އެމެރިކާއިން ގައުމުތަކަށް ދޭ އެހީ ކުޑަކުރުމުގެ ސަބަބުން އެޗްއައިވީއަށް މިހާތަނަށް ލިބިފައިވާ ކުރިއެރުން ފަހަތަށް ޖެހިދާނެ ކަމަށް އެޗްއައިވީ/އެއިޑްސްއާ ބެހޭ ގޮތުން އދ ން ނެރޭ އަހަރީ ރިޕޯޓުގައި ބުނެފިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިމަޖެންސީ ޕްލޭން ފޯ އެއިޑްސް ރިލީފް (ޕެޕްފާ) އަށް ދޭ އެހީ ކަނޑާލަން ނިންމުމުން 2029 ވަނަ އަހަރުގެ ނިޔަލަށް އިތުރު ހަ މިލިއަން މީހުންނަށް އެޗްއައިވީ ޖެހި، އެއިޑްސްއާ ގުޅިގެން އިތުރު ހަތަރު މިލިއަން މަރުވެދާނެ ކަމަށް ބުރާސްފަތި ދުވަހު އާންމުކުރި އެ ރިޕޯޓުގައި ބުނެފައިވެއެވެ.
"އާމްދަނީ ދަށް އަދި މެދުފަންތީގެ ގައުމުތަކުގައި ހިންގާ އެޗްއައިވީ ޕްރޮގްރާމްތަކަށް ކުއްލި، ބޮޑެތި މާލީ ބުރޫއެރުންތަކެއް ކުރިމަތިވެ، އެޗްއައިވީ ކޮންޓްރޯލު ކުރުމަށް އަހަރުތަކެއް ވަންދެން ކުރި މަސައްކަތުން ލިބުނު ކުރިއެރުންތައް ފަހަތަށް ޖެހިދާނެ ކަމުގެ ބިރު އެބައޮތް." އދގެ އެއިޑްސްގެ ރިޕޯޓުގައިވެއެވެ.
ރިޕޯޓުގައިވާ ގޮތުން އެޗްއައިވީ ޖެހޭ މީހުންނާއި އެއިޑްސްއާ ގުޅުން ހުރި ސަބަބުތަކާ ގުޅިގެން މަރުވާ މީހުން އަދަދު ހުރީ ވޭތުވެދިޔަ 30 އަހަރުވެސް ވަރަށް ދަށް މިންވަރެއްގައެވެ.
ނަމަވެސް، 2024 ވަނަ އަހަރު ނިމުނުއިރު، އެ އަދަދު ދަށްވުމަކީ 2030 ވަނަ އަހަރުގެ ނިޔަލަށް އާންމު ސިއްހަތުގެ ކަންބޮޑުވުމެއްގެ ގޮތުގައި އެއިޑްސް ނައްތާލުމަށް އެކަށީގެންވާ މިންވަރެއް ނޫން ކަމަށް ރިޕޯޓުގައިވެއެވެ.
އަލަށް ބަލިޖެހުނު މީހުންގެ އަދަދު ސަބް ސާހަރަން އެފްރިކާގައި 56 އިންސައްތަ ވަނީ ދަށްވެފައެވެ.
"ސަބް ސަހާރަން އެފްރިކާގެ ފަސް ގައުމަކުން 2030 ވަނަ އަހަރުގެ ނިޔަލަށް އަލަށް ބަލި ޖެހޭ މީހުންގެ އަދަދު 90 އިންސައްތައަށް ދަށްވުން ވަރަށް ބޮޑަށް އެކަށީގެންވޭ." އެ ރިޕޯޓުގައިވެއެވެ.
ނަމަވެސް ދުނިޔޭގެ އެކި ކަންކޮޅުތަކަށް އިންސާނީ އެހީތެރިކަން އެންމެ ގިނައިން ދިން ގައުމަކަށް އެމެރިކާ ވާއިރު، އެހީ ދޭ މިންވަރު މަދުކުރުމުން އެއިޑްސް ކޮންޓްރޯލު ކުރުމަށް ކުރާ މަސައްކަތަށް ވަރަށް ބޮޑަށް އަސަރު ކުރާނެ ކަމަށް އެ ރިޕޯޓުގައިވެއެވެ.
ގިނަ ގައުމުތަކުގައި އަދިވެސް ފުރާނަ ސަލާމަތްކުރާ އެންޓިރެޓްރޯވައިރަލް ބޭސްތަކާއި އިންފެކްޝަނަށް އެންމެ ނާޒުކު މީހުންނަށް އެހީތެރިވާ ކްލިނިކްތައް ހުރިއިރު، އެހީ ދިނުން ހުއްޓާލުމުން އެ ފެސިލިޓީތައް ބަންދުކޮށް ހޭލުންތެރި ކުރުމަށް ހިންގާ ޕްރޮގްރާމްތައްވެސް މަދުކުރަން ވަނީ މަޖުބޫރުވެފައެވެ.
ޕެޕްފާ އަކީ 2003 ވަނަ އަހަރު އެމެރިކާގެ އޭރުގެ ރައީސް ޖޯޖް ޑަބްލިއު ބުޝް ފައްޓަވާފައިވާ ޕްރޮގްރާމެކެވެ. މިއީ ގިނަ ބަޔަކަށް ފޯކަސްކޮށްގެން ގައުމަކުން ހިންގާ އެންމެ ބޮޑު ޕްރޮގްރާމެވެ.