"ކުއްލިއަކަށް ދުނިޔެއާއި ވަކިވެގެންދާ ޒުވާންކުދިން ގިނަވަމުންދާއިރު ވިސްނައިލަން ޖެހޭ ތަންކޮޅަކީ މަރަކީ ތިބާއާއި އެންމެ ގާތުގައިވާ ހަގީގަތް ކަމެވެ. ﷲތައާލާ އެންގެވި ގޮތަށް އުޅުމަކީ ދުނިޔޭގެ ހުރިހާ އުފާތައް ދޫކޮށްލުން ކަމަށް ހީވުމަކީ ގޯހެކެވެ. އެފަރާތުން އެންގެވިގޮތަށް އަޅުކަން ކުރަމުންވެސް އުފަލުގައި އުޅެވިދާނެއެވެ. އޭރުން ދެ ދުނިޔޭގެ އުފަލާއި ނިއުމަތްވެސް ލިބުނީއެވެ."
***
"އުމައިމާ ބޭގަމް މަންމަ ގާތު ބުނި އަހަރެން ރޭ ނަމާދުކުރަން މަގުމަތީގައި ހުރީ ޑްރަގް ނަގައިގެން ހެއްޔޯ....ހަމަނުޖެހޭ ވާހަކަތަކޭ ދެއްކީ..."އަޒިއެލްގެ ތުންފަތުގައި ވީ ހިނިތުންވުމެކެވެ."އުމައިމާ އާންޓްއަށް ނުވިސްނޭ....އަހަންނަކީ ކިހާ މަތީ މީހެއްކަން....އެހެންނޫންނަމަ..."
"އެންމެ ރަގަޅު...ހިނގާ ލަންޗް ނަގަން....އޭގެ ފަހުން ނިދާނީ..."
"ފައިން...."އަޒިއެލް އަނގަ ތަޅަމުން ދިޔައެވެ. ވާހަކަަދައްކާލެއް އަވަސްކަމުން ކިޔާ އެއްޗެއް ދޭހަވާގޮތެއްވެސް ނުވިއެވެ.
***
އައްމާރު އެއާޕޯޓުގެ ބޭރުގައި މަޑުކޮށްލައިގެން ހުއްޓާ ބޮޑުދައިތަ މާހިރާ އާއެކީ ކައިލާއަދި ޒޭބާ އަންނަތަން ފެނުނެވެ.ފުރަތަމަވެސް އައްމާރުއަށް ފާހަގަވީ ކައިލާ އިސްކޮޅުން ދިގުވެފައިވާވަރެވެ. އޭނަގެ ބޭބެމެންގެ ފަރާތުން އެ ސިފަ ވާރުތަވެފައިވެއެވެ. ޒޭބާއަށް އާފަލެއްހާ ވަށް ސިފަތަކެއް ލިބިފައިވަނީ މާހިރާގެ ފަރާތުންކަން ޔަގީނެވެ. އެންމެން ހިޖާބު އަޅައިގެން ތިބިއިރު މޫނުމަތިން ފެންނަނީ ޝައުގުވެރިކަމެވެ. ޒޭބާވެސް ވަރަށް ހެވިފައި އެކި ދިމާލަށް ބަލާގޮތުން އާތަނަކަށް ދެވުމުގެ އުފާ ހާސިލުވެފައިވާކަން އެނގުނެވެ. އައްމާރު ފެނުމުން ކައިލާ ހުރީ ކުޑަކޮށް ލަދުންނެވެ. މޭގައި ދަބަސް ޖައްސާ ބާރުކޮށްލައިގެން ހަތަރުކަޅި ހަމަކުރަން ނުކެރި ދުރަށް ބަލަހައްޓައިގެން ހުރީއެވެ.
އަދިވެސް އައްމާރުގެ ހަނދާނުގައި އެދުވަސް ހަރުލާފައި ވެއެވެ." މާމައާއެކު ކޮއްކޮވެސް މާލެއަށް މިފޮނުވަނީ ކައި ނުނިދާ އުޅޭތީ....އަޒިއެލް ދެން ކޮށްފާނެކަމަކާއިމެދު ބިރުން އެހުންނަނީ.....މިގެ މިހާރު އަނެއްހެން ވަރަށް ހަލަބޮލި.. މާމަވެސް ސްޓްރެސްވާނެ....މާލެއަކީ ކައި އުޅެން މާ ރަގަޅު، އަމާން، ހަމަޖެހޭ މާހައުލެއްކަން ޔަގީން.....މެންޓަލް ކުއްޖަކާއިއެކު ހުރީމަ ކައިއަށްވެސް ނަފްސާނީގޮތުން އަސަރުކުރާނެކަމަށް މާމަވެސް ކިޔާވަރުން..މާމަ ބޭނުމެއްނުވާނެ ކައިއާއި ވަކިން އުޅެން އެހާ އެޓޭޗްވެފައި..."
