އެންސިސްގައި ރޯވުން: އަލިފާން ނިއްވަން އުޅުނު 3 ފުލުހަކަށް ދުމުގެ އަސަރުކޮށްގެން ފަރުވާދެނީ

އެންސިސްގެ ގުދަނުގައި ރޯވުން: އަލިފާން ނިއްވަން އުޅުނު 3 ފުލުހަކަށް ދުމުގެ އަސަރުކޮށްގެން ފަރުވާދެނީ -- ސަން ފޮޓޯ/ ޝާމިން

ރޭ ހުޅުމާލޭ އިންޑަސްޓްރިއަލް ޒޯނުގައި ހުންނަ އެންސިސް ގުދަނުގައި ރޯވި އަލިފާންގަނޑު ނިއްވަން އުޅުނު ތިން ފުލުހަކަށް ދުމުގެ އަސަރުކޮށްގެން ފަރުވާދެމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

އަލިފާން ރޯވީ އެންސިސް ގުދަނުގެ ހަތަރުވަނަ ފްލޯގައެވެ.

އެމްއެންޑީއެފްއިން ބުނީ، މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ ރޭ 18:48 ހާއިރު ކަމަށެވެ. އެއާއެކު އެމްއެންޑީއެފްގެ ހުޅުމާލޭ ފަޔާ އެންޑް ރެސްކިއު ސާވިސްއިންވަނީ ވަގުތުން އެޓެންޑުވެފައެވެ.

ރޯވި އަލިފާންގަނޑު އެއްކޮށްހެން ނިއްވާލެވުނީ ރޭ މެންދަމު ތިނެއް ވެސް ޖެހި ފަހުންނެވެ. އޭރު ވެސް މުޅި ސަރަޙައްދުގައި ދުންގަނޑު ވަނީ ބޯވެފައެވެ.

އެންސިސްގައި ރޯވުން: މުޅި ސަރަހައްދުގައި ރޭ ވަނީ ދުންގަނޑު ބޯވެފައި --

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ރޭ ހުޅުމާލޭގައި ހިނގި އަލިފާނުގެ ހާދިސާ ކޮންޓްރޯލްކުރުމަށް މަސައްކަތްކުރުމުގެ ތެރޭގައި ދުމުގެ އަސަރުކޮށްގެން ހުޅުމާލޭގައި މަސައްކަތްކުރާ ތިން ފުލުހަކު ރެއިން ފެށިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާ ކަމަށެވެ. އަދި، އެ ތިން ފުލުހުންގެ ހާލު ވެސް މިހާރު ރަނގަޅުވަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އެ ހާދިސާގައި އިތުރު މީހަކަށް އަނިޔާވިކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

ހާދިސާ ހިނގި ސަރަހައްދުން ރޭ "ސަން"އާ ވާހަކަ ދައްކަވަމުން، ފަޔާ އެންޑް ރެސްކިއުގެ އޮފިސަރަކު ވިދާޅުވި ގޮތުގައި ފަޔަ އެންޑް ރެސްކިއު ޓީމުން އެ ސީންއަށް އެޓެންޑުވިއިރު، އަލިފާންގަނޑުވަނީ ވަރަށް ބޮޑަށް ރޯވެފައެވެ. އެއާއެކު މާލޭގެ ފަޔާ ސްޓޭޝަނުން ވެސް ވަނީ އެހީތެރިކަން ހޯދައިފައެވެ.

މި ހާދިސާ ހިނގި ސަރަހައްދު ބައްލަވައިލެއްވުމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއާ ޖެނެރަލް އަހްމަދު ޣިޔާސް އެ ސަރަހައްދުގައި ހަރަކާތްތެރިވެ ވަޑައިގެންފައިވެއެވެ.

comment ކޮމެންޓް