ފްލައިޓް ޓިކެޓް ނުލިބުމުން ރަށަށް ދާން އެރި ބޯޓް އަޑިއަށް، ސަލާމަތްވީ ކިރިޔާ!

ދިޔަވެ އަޑިއަށް ދިޔަ "އޯޝަން އެކްސްޕްރެސް" ބޯޓުގައި ބަޔަކު ލައިފް ޖެކެޓު އަޅައިގެން -- ފޮޓޯ: ސަން

އިއްޔެ މެންދުރު ދަތުރަށް ފެށުމާ ހަމައަށް ވެސް މެޓު އޮފީހުން އޮތީ، މި ސަރަހައްދަށް ވާރޭ ވެހި ވައިގަދަވާނެ ކަމަށް ބުނެ ވައިޓް އެލާޓް ނެރެފައެވެ. މުދާ އުފުލާ ބޯޓެއްކަމަށްވާ އޯޝަން އެކްސްޕްރެސް އޭރު އޮތީ، މުދާ ބަރުކޮށް ލ. ހިތަދުއަށް ދަތުރު ފަށަން ތައްޔާރަށެވެ. ލ. އަތޮޅަށް ދިއުމުގެ ކުރިން އޮތީ ތ. އަތޮޅަށް ވެސް ޖައްސާ ގޮތަށެވެ. ނަމަވެސް، އެ ބޯޓަށް މެދުވެރިވީ ބަދުނަސީބު ހާދިސާއެކެވެ. އިއްޔެ އިރުއޮއްސުނު ވަގުތު، ކ. އަތޮޅު ކައިރިން ގަދަ ކޮޅިގަނޑެއްގައި ޖެހި، ބަރުކުރި ހުރިހާ މުދަލަކާ އެކު، ދިޔަވެ އަޑިއަށް ދިޔައީއެވެ.

އެ ބޯޓުން ދަތުރުކުރި 12 މީހުންގެ ތެރެއިން އެކަކީ (އަސްލު ނަމެއް ނޫން) އަލީ އިޝްފާގެވެ. އިޝްފާގު މި ބޯޓުގައި ހުރީ އެންމެ ބޭނުމަކުއެވެ. އެއީ އޭނާގެ ރަށް ލ. ހިތަދުއަށް ދިއުމަށެވެ. އާންމުކޮށް އޭނާއަކީ މަތިންދާ ބޯޓުން ދަތުރުކުރާ މީހެއް ނަމަވެސް މި ފަހަރު އޭނާއަށް އޯޝަން އެކްސްޕްރެސްއަށް އަރަން މަޖުބޫރުވީއެވެ. އެއީ، އެއާލައިނުން ޓިކެޓެއް ނުލިބުނީމައެވެ.

"ދެން މި ފަހަކަށް އައިސް ގިނައިން ފްލައިޓުން ކުރަނީ. މި ފަހަރު ދެން ކުއްލިއަކަށް ރަށަށް ދާން ޖެހިގެން ފްލައިޓުން ޖާގަ ނުލިބޭތީ ބޯޓަށް އެރީ،" ބޯޓުގެ ފަޅުވެރިންގެ އިތުރަށް ދަތުރުކުރި ހަ މީހުންގެ ތެރޭ ހިމެނޭ އިޝްފާގު ބުންޏެވެ.

ވެހެމުން އައި ވާރޭގެ ތެރެއިން މާލޭ ނޯތު ހާބަރުން އެ ބޯޓު ދަތުރު ފެށީ މެންދުރު ފަހު 14:45 ހާއިރެވެ.