އައްމާރުު ދެރަވިނަމަވެސް މަންމަގެ ވާހަކަތައް ގަބޫލުކުރެވުނެވެ. އަޒިއެލް ރުޅިގަދަވެ ހަޅޭއް ފަޅޭއްޖަހާ ހަގުރާމަ އިއުލާން ކުރާ ހިސާބަށް ދިޔައެވެ. ފަހުން އެނގުނުގޮތުން ރާއްޖެ ދިޔަ ފްލައިޓްގައި ކައިލާވެސް ހަމަ ހުއްޓުމެއްނެތި ހިމޭން ކަރުނަ އޮއްސިއެވެ. ކިރިޔާވެސް ހަމަޖެހުނީ މާލެގޮސް ޒޭބާއާއި އެހެން ކުދިންނާއެކު މޫދު ތަންތަނަށްގޮސް ފަރިތަވުމުންނެވެ. އެފަހުން އޭނަ މަންމަމެންނަށް ފޯނުން ގުޅާކަށްވެސް ބޭނުމެއްނުވެއެވެ. ކައިލާ ދުވަހަކުވެސް ފޮޓޯތަކާއި ފޯނާއި އެހާ ދޯހަޅި ނޫންވީމަ ކަމަށް ވެދާނެއެވެ.
"އައްސަލާމް އަލައިކުމް އާންޓް...މަންމަ ފޮނުވި ވެލްކަމް ބުކޭތައް......" އައްމާރު އޭނަގެ ބޮޑުދައިތަގެ ގައިގާ ކުޑަކޮށް ބައްދައިލުމަށްފަހު މާބޮނޑިއެއް ދިއްކޮށްލިއެވެ. ޒޭބާއަށްވެސް ހައި ޖަހައިލަމުން މާބޮނޑިއެއް ދިނުމުން ވަގުތުން އުފަލުން ފޮޅި ސެލްފީއެއް ނަގަން އުޅެގަތެވެ.
މާހިރާގެ ތުންފަތަށްވެރިވި ފުޅާ ހިނިތުންވުން އެހާ އަވަހަށް ގެއްލިގެން ދާނެހެން ހިޔެއްނުވެއެވެ. އޭނަ މަލުގައި ވަސްބަލަން ފެށިއެވެ."މިއީ ތާޒާ މާތަ؟ ހާދަ ނަލައޭ....ކޮންފަދަ ބޮޑެތި ފިނިފެންމާތަކެއް...ދައްތަ މިވަރުގެ ވެލްކަމް ބެކްއެއް ކިޔާފާނެކަމަށް އާންޓް ހީނުކުރަން..ދިސް އިޒް ގުޑް ވެލްކަމް...ކީކޭ ޒޭބް ބުނަނީ..."
"ހެލޯ ކައި..ދޮންބެއަށްވުރެ އިސްކޮޅުން ދިގުވެއްޖެހެން ހީވޭ..."
"ނެޓްބޯޅަ ކުޅެން....އެހެންވީމަ......"ކައިލާ ލަދުން ހުރެ އިސްޖަހައިލިއެވެ.
"އާނ އައްމާރު ލުކް...ޝީީ އިޒް ހަމަ އެތްލެޓިކްއެއް...."
"އާންޓް...މިއީ ސަމަރވާހަކަ މަންމަ ނުބުނޭ ދޯ......މިހާ ވަރުގަދަ ޖެކެޓެއްލައިގެން...ލަންޑަނަށް ފިންޏެއްނޫން..."އައްމާރުވެސް ހުރީ އާދައިގެ ޓީޝާޓަކާއި ޖިންސެއްލައިގެންނެވެ.
"މަންމައަށް އެނގޭ......މި ލާފައި ހުއްޓަސް މަންމަ ފިނިވެގެން މިއުޅެނީ. މަންމަ އޭސީވެސް ޖެއްސިޔަނުދޭ..."ޒޭބާ ކުރުކަމުން ޖެހުނީ ކަނދުރާ މައްޗަށް ނަގައިގެން ހުރެ ވާހަކަ ދައްކާށެވެ. އޭނަ ފޯނުން ފޮޓޯ ނަގަންފެށީ ބޭރަށް ނިކުމެފައެވެ. އޭރު އައްމާރު ދަބަސްތައް ޑިކީއަށް ލާން ހުއްޓެވެ. ކުދި ކުދި ވާހަކަތައް ދެކެވެމުން ދިޔައެވެ.
"ކައި...އަހަރެމެން މިތިބީ... ލަންޑަންގައި...އަހަންނަށް އަދިވެސް ގަބޫލެއްނުކުރެވޭ. ފައިނަލީ ހަމަ ޑްރީމް ކޮމްޕްލީޓްމިވީ..އަލްހަމްދުލިﷲ...ﷲގެ ކުޅަދުންވަންތަކަން. ޑްރީމްތައް ކޮންމެވެސް ދުވަހަކުން ފުރިހަމަވާނެ... މިފަހަކަށް އައިސް ބުނަމެއްނުު އަބަދު ހުވަފެންތައް ފެންނަވާހަކަ..ކައިއާއި ދެމީހުން އަބަދުހެން ފެންނަނީ........"ޒޭބާ ސެލްފީއެއްނެގިއެވެ. އޭނަ ވާހަކަދެއްކީ ކިރިޔާ ކައިލާއަށް އިވޭވަރަށެވެ." ކަޒިންސްއިންނާއި ފްރެންޑުންނަށް ފޮނުވަންވާނެ...އަމް....ކީއްވެހެން ހީވަނީ އަޒިއެލް ނައީ؟"
"އެނގެއެއްނު...ސްޕެޝަލްކަމުން...."
