ހޯކްސްއާ ދެކޮޅަށް ހެއްކެއް ނެތް، ދައުވާކުރީ ތިން މީހަކަށް

ވަގަށް އެތެރެކޮށްފައިވާ މެންޗިސްޓާ ބްރޭންޑްގެ ސިނގިރޭޓުތަކެއް: އެ ކުންފުންޏާ ދެކޮޅަށް ދައުވާކުރަން ހެކި ނެތްކަމަށް ޕީޖީން ބުނި -- ފޮޓޯ/ ކަސްޓަމްސް

ކަނޑުމަގުން ވަގަށް ދިވެހިރާއްޖެއަށް މެންޗެސްޓާ ބްރޭންޑު 200 މާސްޓާ ކާޓަން ސިނގިރޭޓު އެތެރެކުރިކަމުގެ ތުހުމަތުވާ މައްސަލައިގައި ދައުވާކުރީ ތިން މީހެއްގެ މައްޗަށް ކަމަށާއި ދަ ހޯކްސް ޕްރައިވެޓު ލިމިޓެޑާ ދެކޮޅަށް ދައުވާނުކުރީ އެ ވަރަށް ހެއްކި ނެތުމުން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ބުނެފިއެވެ.

މި މައްސަލައިގައި ހޯކްސްއާ ދެކޮޅަށް ދައުވާކުރުން ލަސްވެ، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީގައި ވަނީ އެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެ ކަމާ ގުޅިގެން ޕީޖީ އޮފީހުން ބުނީ، އެ މައްސަލައިގެ ތަހުގީގުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ފުޅާދާއިރާއެއްގައި ތެލުގެ ވިޔަފާރިކުރާ ހޯކްސް ކުންފުންޏާއި 17 މީހަކަށް ކުށުގެ ތުހުމަތުކުރާ ކަމަށެވެ. އޭގެ ތެރެއިން، އިންޑިއާއަށް ނިސްބަތްވާ 11 މީހަކާއި ބަންގްލަދޭޝްގެ ދެ މީހަކު ކުށަށް އިއުތިރާފުވެ، ނަސޭހަތުގެ އެއްބަސްވުމެއް ހަދަން އެދުމުން، އެ މީހުންނަށް ދައުވާނުކޮށް އެއްބަސްވުން ހަދަން މޭ މަހުގެ ހަތަރުވަނަ ދުވަހު ވަނީ ނިންމައިފައެވެ.

މި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާ ކުރީ މޭ މަހުގެ އަށްވަނަ ދުވަހެވެ. ތިން މީހުންގެ މައްޗަށް ވެސް އުފުލާފައިވަނީ ރާއްޖެއަށް ސިއްރުން މުދާ އެތެރެކުރަން އުޅުނުކަމުގެ ކުށުގެ ދައުވާއެވެ. އެއީ؛

  • އާދަމް ރަމީޒް
  • މުހައްމަދު ނަސީރު
  • މުހައްމަދު ދީދީ

"މި މައްސަަލައިގައި ތުހުމަތުކުރެވޭ ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑާއި، އިސްމާއިލް އާދަމްގެ މައްޗަށް ޖިނާއީ ދައުވާއެއް ސާބިތުކުރެވޭ މިންވަރަށް ހެއްކާއި ޤަރީނާ ލިބިފައިނުވާތީ، އެ ދެ ފަރާތުގެ ބައި މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް އަނބުރާ ފޮނުވުނު،" ޕީޖީ އޮފީހުން ބުންޏެވެ.

https://sun.mv/208346

އެކަމަކު، މި މައްސަލައިގައި ކުންފުންޏާ ދެކޮޅަށް ދައުވާކުރުމުގެ މުއްދަތު ހަމަނުވާތީ އެ މައްސަލައިގައި އިތުރު ހެކި ލިބިއްޖެ ނަމަ ދައުވާކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ އޮފީހުން ބުންޏެވެ.

މި މައްސަލައިގައި ފުލުހުން މީގެ ކުރިން ބުނީ، ހޯކްސްގެ ބޭރަށް ދަތުރުކުރާ ބޯޓެއް ކަމަށްވާ ދަ ހޯކްސް ޖަވާހިރުގައި 200 މާސްޓާ ކާޓަން ސިނގިރޭޓު އެތެރެކުރި ކަމަށެވެ. އެއީ، މިދިޔަ އޮކްޓުބަރު 24 ގައެވެ. އެ ތަކެތި އެތެރެކުރީ ކ. ތިލަފުށީގައި ހުންނަ ހޯކްސްގެ ބޯޓުޔާޑު ޖެޓީއަށް ކަމަށް ފުލުހުން އޭރު ބުންޏެވެ.