ދިޔަވެ އަޑިއަށް ދިޔަ "އޯޝަން އެކްސްޕްރެސް" ބޯޓުގައި ބަޔަކު ލައިފް ޖެކެޓު އަޅައިގެން -- ފޮޓޯ: ސަން

"ބޯޓުގައި ގުޑިލާނެ ޖާގަ ވެސް ނެތް"

އިޝްފާގު ބުނީ ބޯޓު އޮތީ އެއްކޮށްހެން މުދާ ބަރުކޮށް ފުރިފައި ކަމަށެވެ. އަދި، އޭގެ ތެރޭ މީހަކު ގުޑިލާނެ ޖާގަ ވެސް ނޯންނާނެ ކަމަށް އޭނާ ބުންޏެވެ.

"ހަ މީހުންގެ ބުރަކަށި ކިރިޔާ ޖައްސައިލެވޭ ވަރު ޖާގައެއް އޮންނާނީ. ތިރި ވެސް މަތި ވެސް ހަމަ ފުލްވެފައި،" އިޝްފާގު ބުންޏެވެ.

އޭނާ ބުނީ، އޭގައި މައިގަނޑު ގޮތެއްގައި ހުރީ ފޮށި ދާގީނާއާއި، ފެން ކޭސްތަކާއި، އިންޖީނުތަކަށް ބޭނުންވާ ތެޔޮ ކަމަށެވެ. ކޮންމެއަކަސް، ދަތުރުކުރަމުން ކ. އަތޮޅުން ބޯޓަށް ނުކުމެވުނީ އިރުއޮއްސެން ގާތްވެފައިވަނިކޮށެވެ. އިޝްފާގު ބުނީ، ބޯޓަށް ކޮޅިގަނޑު ލައްވައިލީ އެހާ ހިސާބުން ކަމަށެވެ.

"އެ ހިސާބުން ފެށިގެން ބޯޓު ލުއިކުރަމުން ދިޔައީ. ފުރަތަމަ އުކީ ބޯޓުގައި ހުރި ފެން. ފެން ހުރީ ހަމަ ދެކޮޅުގައި އަރިމަތިން ފެށިގެން ބޯޓުގެ ކުރިއާ ހަމައަށް،" އޭނާ ބުންޏެވެ.

އޭރު ވެސް ގަދަ ކަނޑުގައި އޮތް އެ ބޯޓުގެ ފަހަތުކޮޅަށް އައީ ރާޅު އަރަމުންނެވެ. އަދި ބޯޓު ތެރެއަށް ފެން ނުވަންނާނެހެން ދޮރު ލައްޕާފައި ހުރި ނަމަވެސް އެތެރެއަށް ދިޔައީ ފެން ވަންނަމުންނެވެ. އެ ވަގުތު ބޯޓުގެ ޕެޓްރޯލު ޕަންޕު ވެސް ޖެއްސޭ ގޮތެއް ނުވިއެވެ.

ފަހަރަކު ކޮޅަކަށް ބޯޓު އަރިވަމުން ދިޔައިރު، ފޮށިތައް ވެސް ހުރީ އެފުށްމިފުށަށް ޖެހިފައެވެ.

"އިންޖީނު ވެސް ގާތްގަނޑަކަށް އެއްކޮށް އަޑީގައި އޮތީ އަހަރެމެން ފޭބިއިރު،" އޭނާ ބުންޏެވެ.

ސަލާމަތްވީ ކިރިޔާ

އާންމުކޮށް މަތިންދާ ބޯޓުން ދަތުރުކުރާ އިޝްފާގު ކަނޑުމައްޗަށް އެރި، މި ފަހަރު ދިމާވި މި ހާދިސާއާ އެކު އޭނާއަށް ލިބިފައިވަނީ ބޮޑު ސިހުމެކެވެ. ނަމަވެސް، މަސްވެރިކަން ކުރުމުގައި ކުރިން ކަނޑުމަތީ އުޅެފައި ހުރުމުން، މިފަދަ ކަމެއް ދިމާވެއްޖެ ނަމަވެސް ހާސްވުމެއް ނެތި އަޅަންވީ ފިޔަވަޅުތައް އޭނާއަށް އެނގެއެވެ.