"އައި ތޯޓް...އޭނަ މުޅިން އޯކޭ ވީމަ ކަމަށް ކައިއަށް އިންވައިޓްކުރާނީ..."
"މަންމަ ބުނާގޮތުން އެޕިސޯޑްސް އާދޭ...ޔޫ ނޯ..މޭނިއާ އެޕިސޯޑްތައް...އެކަމަކުވެސް އަނެއްހެން ރަގަޅޭ ބުނީ........"
މާހިރާ ކާރަށް އަރާފައި ދަތުރު ދުޢާކިޔަން ހަނދާންކޮށްދިނެވެ.
ކާރުތެރޭގައިވެސް ކައިލާ ހިމޭނުން އިންއިރު މާހިރާއާއި ޒޭބާއަށް އާ "ދުނިޔެ"އަކަށް ދެވުނުހެން ފޮޓޯ ނަގާ އެތަން މިތަން ހޯދަމުން ދިޔައެވެ. ކައިލާއަށްވެސް އެތައް ޒަމާނެއްފަހުން އާދެވުމުން ތަފާތު އިހުސާސްތަކެއް ކުރެވުނަސް އޭނަ އެކަން ފައުޅުނުކޮށް ފޮރުވައިގެން އިނީއެވެ.
***
ޔޫސުފްމެންގެއަށް ކާރު މަޑުކޮށްލުމުން އެންމެން ފޭބިއެވެ. މާލެއާއި ބަލާއިރު ތަފާތެވެ. ރީތި ގެތަކާއި ބަގީޗާތަކެވެ. ގެތައް ފަރުމާކޮށްފައި ހުރިގޮތާއިކުލަ އަދި ގަސްތަކާއިއެކު ކޮންމެ ގެއެއްގައި ކުޑަ ބަގީޗާއެއް އޮތުމަކީ މާހިރާއާއި ޒޭބާއަށްވެސް ނިކަން ހިތްގައިމު މަންޒަރުތަކަށްވިއެވެ. އެގޭގެ ފެންޑާއަކީވެސް ވާހަކައެއް ކިޔައިލަން ހުވަފެނީ ތަނެކެވެ. ސޯފާތަކާއިއެކު ކޮފީ މޭޒަކާއެކު އެކި ދިމާލުގައި މާވަށިތަކެވެ. ގަސްތަކުގައި ފޮޅިފައިވާ އެކިކުލައިގެ މާތަކުގެ މީރުވަސް ފަޒާގެ ފިނިކަމާއި އެކުވެފައިވިއެވެ.
ފަރުޒާނާ އެގެ ސާފުކޮށްލާފައިވަނީ ކައިވެންޏަކަށް ތައްޔާރުކޮށްފައިވާހެންނެވެ.
އެންމެން ފެންޑާގެ ސޯފާގައި އިށީދެލީ ލުއި ބުއިމަކަށް އިންސާފުކުރުމަށެވެ. އެތާ ނެތީ ހަމައެކަނި އަޒިއެލްއެވެ. ގިނައިން ވާހަކަދެއްކީ ފަރުޒާނާއާއި މާހިރާއާއި ދެބެންނެވެ. އެމީހުންގެ ވާހަކަތަކުގެ މައުޟޫ އަވަސްއަވަހަށް ބަދަލުވަމުން އައެވެ. ޓިކެޓްލިބުމުން މާހިރާގެ ހިތުގައިވިހާ ކިލަބުކަމެއް ފިލާ ސާފުވިއެވެ. ކައިލާގެ މަންމައާއި އަމިއްލަ ބޭބެ ފެނުމުން އޭނަ އިނީ ލަދުންނެވެ. ވާހަަކަދައްކަން ނުކެރިފައެވެ. ޒޭބާވެސް ވަށައިގެން ނަޒަރު ހިންގަމުން ދިޔައިރު ކޮންމެ ވަގުތަކުވެސް މި ހިމޭންކަން ތޫފާނަކަށް ބަދަލުވެދާނެކަމުގެ ބިރު ހީވިއެވެ. ދިގު ދަތުރަކަށްފަހު އެންމެން ވަރުބަލިވެފައި ތިބުމުން އަރާމުކުރަން ކޮޓަރިތަކަށްވަނުމުން ފަރުޒާނާ ކައިލާއަށް ގޮވައިގެން ގޭތެރެ ދައްކައިލަން ގެންދިޔައެވެ. އޭރުވެސް އައްމާރު ފޯނު ހިފައިގެން ކޮންމެވެސް ކަމެއްގައި އިނެވެ.
