އެންސިސްގައި ރޯވުން: އަލިފާން ނިއްވާލައިފި، އެކަމު ދުން ބޯ

އެންސިސްގައި ރޯވުން: އަލިފާނުގެ 95 ނިއްވާލައިފި --

ހުޅުމާލޭ އިންޑަސްޓްރިއަލް ޒޯނުގައި ހުންނަ އެންސިސް ގުދަނުގައި ރޯވި އަލިފާންގަނޑުގެ އެއްކޮށްހެން މިހާރު ނިއްވާލެވިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފްއިން ބުނީ މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިރޭ 18:48 ހާއިރު ކަމަށެވެ. އެއާއެކު އެމްއެންޑީއެފްގެ ހުޅުމާލޭ ފަޔަ އެންޑް ރެސްކިއު ސާވިސްއިންވަނީ ވަގުތުން އެޓެންޑުވެފައެވެ.

ހާދިސާ ހިނގި ސަރަހައްދުން މީގެ ކުރިން "ސަން"އާ ވާހަކަ ދައްކަވަމުން، ފަޔަ އެންޑް ރެސްކިއުގެ އޮފިސަރަކު ވިދާޅުވި ގޮތުގައި ފަޔަ އެންޑް ރެސްކިއު ޓީމުން އެ ސީންއަށް އެޓެންޑުވިއިރު، އަލިފާންގަނޑުވަނީ ވަރަށް ބޮޑަށް ރޯވެފައެވެ. އެއާއެކު މާލޭގެ ފަޔާ ސްޓޭޝަނުން ވެސް ވަނީ އެހީތެރިކަން ހޯދައިފައެވެ.

އަދި މިހާތަނަށް އައިއިރު އެއްވެސް މީހަކަށް މި ހާދިސާގައި އަނިޔާއެއް ލިބުނު ކަމުގެ މައުލޫމާތެއް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/208450

"ސަން" އާ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އެމްއެންޑީއެފުން ބުނީ އަލިފާންގަނޑު އެކީހެން ނިއްވާލެވިފައިވާ ކަމަށެވެ. އަދި ދުމުގެ އަސަރު ގިނައިރުތަކެއް ވަންދެން ހުންނާނެކަން ފާހަގަ ކުރެއްވިއެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ ސަރަހައްދުން ދުން އަރާތީ، އާންމުން ސަމާލުވާން ވެސް ފުލުހުންވަނީ އެދިފައެވެ.

މި ހާދިސާއާ ގުޅިގެން، އެ ސަރަހައްދުގައި ދުން ބޯވެ ފެތުރެމުން ދާތީ، ދުރު ފެންނަ މިންވަރު ވަނީ ދަށްވެފައެވެ. އަދި މި ހާދިސާގެ ސަބަބުން، ޚާއްސަކޮށް ނޭވާލުމުގެ ދަތިކަން ހުންނަ ފަރާތްތަކަށް ސިއްހީ ގޮތުން ނޭދެވޭ އަސަރުތަކެއް ކުރުމުގެ ފުރުސަތު އޮތްކަން ފާހަގަކޮށް، ފުލުހުންވަނީ ސަމާލުވާން އެދިފައެވެ.

އެހެން ކަމުން، ޒަރޫރީ ބޭނުންތަކުގައި ނޫނީ، އެ ސަރަހައްދަށް ނުދިއުމަށާއި އެ ސަރަހައްދަށް ދާ މީހުން މަގު ބޭނުންކުރާއިރު ޚާއްސަ ސަމާލުކަމެއް ދޭން ފުލުހުން އެދެއެވެ.

އަދި އެ ސަރަހައްދާ ކައިރި ހިސާބުތަކުގައި ދިރިއުޅޭ އެންމެން ގޭގެ ކުޑަދޮރުތަކާއި ދޮރުތައް ލައްޕައި، ބޭރަށް ނުކުންނަން ޖެހިއްޖެނަމަ މާސްކު އެޅުންފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ފުލުހުންގެ ޚިދުމަތުން އިލްތިމާސްކުރެއެވެ.

މި ހާދިސާ ހިނގި ސަރަހައްދު ބައްލަވައިލެއްވުމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއާ ޖެނެރަލް އަހްމަދު ޣިޔާސް އެ ސަރަހައްދުގައި ހަރަކާތްތެރިވެ ވަޑައިގެންފައިވެއެވެ.

comment ކޮމެންޓް