"އިޝާނަމާދަށްފަހު ނިދާފައި ފަތިހު ހޭލުން، ބޭކާރު ޚިޔާލުތަކުން ދުރުވުން އަދި އަޅުކަންތައް ގިނަކުރުމުން ހިތާއި ސިކުނޑިއަށްވެސް އަރާމުވާނެއެވެ."

***

"މިރިއަމް..ވިލް ޔޫ މެރީ މީ؟"

މިރިއަމް ކުޑަދޮރު ކައިރީގައި ހައިރާންކަމާއެކު ބަލަހައްޓައިހެން ހުރީއެވެ. ޒުބޭރު ފޯނަށް ބަލަހައްޓައިގެން އިނީ އަމިއްލަ ނަފުސަށްވެސް އެކަން ގަބޫލުކުރަން ދަތިވެފައެވެ. ސިހިފައެވެ. ހަގީގަތުގައި އޭނަ ކޮންމެހެން އެހެން ޓައިޕްކުރުމަށް ބޭނުންނުވަނީސް ލިޔެވުނީމަ ކުރެވޭފަދަ އިހުސާސްއެކެވެ.

އެއާއެކު ޖޯކެއް އިތުރުކޮށްލަން ނޫނީ އެދޭތެރެއަށް ވެރިވި ނުތަނަވަސްކަމާއި ލަދުވެތިކަން ނައްތައިލަން މަޖާ އެއްޗެއް ބުނުމުގެ ކުރިން މިރިއަމް ޖަވާބު ފޮނުވިއެވެ.

"އޯކޭ....."

"ކީކޭ؟"ޒުބޭރުއަށް ލޯ ބޮޑުކޮށްލެވުނެވެ.

""ޔަގީންތަ؟" ޒުބޭރު އިތުރަށް އޮޅުންފިލުވަން ބޭނުންވިއެވެ. ނަމަވެސް އިނގިލިތައް ހުއްޓުނެވެ. އޭނަ މި ހިނދުކޮޅު ހަލާކުކޮށެއްނުލާނެއެވެ.

"ޔެސް..."މިރިއަމްގެ ޖަވާބު ކުރެވެ. އެވަރުވެސް ޒުބޭރުއަށް އެންމެ ރަގަޅެވެ. އޭނަ ކުޑައިރުއްސުރެ މިރިއަމް ނޫން އަންހެންކުއްޖަކު އެހިތުގައި ނުވެއެވެ.

***

ދެ ހަފްތާފަހުން

ޖަމީލާ ހުރީ ހެނދުނުން ފެށިގެން އުފަލުން ފޮޅިފައެވެ. މިރިއަމް މަޑު ޕީޗްކުލައެއްގެ އަބާޔާއެއް ލައިގެން ހުރިތަން ފެނުމުން އަތުގައި ބާރަށް ހިފަހައްޓައިލިއެވެ."މަންމަ ކުޑައިރެކޭ ތަފާތެއްނެތް.."

"ބައްޕަވެސް ފަޚުރުވެރިވާނެ ހަމަ...." ޖަމީލާ އިތުރުކޮށްލިއެވެ.

"އެގޮތަށް އުއްމީދުކުރަނީ.."އޭނަގެ ލޮލުގައި ކަރުނަ ބޮނޑިވެގަތެވެ. އިޖިފްޓަށް ފުރުމުގެ ކުރިން މާލޭގެ މަގުމަތިން ފެނުނު ބައްޕައާއި ވައްތަރު މީހާގެ މޫނު ލޮލުގެ ސްކްރީންގައި އިރުކޮޅަކަށް ހަރުލިއެވެ. ބައްޕަ ހުރިނަމައެވެ.

ޒުބޭރު ހުރީ ހުދުކުލައިގެ ގަމީހަކާއި ކަޅު ފަޓުލޫނެއްގައެވެ. ލޮލުން ފެނުނީ ހާސްކަމެވެ. ޖަމީލާ ހައިރާންކަމާއި ސިހުން އެކުލެވިފައިވާގޮތަކަށް ބަލަން ހުރެފައި ވިދުމެއް ފައުޅުވިއެވެ.

"އާހް...ޒުބޭރު...މިގަޑީގައި ކީއްކުރަން ތިއައީ؟ ޕާން އެއްޗެއް ހިފައިގެންތަ؟ މިގޭގައި ބައިވަރު ކާއެއްޗެހި އެބަހުރި...."ޖަމީލާ ދުރަށް ބަލަންފެށިއެވެ. ފަހަރެއްގައި އެވަގުތު އެފެނުނީ މާ ކުރިން އެގެއަށް ޕާން ހިފައިގެން އަންނަ ޅަ ޒުބޭރުއެވެ.

