެއެވެ.
ރާއްޖޭގެ ފަތުރުވެރިކަން ބައިނަލްއަގުވާމީ ދުނިޔެއަށް އިޝްތިހާރު ކުރުމަށް އެމްއެމްޕީއާރުސީންދަނީ އެކިއެކި މަޝްރޫއުތައް ހިންގަމުންނެވެ. އެ ގޮތުން އިނގިރޭސި ފުޓުބޯޅަ ކްލަބް، ލިވަޕޫލުގެ އިތުރުން، ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ކެޓްރީނާ ކައިފްއާ އެކު ވެސް އެ ކުންފުނިންވަނީ ރާއްޖެ އިޝްތިހާރު ކުރުމަށް އެއްބަސްވުން ހަދައިފައެވެ.