ގިނަ އަދަދެއްގެ މުދަލާއެކު ދަތުރުކުރަމުން ދަނިކޮށް، ވ. އަތޮޅު ކައިރިން އޯޝަން އެކްސްރްޕްރެސް ބޯޓު ވަރަށް ބޮޑަށް ދިޔަވެ އެއްކޮށް އަޑިއަށް ގޮސްފައިވާއިރު، އޭގައި ދަތުރުކުރި 12 މީހުން ސަލާމަތުން މިރޭ މާލެ ގެނެސްފިއެވެ.
އެމްއެންޑީއެފުން ބުނީ އެ ބޯޓުން ދަތުރުކުރީ 8 ދިވެހީންނާއި ހަތަރު ބިދޭސީން ކަމަށެވެ.
ލ. ހިތަދޫއަށް ދަތުރުކުރަމުންދިޔަ "އޯޝަން އެކްސްޕްރެސް" ބޯޓު ދިޔަވީ ރިހިވެލި މޯލްޑިވްސް ރިސޯޓު ކައިރިއަށެވެ. ބޯޓު މިހާރު ވަނީ އަޑިއަށް ގޮސްފައެވެ.
އެމްއެންޑީއެފުން ބުނީ އެ ބޯޓުގައި ތިބި އެންމެން ސަލާމަތްތެރިކަމާ އެކު މިރޭ 22:52 ހާއިރު މާލެ ގެނެސްފައިވާ ކަމަށެވެ. އެ މީހުން މާލެ ގެނެސްފައި ވަނީ އޮޅުވެލި ބީޗް ރިޒޯޓްގެ ލޯންޗަކާއި، ކޯސްޓްގާޑުގެ ހާބާކްރާފްޓް 113ގައި ކަމަށް ބުންޏެވެ.
އެ ބޯޓުގައި ދަތުރުކުރި މީހުން "ސަން"އަށް ކިޔައިދިން ގޮތުގައި ބޯޓުގައި ގިނަ އަދަދަކަށް މުދާ ބަރުކޮށްފައި ހުއްޓެވެ. އޭގެ ތެރޭގައި ފެނާއި، ފެނަކަ އިންޖީނު ގެއަށް ބޭނުންވާ ޑީސަލާއި، ލަކުޑިއާއި، ފޮށިގަނޑުގަނޑު ހިމެނެއެވެ.
ބޯޓުން ދަތުރުކުރި މީހަކު ބުނި ގޮތުގައި ބޯޓު ދިޔަވާން ފެށީ އިރުއޮއްސުނުތަނާއެވެ.