"މިގެ ފަހަރެއްގައިވެސް ކައި މަތިން ހަނދާން ނުނެތޭ..."ފަރުޒާނާގެ ނަޒަރުގައި ވީ ލޯތްބާއި ކުލުނެވެ. ދޭތެރެއަކުން ބުރަކަށީގައި ނޫނީ ބޮލުގައި ފިރުމައިލައެވެ.
"ޢަދިވެސް މިގޭގައި ހަރުލާފައިވަނީ މަންމަގެ ފްލޯރަލް ސެންޓާއި ޑިޓޯލްގެ ވަސް........."ކައިލާ ރަކިގޮތަކަށް ހީލިއެވެ.
"ބައެއްކަންތައް ބަދަލުނުވާނެ..އެކަމަކު ރައުޓާ އަޕްގްރޭޑްކޮށްފައި ހުރީ. އާޒް އެ ސާފުކޮށްލަންވެގެން ލޮނު ފެން އެޅީމަ.." އައްމާރު ބުނެލިއެވެ.
"ލޮނުފެން...."
ކައިލާއަށް މަޖާވިވަރުން ހެވުނެވެ. ސިޓިންރޫމުން މީހެއްގެ ހިލަންވިހެން ހީވެގެން އޭނައަށް ތަށީގައި ބާރަށް ހިފަހައްޓައިލެވުނެވެ. އައްމާރުއަށް އެކަން ފާހަގަވިއެވެ. ވީއިރު އަދިވެސް ކައިލާގެ ސިކުނޑީގައިވަނީ މާޒީގެ ބިރެވެ.
***
މާހިރާއާއިއެކު ޒޭބާވެސް އޭނަގެ މަންމަގެ ކޮޓަރި ބަލައިލަން ދިޔައެވެ. އެކޮޓަރީގެ ބިއްލޫރި ދޮރުތަކުން އެގޭގެ ފަހަތުގައިވާ ވިނަތަކާއިއެކު އެހެން ގެއެއް ފެންނާން ހުރުމުން ކަމުދިޔައެވެ. އާފަލުގަސްތައްވެސް ދެނެގަނެވުނެވެ. އޭނަ ވަގުތުން ފޯރިއާއެކު ފޮޓޯ ނަގަންފެށިއެވެ.
"އަޒިއެލް މިގޭގައި ނެތްނަމަ ވަރަށް ހިތްފަސޭހަ ގެއަކަށްވާނެ..އިނގިރޭސިންނަށް ގެ ފަރުމާކޮށް ޑިޒައިން ކުރަން އެނގޭ ދޯ........."މާހިރާ އިށީނީ ކުޑަދޮރު ކައިރީގައި ހުރި ސީޓުގައެވެ. ކުޝަންގައި އަތުން ފިރުމަމުން ދިޔައެވެ.
"ދަައްތައަށް އަޑުއިވިއްޖެއްޔާ. ތިއަށް ކިޔަނީ ބެކްބައިޓިން މަންމާ. ދައްތަ ކިހާ ސްވީޓް. އެންމެނަށް ޓިކެޓް ފޮނުވައިގެން ގެނައީ.."
"ކޮންމެވެސް މަގުސަދެއް އެކަމުގެ ފަހަތުގައިވާނެ..."މާހިރާ އެނދުގައި އިށީނެވެ.
"ތަންތަން ބަލައިލަން މާދަން ގެންދާނެ ވާހަކަ ދައްތަބުނި..." ޒޭބާ ވާހަކަ އޮޅުވައިލަން އުޅުނެވެ.
"މަންމަގެ ނަސޭހަތަކީ އަޒިއެލްއާއި ދުރުން އުޅޭށޭ. އެއީ ބޯ ހަމަޖެހޭ ފިރިހެނެއްނޫން.. ކޮންމެފަދަ އަނިޔާއެއްވެސް ކޮށްފާނެ..ހަމަ ހިތަށް އަރަނީ....އެކަމަކު އައްމާރުކަހަލަ ފިރިހެންދަރިއަކު ކޮންމެ މަންމައަކު ބޭނުންވާނެ. ޑޮކްޓަރެއް. ފިސާރި ރީތި ފިރިހެނެއް......ހޫމް ދެން އިހަށް އެވާހަކަ ބާއްވާ....ދައްތަ ގާތު އަހާބަލަ ގިބުލަ ކޮބާހެއްޔޭ.. މިގޭ މީހަކު ނަމާދުކުރާކަމެއްވެސް ނޭގޭ...."
"މަންމާ...."