***

ކައިވެނީގެ ރަސްމިއްޔާތު ބޭއްވުނީ ވަރަށް ކުޑަކޮށެވެ. މާމެލާމެއްޔާއި ޒީނަތްތެރިކުރުމެއްނެތެވެ. އަސުރުނަމާދަށްފަހު މަސްޖިދުގައި ގާޟީއާއި ހެކިވެރިންގެ ހާޟިރުގައި އޮތް ނިކާހްއެކެވެ. އެތަނަށް އައި މީހުންނަށް ސަޔާއި ހެދިކާ ދިނެވެ. ކައިވެންޏަށްފަހު ލިވިން ރޫމްގެ ކައުޗްގައި އިށީދެލައިގެން އިންއިރު މިރިއަމްއަށް ވިސްނުނީ އޭނައަށް މިކައިވެނިން އިތުރު ބަދަލެއް ނައިކަމެވެ. ހިތާމައެއް ނޫނީ އުފަލެއްވެސް ނެތެވެ. އެކަމަކު އޭނައަށް އިހުސާސްކުރެވުނީ ވަރުބަލިކަމެވެ. ޒުބޭރު އައީ ބާކީވި އެއްޗެހި ހިފައިގެންނެވެ.

" ޔޫ އޯކޭ ؟"ޒުބޭރު މޭޒުމަތީގައި ކޮތަޅުތައް ބެހެއްޓިއެވެ.

"އަހަރެން މުޅިން އޯކޭ..."އޭނަގެ ހާލަތު އޮޅުން ފިލުމުގެ ކުރިން އަވަސްއަވަހަށް ބުނެލިއެވެ.

"އަހަރެން މިއަދު ދުޢާކުރީ ކޮންކަމަކަށް ކަން އެނގޭތަ؟"އޭނަ ޗޮކްލެޓް ގަނޑެއްދިއްކޮށްލިއެވެ.

"މީގައި ދަތް އަޅާފައި މިހިރީ.."އޭނަ ނޭފަތް ގުރުޑުކޮށްލިއެވެ.

"މިރިއަމްގެ ހަޒްބެންޑް...."

އޭނަ ކަޅި އަޅައިގަތުމުން ޒުބޭރު އެހެން ޗޮކްލެޓެއް ދިއްކޮށްލިއެވެ. އޭގައި ހިފަން ނުހިފަން ކަހަލަ ގޮތަކަށް އުޅުމުން ބިންމައްޗަށް ވެއްޓުމުން ގުދުވެ ނެގިއެވެ."އޭރު ބުނީ ކީކޭ؟ ކޮންކަމަކަށޭ ދުޢާކުރީ؟"

"ކޮންމެވެސް ދުވަހަކުން......ހިތުގެ އަޑިން އާއެކޭ ބުނާނެކަމަށް..."

އޭނަ އެއްޗެކޭ ނުބުނެ އެ ޗޮކްލެޓްގައި ހިފަހައްޓާލައިގެން އިނެވެ. ޒުބޭރުވެސް ކިޔާނެ އެއްޗެއް ނޭގިފައި ފޯނަށް ބަލަހައްޓައިގެން ހުރެ ޗެކްކުރަމުން ދިޔައީ އޭނަގެ އެކުވެރިންގެ މެސެޖްތަކެވެ. އެންމެންވެސް މަރުހަބާ ކިޔާފައެވެ. އަންގައިލުމެއްނެތި އެހާ އަވަހަށް ނިންމައިލުމުން ގަބޫލުކުރަން ދަތިވާހަކައެވެ. ވަރުގަދަ ޕާޓީއެއް ބާއްވަންވާނެކަމެވެ. އެކަކު ކާޑެއްވެސް ހެދިއެވެ.

"އަހަންނަށްވެސް އަދިވެސް ގަބޫލުނުކުރެވޭ އަހަރެން މެރީކުރިކަން..."މިރިއަމްއަށް ބުނެވުނެވެ.

"މަވެސް ހަމަ ތިހެން....މިރިއަމް އާއެކޭ ބުނީމަ ޕްރޭންކެއްކަމަށް ޔަގީންކޮށްގެން ވަރަށް ޗެކްކޮށްލިން..." ޒުބޭރު ކައުޗްގައި އިށީދެ ބޯދަށަށް އަތްލެއްވިއެވެ."އެނގޭތަ މީގައި ވިއާޑްއީ ކޮންކަމެއްކަން؟"

"ކޮންކަމެއް؟"

"އަބަދުވެސް މަށާއި ދިމާލަށް އެނޯއިން އޭ ކިޔަނިކޮށް މިހެން ދިމާވީ..އަބަދަށް އެކީ އުޅެން ޖެހުނީމަ..."

