ބާޗީގެ ލޮލުން މައްކާ: ދައްކުވައިދެނީ މުސްލިމުންގެ އެއްބައިވަންތަކަން

ގައުމީ އާޓް ގެލެރީއަށް ވަނުމާއެކު ފުރަތަމަ ވެސް އަޑު އިވެނީ ކޮތަރުތަކެއްގެ އަޑެވެ. ފެންނަނީ މާތްވެގެންވާ ކައުބާގެ ކުރެހުންތަކެވެ. ކޮތަރުތަކުގެ އަޑަކީ ސްޕީކަރަކުން އިއްވައިދޭ އޯޑިއޯއެއް ނަމަވެސް، ގެލެރީގައި ހުރި ކުރެހުންތައް ފެނުމާއެކު، އޭގެ ބޭނުމަކީ ހަރަމްފުޅު ކައިރިން ފެންނަ މަންޒަރު ސިފަކޮށްދިނުންކަން އެނގެއެވެ.

މިއީ އަމިއްލައަށް ކުރަހަން ދަސްކޮށް، އެ ރޮނގުން ގައުމީ އެވޯޑް ވެސް ހާސިލުކޮށްފައިވާ އަހުމަދު އަޒްމީ (ބާޗި)، ދިވެހީންގެ އާޓް ގެލެރީގައި މައްކާ ދައްކުވައިދޭ މައުރަޒެކެވެ.

މިއީ ބާޗިގެ ފުރަތަމަ އަމިއްލަ މައުރަޒު ކަމަށްވާއިރު، ކުރެހުންތައް ޚާއްސަކޮށްފައިވަނީ މައްކާގެ ހަރަމްފުޅާއި ވަށައިގެންވާ މުގައްދަސް ޖާގައަށެވެ.

ބާޗީއަކީ މަޑުމައިތިރި މީހެއްގެ ގޮތުގައި ފާހަަގަވީ ނަމަވެސް އޭނާގެ ފަންނުގެ އަޑު ވަރަށް ގަދައެވެ.

"އާޓަކީ އަބަދުވެސް އަހަރެންނަށް ބަސްތަކުން ނުބުނެވޭ އެއްޗެއްހި ފާޅުކުރަން ބޭނުންކުރާ އުކުޅެއް،" އޭނާ ކިޔައިދިނެވެ.

ފެންނަން ހުރި މި ކުރެހުންތަކަކުގެ މަގުސަދަކީ މައްކާ ހުންނަ ގޮތް ހަމަ އެކަނި ދައްކާލުން ނޫންކަމާއި އެތަނުން މީހާއަށް ކުރެވޭ އިހުސާސުތަައް ވެސް ދައްކުވައިދިނުން ކަމަށް ބާޗި ބުންޏެވެ.

"އަހަރެން ބޭނުންވީ މީހުންނަށް ހިތްހަމަޖެހުމާއި, އެއްބައިވަންތަކަމާއި ގުޅުން އިހުސާސުކޮށްދެވޭތޯ ބަލަން،" ބާޗީ ބުންޏެވެ.

"އެ ހަމަހިމޭންކަމާއި އެންމެން އެކުގައި ނަމާދުކުރާ ކުރުންވެސް މީގައި ފެންނަން ހުންނާނެ."

މިއީ ދީނީ މައުޟޫއަކަށް ބާޗި ކުރެހުންތައް ތައްޔާރުކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، އެއީ ވަރަށް ޖަޒުބާތީ، ޕާސަނަލް މަސައްކަތެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ.

ކޮންމެ ކުރެހުމެއްގައި ފިހި ކާއްތާލައިފައިވާ ކޮންމެ ފަހަރަކީ ވެސް ވަރަށް ފަރުވާ ބަހައްޓައިގެން ކޮށްފައިވާ މަސައްކަތްތަކެވެ. ބޮޑަށް ކަޅާއި ހުދުން މި ކުރެހުންތައް ގެނެސްފައިވަނީ ވެސް ވަކި ބޭނުމެއްގައެވެ. އެއީ ހަމަޖެހުމުގެ އިހުސާސް ގެނުވައިދޭ، ބައެއް ކަންތައްތަކީ ކިތަންމެ ދުވަސްވިޔަސް ބަދަލުނުވާނެ ކަންކަން ކަން ހަނދާންކޮށްދިނުމެވެ.

ބާޗީގެ ކުރެހުންތަކަށް ބަލާއިރު، އެ މީހަކު ހުއްޓިގެން ހުންނަ ދިމާލަކާއި ދުރުމިނުގެ ގޮތުން ކުރެހުންތައް ފެންނަ ގޮތް ތަފާތެވެ. އެގޮތުން ދުރުގައި ހުންނައިރު މުޅި މަންޒަރު ވަރަށް ސާފެވެ.

"ބައެއް ފަހަރު ކަންކަން އެންމެ ބޮޑަށް ވިސްނައިގަނެވެނީ ވެސް ދުރުގައި ބަލަން ހުއްޓިލީމައި،" ބާޗީ ކިޔާދިނެވެ.

ކުރެހުންތައް ތައްޔާރުކޮށްފައި ހުރީ އެކި ވައްތަރުގެ މީޑިއަމް އާއި ޓެކްސްޗާ ބޭނުންކޮށްގެނެވެ.

"މައްކާ" މި މައުރަޒަކީ ހަމަ އެކަނި ގިނަ ކުރެހުންތަކެއް ނޫނެވެ. ދިވެހި އާޓިސްޓެއްގެ ލޮލުން ކައުބާ ފެންނަ ގޮތުގެ ތަޖުރިބާއެކެވެ. އަންނަ ހުކުރު ދުވަހުގެ ނިޔަލަށް މި މައުރަޒު ތަޖުރިބާ ކުރުމުގެ ފުރުސަތު އޮންނާނެއެވެ.


comment ކޮމެންޓް