މި މައްސަލަ ފުލުހުން ވެސް އަންނަނީ ތަހުގީގުކުރަމުންނެވެ. އަދި، މި މައްސަލައިގައި ފުލުހުންގެ ތަހުގީގު ވެސް ލަސްކަމަށް ބުނެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ވެސް އަންނަނީ މައްސަލަ ބަލަމުންނެވެ. އެ ކޮމިޓީން ވަނީ ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން ހޯކްސްގެ ހިއްސާދާރުންގެ ގެއަށް ވަޑައިގެން ކަމަށް ވެސް ތުހުމަތުކޮށްފައެވެ.

https://sun.mv/201959

ހޯކްސްއިން މީގެ ކުރިން ވަނީ އެ ކުންފުންޏަށް ކުރެވޭ ތުހުމަތުތައް ދޮގުކޮށްފައެވެ. އެކަން ކުރީ މުވައްޒަފުންތަކެއް ކަމަށާއި އެ މީހުންނާ ދޭތެރޭ ފިޔަވަޅު އަޅާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ހޯކްސްއަކީ ފައިދާކުރުވަނިވި ތެލުގެ ވިޔަފާރިކުރާ ކުންފުންޏަކަށްވާއިރު، ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުންކުރާ އެއްވެސް ބާވަތެއް އެތެރެކުރުމުގެ އެއްވެސް ވިޔަފާރިއެއްގައި ބައިވެރިވުމެއް އަދި އެފަދަ އެއްވެސް ޝައުގުވެރިކަމެއް ދަ ހޯކްސްގެ ނެތް ކަމަށް ކުންފުނިން ބުންޏެވެ.

މެންޗެސްޓާ ބްރޭންޑުގެ ސިނގިރޭޓު އެ ދުވަސްވަރު ރާއްޖޭގެ ބާޒާރުގައި ސިއްރުން ވަރަށް ގަދައަށް ވިއްކިއެވެ. އެ ބްރޭންޑުގެ ސިނގެރޭޓު ވިއްކަނީ ވަރަށް ހެޔޮ އަގުގައެވެ. އެގޮތުން ސިއްރު ބާޒާރުގައި 160 އެއްހައި ރުފިޔާއާ ހަމައިގައި އޭރު ވިއްކިއެވެ.

https://sun.mv/198424

ވަގަށް ސިނގިރޭޓު އެތެރެކޮށްގެން ޑިއުޓީ ނުދައްކައި ހެޔޮ އަގުގައި ވިއްކާ މައްސަލަ ބޮޑުވީ މި ސަރުކާރުން ދުންފަތުން ނަގައި ޓެކްސްތައް ބޮޑުކުރުމާ އެކުގައެވެ. މިހާރު ސިނގިރޭޓު ފޮއްޓެއް ގަންނަން ލިބެނީ 235 ރުފިޔާއާއި 250 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ.

އެކަމަކު، ސިއްރުން އެތެރެކޮށްގެން އެކިއެކި ބްރޭންޑްތަކުގެ ސިނގިރޭޓު އެއަށްވުރެ ހެޔޮ އަގުތަކުގައި ވިއްކާ މައްސަލަ މިހާރު ވެސް ދޭތެރެއަކުން ފެންމަތިވެއެވެ.

ސަރުކާރުން އަންނަނީ ދުންފަތާ ދެކޮޅަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެ ގޮތުން، ވޭޕާއި އީ-ސިނގިރޭޓު މުޅިން މަނާކޮށްފައިވާއިރު ސިނގިރޭޓު 2007 ވަނަ އަހަރުގެ ފަހުން އުފަންވާ ކުދިންނަށް ސިނގިރޭޓު މަނާކުރަން ވެސް ވަނީ ނިންމައިފައެވެ. ދުންފަތުގެ ބާވަތްތަކުން ނަގައި ޓެކްސް ވެސް ބޮޑުކުރީ އެކަން ކުރުން ހުއްޓާލަން ބާރުއެޅުމުގެ ގޮތުން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

comment ކޮމެންޓް