"ފަހަރެއްގައި..އަދިވެސް ހަމަ އެނޯއިން...." އޭނަ ދޮރާއި ދިމާލަށް ބަލަން އިނެވެ. މަންމަ ގޮވައިގެން ކާރުގައި އަންނާނެކަމަށް ޒުބޭރުގެ ބޮޑުދައިތަ ބުނީ ދެމަފިރިންނަށް ކުޑަ ވަގުތުކޮޅެއް ދޭންވެގެން ކަމަށް ވެދާނެއެވެ.

"ޒުބޭރުގެ މަންމަ ނައީ ކީއްވެ؟ ނުވެސް ބުނަން ދޯ..."

"މްމމް......މަންމަގެ ހާލު އެހާ ރަގަޅެއްނޫން..." ޒުބޭރު ޖެހިލުންވެފައި ބުނިގޮތުން އޭނައަށް އެނގުނީ އެއީ ތެދެއް ނޫންކަމެވެ.

"ކީއްވެ މިގޮތް ބޭނުންވީ؟"އޭނަ ސުވާލުކުރިއެވެ.

"ސްކޫލްގައި ފިޔާތޮށިކުލައިގެ ސިޓީއުރައެއްގައި ބަންދުކޮށްފައި ސިޓީއެއް ފޮނުވި ފިރިހެނާގެ މަތިން ހަނދާން އެބަހުރިތަ؟ އޭރު އަހަރެމެން ގްރޭޑް ދިހައެއްގައި އުޅުނީ..އޭނަ ބޭޑް ސްޕެލިންއާއެކު ވިދާ ގްލޫކަހަލަ އެއްޗަކުން ލިޔުނީ" ޒުބޭރު ހަނދާންކޮށްލަދިނެވެ. އޭނައަށް އެސްފިޔަ ޖަހައިލެވުނެވެ. މިރިއަމް ބޭނުންވީ އެންމެންގެ ކުރިމަތީގައި ކަމާލް ލަދުގަންނަވައިލުމަށެވެ. އެކަމަކު ފަހުން ކަމާލް އުޅުނީ އޭނައާއި ދުރުންނެވެ. ފިލަން މަސައްކަތްކުރިފަދައެވެ.

"އަހަރެން އޭނަ ގާތު ބުނިން އިތުރަށް އެންމެ ސިޓީއެއް ލިޔުނަސް އޭނަގެ ކުރިމަތީގައި ހުރެ އެ ސިޓީ ކައިލާނަމޭ........"

"ވަޓް؟" އޭނަ ކޮށި ނޭރީ ހަމަ ކިރިޔާއެވެ. ޒުބޭރުއާއި ދިމާލަށް ބަލަން އިނދެވުނީ ހަމަ ސީރިޔަސްކޮށް އޭނަ އެވަރުކަމެއް ކުރިތޯ ޔަގީންކުރަންވެގެންނެވެ.

"އަދި......އަހަރެއްވާންދެން ގްރޯސަރީސް ތިގެއަށް ގެންދިޔައިން. އެވެސް އެއްވެސް އަގަކާއި ނުލައި....އެންމެ ރުފިޔާއެއްވެސް ނުހޯދަން... އޭރުން މިރިއަމްގެ މަންމަވެސް ހަގީގީ ޑެލިވަރީ ބޯއިގެ ވާހަކަ ނާހާނެއްނު..."

"ޒުބޭރުގެ ވަޒީފާއަކީ އެއީއޭ ބުނިި ހަނދާނެއްވޭ..."

"އަހަރެން ބޭނުންވީ ޖަމީލާއްތަގެ ހިތުންވެސް މަގާމެއް ހޯދަން.."ޒުބޭރު ހިނިގަނޑެއް ޖަހައިލިއެވެ. ޔަގީނުންވެސް އޭނަ ހުރިހާ ހާދިސާތަކެއް ކިޔައެއް ނުދޭނެއެވެ. ނޫނީ މިރިއަމްއަށް އަބަދު ފާރަލައިގެން އުޅުނުމީހެއްކަމުގައި ނަންވެދާނެއެވެ. ޒުބޭރު ބޯދަށުން އަތް ނެގުމަށްފަހު ސޯފާގައި ހަމަޖެހިލިއެވެ. ފަޓުލޫނުގެ ޖީބުން އެއްޗެއް ނަގަން އުޅުނެވެ.

"އޯކޭ.....ވީއިރު...އަހަރެން.....އައި ހޭވް ސަމްތިން..."

"އެއްބައި ކާލާފައި އޮތް ޗޮކްލެޓެއް؟" އޭނަ ބުމަ އަރުވައިލިއެވެ.

ޒުބޭރު ގެ އަތުގައި އޮތް ވެލްވެޓް ރަތްކުލައިގެ ފޮށި ފެނުމާއެކު އޭނައަށް ޝައްކުވިއެވެ.

"މިއޮތީ..."

"ކޯނޗެއްތަ؟"އޭނަ އެނގުނުކަމަކަށް ނެހެދިއެވެ.