ޒޭބާ ނުތަނަވަސްވާގޮތްވިއެވެ. މަންމައަކީ އޭނަދެކޭގޮތުގައި އެންމެ ރަގަޅު މަންމައެވެ. ނަމޫނާއެކެވެ. ނަމަވެސް އިންސާނުން ފުރިހަމައެއްނުވާނެއެވެ. މަންމަގެ އެންމެ ބޮޑު މައްސަލައަކީ މީހުން ނެތްތާ އެހެން މީހުންގެ ވާހަކަދެއްކުމެވެ. އަންހެންވެރިންގެ އާދައަކީކަން ނޭގެއެވެ. އާދައިގެ ކަމަކަށްވިޔަސް އެއީ ބޮޑު ފާފައެއްކަން އޭނަ ދަނެއެވެ. މަންމަގެ އަޅުވެރިކަމުގެ ތެރެއަށް މި ވަދެގެން އުޅޭ "ނެގެޓިވް" ހަކަތަ ނައްތައިލާނެ ގޮތެއް ހޯދަންވެއްޖެއެވެ. މީހެއްގެ އިހުސާންތެރިކަމުގެ ފަހަތުގައި ކޮންމެ ފަހަރަކު ހަމަ އެދުމެއް އޮންނަންޖެހޭހެއްޔެވެ؟ޚާއްސަކޮށް އެއްބަނޑު މީހުންގެ އެފަދަ ކަމެއް އޮވެގެންނުވާނެއެވެ. އޭނަގެ މަންމަ އަބަދުވެސް ދެކޭނީ ފަރްޒާނާއަށް އަޒިއެލް ގެންގުޅެން ނޭގޭ ވާހަކައެވެ. މާބޮޑަށް ޅަކޮށްގެން އެކުއްޖާ ހަލާކުކުރީކަމަށް މަންމަ ބުނާނެއެވެ. އަވަށްޓެރިންނާއި ދަންނަ މީހުންވެސް އޭރު ކީ އެހެންނެވެ. މަންމަވެސް ގަބޫލުކުރީ އެވާހަކަތަކެވެ. ނަފްސާނީ މައްސަލައަކީ އަޅުވެރި ދީނީ ބަޔަކަށް ކުރިމަތިވެދާނެކަމެއްކަމަށް ނުދެކެއެވެ.
***
އެންމެން މޭޒުދޮށަށް އައީ ރޭގަނޑުގެ ކެއުމަށް އިންސާފުކުރުމަށެވެ. ޔޫސުފް ގެ ދެމަފިރިންނާއި ކުދިން އަދި މާހިރާއާއި ޒޭބާ ތިބުމުން އެހެން ދުވަހަށްވުރެ އުފާވެރި ރޫހެއް ތަނުގައިވިއެވެ. އެންމެންގެ ނަޒަރު އެއްދިމާލަކަށް ހުއްޓުނީ އައިޒެލްގެ ފިޔަވަޅުގެ އަޑަށެވެ. އަޒިއެލްގެ އިސްކޮޅުން ދިގުކަން ފެނުމުން މާހިރާވެސް ހައިރާންވެ ލޯ ބޮޑުވިއެވެ. ހަފޫޓަށްވުރެ އެންމެތަންކޮޅެއްވެސް ކުރުނުވާނެކަން ޔަގީނެވެ. އޭނަ ބާ ސްވެޓަރަކާއި ދޫ ހަރުވާޅެއްލައިގެން ހުއްޓަސް ހަށިގަނޑު ރީތިކަން އެނގެއެވެ. އިސްތަށިގަނޑު ވިހުރުވާލައިގެން ހުސްފަޔާއެވެ. ކައިލާ ފެނުމުން ނަޒަރު އެދިމާލުގައި ހަރުލާ އެލޮލުގެ ވިދުން ގަދަވިއިރު މޫނުމަތިން ފެނުނީ މަޑުމައިތިރިކަމެވެ. ޔޫސުފް އަވަހަށް ބޮޑުދައިތައާއި ޒޭބާއަށްވެސް އަޒިއެލް ތައާރަފުކޮށްދިނެވެ. ޒޭބާވެސް ސަލާމްގޮވާލާފައި އަވަހަށް ކުރިމަތީގައިވި ތަށްޓަށް ނަޒަރު ހުއްޓައިލިއެވެ.
"ޔޫ ބިކަމް ލޯންގް އާޒް...."މާހިރާ ވާހަކަދެއްކީ އިނގިރޭސިންނެވެ.
"މާމަ ކުޑައިރު ތެޔޮލައްވާފައި ފައިގާ ހިފަ ދެމިވަރުން ދޯ އާޒް...."ފަރުޒާނާ ސީރިޔަސްވެލިއެވެ. އަޒިއެލްގެ ސަމާލުކަން ހުރީ އެހެން ދިމާލަކަށެވެ.
"ކައި......."އެންމެފަހުން އަޒިއެލްއަށް މަޑުމަޑުން ގޮވާލެވުނެވެ.ޒަމާންވީ މޮޅިވެރިކަމުގެ ތެރޭގައި ބަދެވިފައިވި ނަމެއްހެންނެވެ.
"ހައި ތިއްތި..އުފާވެއްޖެ ބައްދަލުވީމަ......"
އަޒިއެލް އިށީނީ އެންމެ ކޮޅުގައި ހުރި މޭޒުގައެވެ. އޭނަގެ ހަރަކާތްހުރީ ފަރުވާތެރިކަމާއެކުގައެވެ. ދޫންޏެއް ބިރުގެންފާނެތީ އުޅޭފަދައެވެ.
