ދުނިޔޭގެ ބޮޑެތި ޔުނިވާސިޓީތަކުގައި މަސައްކަތްކުރައްވައި ސިއްހީ ގިނަ ދިރާސާތަކެއް ހައްދަވާފައިވާ, ބަޔޯމެޑިކަލް ރިސާޗް ސައިންޓިސްޓް ޑރ. އިބްރާހީމް މުސްތަފާ ރޭ އަވަހާރަވެއްޖެއެވެ.
އާއިލާއިން މައުލޫމާތު ދިން ގޮތުގައި, އައްޑޫ ސިޓީ ހުޅުދުއަށް ނިސްބަތްވާ, އުމުރުން 57 އަހަރުގެ ޑރ. އިބްރާހީމް ރޭ އަވަހާރަވީ, އިންޑިއާގެ ކޮޗިންގައި ފަރުވާ ދެއްވަމުން ގެންދަވަނިކޮށެވެ. އޭނާ އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުއްވުމަށް ފަހުގައެވެ.
އެއީ ކޮން ބައްޔަކަށް ކަމެއް އާއިލާއިން ހާމައެއް ނުކުރެއެވެ.
އާއިލާއިން މައުލޫމާތު ދޭ ގޮތުގައި ޑރ. އިބްރާހީމްގެ ޖަނާޒާގެ ކަންކަން މިއަދުގެ އަސަރުގެ ނަމާދަށް ފަހު ކޮޗިންގައި ކުރިއަށް ގެންދިއުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
ޑރ. އިބްރާހީމަކީ ތެލެސީމިއާ ބޭފުޅެއް ކަމަށް ބަލައި ކުޑައިރުން ފެށިގެން ލޭ އަޅަމުން ދިޔަ މީހެކެވެ. ނަމަވެސް, ފަހުން ބެލިބެލުމުން އެނގުނީ އޭނާއަކީ ލޭ އަޅަން ނުޖެހޭ މީހެއް ކަމެވެ.
އޭނާ ޕީއެޗްޑީ ހެއްދެވީ ޕެތޮލޮޖީ އެންޑް ލެބޯޓްރީ މެޑިސިންގެ ދާއިރާއިން, ކެނެޑާގެ, ޔުނިވާސިޓީ އޮފް ބްރިޓިޝް ކޮލޮމްބިއާ އިންނެވެ.
ޑރ. އިބްރާހީމް ގިނަ ދިރާސާތަކެއް ވަނީ ތެލެސީމިއާ ދާއިރާއާ ގުޅޭގޮތުން ހައްދަވައިފައެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ދިރާސާއަކީ ލޭ އަޅަން ޖެހޭ ބައެއްް ތެލަސީމިއާ ކުދިން ބޭހެއް ކައިގެން ލޭ ނާޅާ އުޅެވިދާނެކަން ސާބިތު ކޮށްދިން, "އަޔަން ކެލޭޝަން ތެރަޕީ" އާ ބެހޭ ރިސާޗެވެ.
ރާއްޖޭގައި ޚިދުމަތްކުރެއްވިއިރު މޯލްޑިވްސް ބްލަޑް ސާވިސް އުފެއްދެވުމުގައި އިސް ދައުރެއް އަދައިކުރެއްވެވިއެވެ. އޭގެ އިތުރުން ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސްގެ ނައިބު ރައީސްކަމާއި ޝީގެ އިސް މަގާމެއް ފުރުއްވުމުގެ އިތުރުން އައިޖީއެމްއެޗްގައި ވެސް މަސައްކަތް ކުރެއްވެވިއެވެ.
ސިއްހީ ދާއިރާއިން ދިރާސާތައް ހެދުމުގެ ފުރުސަތު ރާއްޖޭން ނުލިބޭތީ ޑރ. އިބްރާހީމް ފަހުން ގިނައިން އުޅުއްވީ ރާއްޖޭން ބޭރުގައެވެ. އެގޮތުން، ގަތަރާއި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ ޔުނިވާސިޓީތަކުގައި އޭނާ މަސައްކަތް ކުރެއްވެވިއެވެ. އެންމެ ފަހުން ހުންނެވީ ޔޫއޭއީގެ ހަޔާ ކޮލެޖް އޮފް ޓެކްނޮލޮޖީގެ އެސިސްޓެންޓް ޕްރޮފެސާ އޮފް ބަޔޯމެޑިކަލް ސައިންސްގެ މަގާމުގައެވެ.