ޑިންގީއެއްގައި ގދ. ގައްދޫއިން އެ އަތޮޅު ގަމަށް ދަތުރުކުރި 75 އަހަރުގެ ދިވެހި ފިރިހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުން ބުނީ އެ މީހާ ގައްދޫއިން ފުރީ މިއަދު ހެނދުނު 09:30 ހާއިރު ކަމަށާއި، އޭނާގެ ހިލަމެއް ނުވެގެން ފުލުހަށް އެ ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހަވީރު 17:05ގައި ކަމަށެވެ.
މިހާތަނަށް ބެލިބެލުމުން، ހެނދުނު 11:15ހާއިރު، އެ މީހާ ގަމުން ފުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޭނާ އެންމެ ފަހުން ފެނުނުއިރު، ލައިގެން ހުރީ ނޫ ކުލައިގެ އަތްކުރު ގަމީހަކާއި ކަޅު ކުލައިގެ ސޯޓެއް ކަމަށް ފުލުހުން ބުންޏެވެ.
އެ މީހާ ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އެމްއެންޑީއެފް ސައުތު ރީޖަން ކޯސްޓް ގާޑުން، ކަނޑުގެ ސަރަހައްދު ބެލުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. އަދި ގަމާއި ގަން ކައިރީ ފަޅުތައް ވެސް ބަލަމުންދާ ކަމަށާއި، މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެކަނި މަހަށް ގޮސް އުޅުމުގެ ތެރެއިން ވެސް ބައެއް މީހުން ގެއްލޭ މައްސަލަތައް މަދުމަދުން ފެންމަތިވެއެވެ.
ގދ. ގަމަކީ ގައްދޫގެ އިހްތިސާސުގެ ތެރޭގައި ހިމެނޭ ފަޅުރަށެކެވެ. އަދި އެ ރަށަކީ ގުދުރަތީ ގޮތުން ރާއްޖޭގައި އުފެދިފައި އޮތް ދެވަނައަށް އެންމެ ބޮޑު ރަށެވެ.