"އެހެންވީމާ އެހާ ބޮޑަކަށް އަނެކެއްޗެއް [ހާހެއް] ނުވޭ. ހުރިހާ އެންމެން ލައިފް ޖެކެޓް އަޅުވަން އަޅުގަނޑު އިސްވެ އެހީތެރިވީ. އަޅުގަނޑު ބުނީ އަޅައިގެންނޭ ތިބެންވާނީ. އޭރު އަދި އަނދިރި ވެސް ނުވޭ،" އޭނާ ކިޔައިދިނެވެ.

ލައިފް ޖެކެޓު އަޅައި، ސަލާމަތްވެވޭނެ އިރަކަށް އެ އެންމެން ވެސް ތިބީ ދުއާކޮށްލައިކޮށްލައެވެ. ކޯސްޓު ގާޑަށް ގުޅައި، ސަލާމަތްކުރަން އަންނާނެ އިރަކަށެވެ. އެހެން ތިއްބައި އެންމެ ފުރަތަމަ ވެސް ގާތްކުރީ ރިހިވެލި ރިސޯޓުގެ ކުޑަ ލޯންޗެކެވެ. އެއަށް ފަހު އައި ސަން ސިޔާމް އޮޅުވެލި ރިސޯޓުގެ ލޯންޗެކެވެ. އެ ލޯންޗަށް 10 މީހުން އެރުވިއެވެ. އިރުކޮޅެއް ތެރޭ ކޯސްޓުގާޑް ހާބަކްރާފްޓު ވެސް އަތުވެއްޖެއެވެ. ކޯސްޓުގާޑާއި ރިހިވެލީގެ ލޯންޗަށް އެރީ ބާކީ ތިބި ދެ މީހުންނެވެ. އުޅަނދަށް އެންމެންނަށް އެރުނުއިރު، ބޯޓު އެކީހެން ދިޔަވެ، ބޮޑުބައި އޮތީ އަޑީގައެވެ.

ދެރައީ މޫސުމަށް ނުބެލުމުން

އިޝްފާގު ބުނީ، މޫސުން މިހާ ގޯސްއިރު ވެސް ދަތުރަށް ފުރުމަކީ ހެދި އެންމެ ބޮޑު އެއް ގޯސްކަމަށެވެ.

އެގޮތުން ލ. އަތޮޅަށް ކުރާ ދަތުރަކީ 24 ގަޑިއިރަށްވުރެ ދިގު ދަތުރަކަށްވާއިރު، އެ ފަދަ ދިގު ދަތުރަކަށް ފެށުމުގެ ކުރިން މޫސުމަށް ކޮންމެހެން ވެސް ސަމާލުކަން ދިނުން އެއީ މުހިންމު ކަމެއް ކަމަށް އޭނާ ބުންޏެވެ. މި ހިނގި ހާދިސާއިން އެކަމުގެ މެސެޖު ދީފިއެވެ.

ބޯޓާއެކު އޭގައި ހުރި މުދާތައް ވެސް އަޑިއަށް ދިޔައީއެވެ. އެތައް ލައްކަ ރުފިޔާގެ ގެއްލުން ވެސް ލިބުނީއެވެ.

ނަމަވެސް، މި ހާދިސާގައި ބޯޓުން ދަތުރުކުރި 12 މީހުންގެ ތެރެއިން އެއްވެސް މީހަކަށް ދެރަ ގޮތެއް ނުވެ، އެ އެންމެންނަށް ސަލާމަތުން މާލެ އާދެވުމަކީ އެންމެ ބޮޑު ނަސީބެވެ. މިއީ ވެސް އިބުރަތް ހާސިލުކުރަން ލިބުނު ފިލާވަޅެކެވެ. ގަދަ ކަނޑުގައި މޫސުމަށް ނުބަލައި ދަތުރުނުކުރަން އަންގައިދޭ ރަތުގެ އިންޒާރެކެވެ.

comment ކޮމެންޓް