އަޒިއެލްއަށް ކަމުދަނީ ކާނާގެ ވަކި ބާވަތްތަކެވެ. އެހެންވެ މިރެއަށް އޭނަގެ މަންމަ ތައްޔާރުކޮށްފައިވާ ފިޝްއެންޑް ޗިޕްސްއެވެ.
"ބިސްމިﷲ. ބިސްމިﷲ.....ބިސްމިﷲ..ބިސްމިﷲ...ބިސްމިﷲ...ބިސްމިﷲ..ބިސްމިﷲ..."އަޒިއެލް ޗިޕްސްކޮޅެއް އަނގަޔަށްލިއެވެ. އެކަމަށް އާދަނުވެފައިވާ މާހިރާމެންނަށް ނުތަނަވަސްކަމެއް ލިބުނުއިރު ޒޭބާގެ ހިތަށް ފިނިވާގޮތްވިއެވެ.
"ކައި....ވަރަށް ދުވަސްވީ ވައްތަރު ޖަހަނީ..ހަމަ މާބޮޑަށްވެސް....އެކަމަކު މިބުނީ ގޭންޑަލްފް ނޫނީ އެކަހަލަ މީހެއްހެނެއްނޫން އިނގޭ.. އެކުޑަ ކައިލާ ބޮޑުވީ.........."އަޒިއެލްގެ އެޖުމްލަތައް ކައިލާއަށް މަޖާވިއެވެ. ލޯޑްއޮފް ދަ ރިންގްގެ ދުވަސްވީ ވިޒާޑްގެ ނަން ބުނުމުން އެންމެ ކުޑައިރުގެ ހަނދާން ހިތާއި ކުޅެލިއެވެ.
"ތިއްތި އެހާ ބަދަލެއްނުވޭ..."
"އާހް....."އަޒިއެލްގެ ހިތަށް ތަދުވީފަދަ ގޮތަކަށް އަޑެއް ލައްވައިލިއެވެ." ހެއާކަޓްވެސް ތަފާތެއްނު....މިއީ ދަންނަބޭކަލުން ނަބިއްޔުން އަދި ޅެންވެރިންގެ ހައިބްރިޑް ހެއާކަޓެއް............."
އެތަނަށް ވެރިވި ހިމޭންކަން ކަނޑުވައިލަންވެގެން ފަރުޒާނާ އެންމެނަށް އެއްޗެހި އަޅާދޭންފެށިއެވެ. ޔޫސުފްވެސް ދޭތެރެއަކުން ނަޒަރު ހިންގައިލީ އަންހެންދަރިފުޅު ކައިލާއަށެވެ. އަޒިއެލްގެ އަމަލުތަކާއި ވާހަކައިން ކައިލާ ބިރުގަނެފާނެކަމަށްޓަކާ ކަންބޮޑުވެ ދުޢާކުރެވުނެވެ. އައްމާރު ނުތަނަވަސްކަން ކަނޑުވަން އޭނަގެ ބޮޑުދައިތައާއި ވާހަކަދައްކަންފެށިއެވެ.
"ކިހިނެއް އަންކަލް މަހުމޫދު؟މިހާރު ޚަބަރެއްވެސް ނުވޭ..."
"އަދިވެސް ވަރަށް އިންޓެންސް.....ކެއުމުގައި ބައިވެރިވެއްޖެއްޔާ ކެއުމުގެ ކުރިން ތަސްބީހަކިޔަން ބުނާނެ.. ވަޓްސްއަޕްއަކީ ސަރުކާރުގެ ޓްރެކިން ޑިވައިސްއެއްކަމަށްވެސް އަންކަލް ގަބޫލުކުރޭ..........."ޒޭބާ ޖަވާބުދިނެވެ.
"ޢެއީ ހަމަ ރަގަޅަށް އެބުނީ. އަހަރެންގެ އަތުގައި ޑައިގްރާމް އެބަހުރި..."އަޒިއެލްގެ ޖުމްލައިން އެންމެން ހަމަޔަކަށް އެޅުނަސް އިރުކޮޅެއްފަހުން އޭނަ ކައިލާގެ އަތަށް ޗިޕްސްކޮޅެއް ދޭން އުޅުނެވެ. ކައިލާގެ އަތުގައި ތުރުތުރެއްވާކަން އޭނައަށް ފާހަގަ ކުރެވުމާއެކު ކެއުން ނުނިންމާ ދާން ހިނގައިގަތެވެ. އެކަކުވެސް ހުއްޓުވަން މަސައްކަތް ނުކުރީ އޭނަގެ ވިސްނުން ހުންނަގޮތް އެނގޭތީއެވެ.
ކެއުމަށްފަހު ކޮޓަރިއަށް ދާން ހިނގައިގަންނަމުން މާހިރާ ވައިއަޑަކުން ޒޭބާގެ ކަންފަތް ކައިރީގައި ބުނެލިއެވެ."ހަމަ ރަގަޅަށްވެސް ކުފުރުވެފައި އެހެރީ...އޭނަ ކީއްވެ ނަބިއްޔުންގެ ވާހަކަ އެގޮތަށް ދައްކަނީ؟ ނަބިއްޔެއްގެ އިސްތަށިގަނޑު ހުންނަގޮތަށޭ އެބުނީ......އަސްތަޣުފިރުﷲ...."
ޒޭބާ ސިހޭގޮތްވެފައި ފަހަތަށް ބަލައިލިއިރު ކައިލާއާއި އޭނަގެ މަންމަވެސް ހަމަ ފަހަތުގައި ކަހަލަގޮތަކަށެވެ. އެހެންވެ އޭނަ އަވަަސް ފިޔަވަޅުތަކެއްގައި ގޮސް މަންމަ ހުންނަން ހަމަޖެހިފައިވާ ކޮޓަރިއަށްވަދެ އިންތިޒާރުގައި އިނެވެ. ތަންކޮޅެއް ރައްކާތެރި ހިސާބަކަށް އަންނަންދެން އެކަހަލަ ވާހަކަތައް ނުދައްކަން ކެތްކުރުމަށް މަންމަގާތު ބުނުމަށެވެ. މާހިރާ އައުމާއެކު ޒޭބާ ދޮރު ލައްޕައިލިއެވެ.
"މަންމާ ދައްތައަށް މަންމަ ދެއްކި ވާހަކަ ނީވޭކަމެއްވެސް ނޭގޭ..."
"މަންމަ ގޯސް އެއްޗެއް ބުނިންތަ؟ ދައްތަގެ ދަރި އެހެރީ ދީނުން ބޭރުވެފައި....ނޭވާކޮޅަށް ބިސްމި ހާސްފަހަރު ކީއިރުވެސް އެކަން ރަގަޅުކުރަން އޭނަގެ މަންމައާއި ބައްޕަވެސް އެއްޗެއް ނުުބުނި...ލޯބިން ހަލާކުކޮށްފައި ހުރި ދަރިއެއް...އަދި ޒޭބާ އެއްޗެކޭޭ ބުނީމަ އޭނަ ރައްދުވެސް ދީފި....އެކަހަލަ މޮޔަކުއްޖަކާއި ވާހަކަ ނުދައްކަން ހަނދާންކުރާތި. މަންމަ ވަރަށް ސީދަލަށް މިބުނީ..."
"އޭނަ ތަފާތު މަންމާ..ބައެއްފަހަރު ކޮންމެފަދަ އެއްޗެއްވެސް ބުނެފާނެ. އޭގެ މާނައަކީ އަހަރެމެން އެކަމާއިދެކޮޅަށް އަރައިރުންވެ ޖަދަލުކުރުމެއްނޫން..އޭނަ ސީދާ އެހެން މާނަކޮށްފައެއްނޫން އެހެންބުނީ. އޭނައަށް ވިސްނޭގޮތަށް އެބުނީ..އެހެންނޫނަސް ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމްގެ ސިފަފުޅުތައްވެސް ކިޔާދީފައި ހުރެއެއްނު. އެކަލޭގެފާނުގެ އިސްތަށިފުޅު ހުންނަގޮތްވެސް..ސޯ އަޒިއެލްގެ ހެއާކަޓްވެސް އެގޮތަށް ތިން ވައްތަރެއް އެއްކޮށްލާފައޭ އެބުނީ........"
"ކުފުރު ވިސްނުން...މީހަކު މަރާލިޔަސް މިޒަމާނުގައި ބުނާނީ ސިކުނޑިހަމަ ނުޖެހޭ މީހެކޭ ދޯ......ޒޭބާ މަންމައަށް ހެޔޮ އެއީ ދަންނަ ބޭކަލަކަށްވިޔަސް ޒޭބް އޭނައާއި ދުރުން އުޅެންޏާ.." މާހިރާގެ ހިތުގައިވަނީ އެންމެ ބިރެކެވެ.
"މަންމާ...ނަމާދުކުރަން ނަމާދުގެއަށް ދަންތަ؟"
"ޢެތަނަށް ނަމާދުކުރަން ގޮސްގެންނުވާނެ..އޭނަ އުޅެނީ މަތީގައި..ކޮޓަރީގައި ނަމާދުކުރޭ..އަދި މަންމައަށް އެކަނި އޮންނަން ނުކެރޭނެ. ޒޭބާވެސް ނިދާނީ މަންމަ ގާތު މިކޮޓަރީގައި އިނގޭ........"
ޒޭބާއަށް ވިސްނުނެވެ. މަންމަ ހުންނާނީ ދެން އޭނައަށް ފާރަލައިގެންނެވެ. ސީދާ ފާރަވެރިއަކަށް ވެގެންނެވެ. ދުލުން ނުބުންޏަސް މަންމަގެ އެ ބިރަކީ ކޮބާކަން ދެނެގަނެވިއްޖެއެވެ. އޭނަ ލޯގަނޑު ކައިރީގައި ހުއްޓިހުރެ ހިޖާބުގައިވާ ދަތިތައް ނައްޓަންފެށިއެވެ. އޭނައަށް ލިބިފައިވަނީ މެރީޑާފަދަ ބުޅި އިސްތަށިގަނޑެކެވެ. އެކަމަކު އެރީތިކަން ވަނީ ފޮރުވިފައެވެ. އޭނަ އިސްކޮޅުން ކުރުކަމުން ދުވަހަކު ހިތާމައެއްނުކުރެއެވެ. ނަމަވެސް އައްމާރުއާއި އަޒިއެލްގެ ގާތުގައި ހުރުމުން އެފަރަގު އިހުސާސްވެ ދިގުވާނެ ނަމައޭ ހިތަށް އެރިއެވެ. ކައިލާފަދަ އިސްކޮޅެއް ލިބުނުނަމައެވެ. އޭނަހާދަ ކުރެވެ.
***
އައްމާރު މަތީބަޔަށް ދިޔައިރު ބެލްކަނީގެ ސޯފާއަކަށް އަރާފައި އަޒިއެލް އިނެވެ. މުޅިގައިގާ ރަޖާ އޮޅާލައިގެންނެވެ. އޭނަގެ ނަޒަރު ހުއްޓިފައިވީ ތަރިތަކަށެވެ. ހޫނު މޫސުމްގެ ރެއެއްނަމަވެސް ފިންޏެވެ. އެހިސާބަށްވެސް ރޭގަނޑަށް ފޮޅޭ މާތަކުގެ މީރުވަސް ހިފާލާފައިވިއެވެ.
"ހޭއި...."
"އަދިވެސް އޭނަ އަހަރެން ދެކެ ބިރުން...."އަޒިއެލް ބުނެލިއެވެ.
"ބިރަކުން ނޫން....ކައި ކުރީގެ ހަނދާންތައް އާ ވީ.....އޭރު އާޒް ކިހާ އަޑުހަރު.. ކިހާ އަންޕްރެޑިކްޓަބްލް...އޭރު ކައި އަކީ ކުޑަކުއްޖެއް..."
"އަހަރެން އެހާ ބިރުވެރި..."
"ޔޫ ވާ ސިކް އާޒް... އޭރު އަހަރެމެންނަށް އެ ބައްޔަށް ދޭނެ ނަމެއް ނޭގުނީ..މިހާރު އާޒް ބަދަލުވެއްޖެ.."
"ޢެކަމަކު ކައިލާގެ ސިކުނޑިން އެހަނދާންތައް ނުފޮހެވޭ.."
"ދެން އެހެން ހަނދާންތަކެއް ދޭންވީނު..."އޭނަ އަޒިއެލް ގާތު އިށީނެވެ.
***
ޒޭބާ ކައިލާގެ ކޮޓަރިއަށް ވަންއިރު އޭނަގެ އަތުގައި ކުޑަ އުޅަލެއްއޮތެވެ. ކައިލާ ބުނީ އޭނައަށް ވަތްގަނޑަކުން ފެނުނު ކުޑައިރުގެ ހަނދާނެއްކަމުގައެވެ.
"އޯކޭތަ ކައި؟"
"އަހަންނަށް އަދިވެސް ތިއްތިބެއާއި ވާހަކަދައްކާކަށް ނޭގޭ. އޭރު އަހަރެން ކިހާބޮޑަށް ލޯބިވިން. ރޭގަނޑު ނިދަަން އަރާފައިވެސް ސޫރަތްތައް ކިޔާދޭނެ..ފާތިހާ ސޫރަތް ކިޔަވާއިރު ވަރަށް ރީތި.... ކުއްލިއަކަށް ތިއްތިބެ ބަދަލުވީމަ ވަރަށް ބިރުގަތް...އެކަމަކު މިހާރު.. ވަރަށް ގިލްޓީވޭ ދުރަށް ދެވުނީމަ... ބިރުގަތީމަ. އެކަމަކު އޭރު ކުޑަވީމަ އެހެންވީ..ކިހިނެއް ދޯ އެނގޭނީ... "
"ކައި އޭރު ކުޑަކުއްޖެއްނު.ކައިގެ މަންމައާއި މާމަ ނިންމީ ކައި ދުރުގައި ބަހައްޓަން....ކައި އަމިއްލައަށް ދިޔައީކީނޫން...އެހެންވީމަ ގިލްޓީވާނެކަމެއްނެތް.މިހާރު ކައި މިހިރީ މިތާގައި...ކޮންމެހެން ކަމެއް ފިކްސްކުރާކަށް ނޫން. ހަމަ އައީ....އެވަރުވެސް ފުދޭނެ....."ޒޭބާ ވިސްނައިދިނެވެ.
ބޭރުން މީހެއްގެ ފިޔަވަޅުގެ އަޑު އިވުމުން ޒޭބާ ފުންމައިގެން ތެދުވެ ހިޖާބު ނަގާ ބޮލުގައި އޮޅައިލިއެވެ. ދެވަނަ ސިކުންތުގައި ދުއްވައިގަތީ އަލަމާރިއާއި ދިމާލަށެވެ.
ނުނިމޭ