"އަނގޮޓިއެއް.."ޒުބޭރު އިސްތަށިގަނޑުގައި އަތް ހިންގައިލިއެވެ.

"އަހަންނަށް ދޭން އަނގޮޓިއެއްގަތީ؟"އޭނަ އޭގައި ހިފިއެވެ.

"އަނެއްހެން ބުނަންޏާ ތިން އަހަރުކުރިން...ރަގަޅު ވަގުތެއް ނުވެގެން އެވާހަކަ ނުބުނެވި..."

މިރިއަމް ލޯ ބޮޑުކޮށްލިއެވެ. އެ އަދާއިން ނަގައިގަންނަންވީ މާނައެއް ނޭގިފައި ހުރެ ޒުބޭރު ކަނދުރާގައި ފިރުމައިލިއެވެ. އޭނައަށް މިރިއަމްއާއި ހަތަރުކަޅި ހަމަކޮށްލަންވެސް އުދަގޫވިއެވެ."ކޮންމެހެން އަނގޮޓި ނޭޅިޔަސް މައްސަލައެއްނެތް. އޭރު އެ ފެނިފައި ހަމަ މިރިއަމް މަތިން ހަނދާންވީ...."

މިރިއަމް ފޮށި ހުޅުވައިލިއިރު ހިމަ ޕްލެޓިނަމް ބޭންޑެކެވެ. ވިދާ އޮރެންޖްކުލައިގެ ފެންފިޔާޒެކެވެ. ޔަގީނުންވެސް އަގުކުޑައެއްނުވާނެއެވެ.

"މި ކުލަ ރީތިވާނެއޭ ހިތަށް އެރީ..." ޒުބޭރުއަށް ފެންނަނީ މިރިއަމް އޮރެންޖްކުލައިގެ ކާއެއްޗިއްސާއި ގަޔާވެގެން ކައި އުޅޭތަނެވެ. އަނބާއި މެންޑަރިން އޮރެންގް ފަޅޯ އަދި އޮރެންޖްކުލައިގެ ލައްޑޫއާއި ކޭކުވެސްމެއެވެ. އެއްފަހަރު އޭނަ ކަރުދާސްކޮތަޅެއްގައި މެންޑަރިން އޮރެންޖް ގެންގޮސް ދިނެވެ. އޭނަ ހީކުރުވަން ބޭނުންވީ ޖަމީލާއަށް ގެންގޮސްދިން މޭވާކަމުގައެވެ. ހުރިހާ ވާހަކައެއް ދުލުން ނުބުންޏަސް ފަހުމްވާނެ ނޫންހެއްޔެވެ؟

އޭނައަށް ފެނުނީ މިރިއަމް އޮރެންޖްތައް ސްކޫލަށް ގެންގޮސް އެއްފަހަރާ ތިން އޮރެންޖް ކައި ނިންމައިލިތަނެވެ. އަދި އޭގެ ތޮށިތައް ނޯޓްފޮތުގެ ތެރެއަށް ލިއެވެ. ޒުބޭރު ބައިސްކަލުގައި ދަނިކޮށް މިރިއަމްގެ ނޯޓްފޮތުގެ ތެރެއިން ތޮށިގަނޑެއް މަގަށް ވެއްޓުނުތަނުން ފެނިގެން އެ ނަގާފައި މިރިއަމްގެ ބޮލުގައި ތޮށިގަނޑުން ޖެހީ ސަމާލުކަން ހޯދުމަށެވެ. މިރިއަމް ލައްވާ ވާހަކަ ދެއްކުވުމަށެވެ.

މިރިއަމް ހިމޭނުން އުނދެ އަނގޮޓި އިނގިލީގައި އެޅިއެވެ. ޒުބޭރުގެ ނަޒަރު އިނގިލިން މޫނަށް ދަތުރުކުރިއެވެ." ވަރަށް ބަރާބަރު....."

އޭނަ ބޯ ޖަހައިލިއެވެ.

***

މަގުގައި ހުރި ބިޔަގަހެއްގެ ދޮށުގައި އެގޭގެ ކުޑަދޮރާއި ދިމާލަށް ބަލަހައްޓައިގެން އުމުރުން ދުވަސްވީ އަންހެނަކު އިނެވެ. އެއްވެސް ހަރަކާތެއް ނެތި ހިމޭނުންނެވެ. ކަޅިވެސް ޖަހާނުލައެވެ. ތުންފަތުގައި ހިނިތުންވުމެއްނެތެވެ. ހަމަ ބަލަހައްޓައިގެން އިނީއެވެ.

"އެންމެ ފަހުން އަހަންނަށް ކަލޭ ހުރިތަން ފެނިއްޖެ...." ނަފްރަތުން ކަޅިވެފައިވާ އަޑެކެވެ.

ނުނިމޭ

.

.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު