ލިސާން: ވާހަކަ --

ހިތުގެ އިޙްސާސްތައް ރަނީމްއަށް ހާމަނުކޮށް ހުންނަން އޭނާއަށް ކުޅަދާނަ ނުވުމުން އެންމެފަހުން ނާވީއަށް އޭނާގެ ހިތުގެ ޙާލު ރަނީމްގެ ކުރިމަތީގައި ބަންޑުންކޮށްލަން މަޖުބޫރުވިއެވެ.

ހަމަ ޙަޤީޤަީތުގައިވެސް އޭނަގެ ހިތުގައި މިހާރު ރަނީމްއާ މެދު އުފެދިފައިވަނީ ވަރަށް ފުން ޖަޒުބާތުތަކެކެވެ. އެ އިޙްސާސްތަކަކީ އޭނާއަށް މުޅިން އައު އިޙްސާސްތަކެކެވެ. އެހެންނަމަވެސް އެއީ ލޯބިކަން އޭނާއަށް އެނގެއެވެ. ރަނީމްއަށް ނަޒަރު ހުއްޓާލައިގެން ނާވީ ހުއްޓެވެ. ނަޒަރު ވަކިކޮށްލުމެއް ނެތިއެވެ. އޭނާގެ ފެހިނޫ ދެލޮލުގައި ވަނީ ފުންކަމާއި ސިއްރުވެރިކަމެކެވެ.

ނާވީގެ ވާހަކައިން ރަނީމްއަށް ބަސްހުއްޓިފައި ހުރެވުނުއިރު، އޭނާގެ ސިކުނޑި ޣަރަޤުވެގެން ދިޔައީ ގޮތް ނޭނގޭ ހުސްކަމެއްގެ ތެރެއަށެވެ. ހިތުގެ ތެޅުން ބާރުވެގެން ދިޔައީ ނާވީ އެކުރަނީ ސަމާސާއެއް ނޫންކަން އޭނާއަށް ޔަޤީންވުމުންނެވެ. ސީރިއަސްކަން ނޫނީ އެ މޫނުމަތީގައި ނުވެއެވެ. ނާވީ އަނެއްކާވެސް ކުރިޔަށް ފިޔަވަޅެއް އަޅައިލިއެވެ. ރަނީމްގެ ހިތަށް ވެސް އެކަމުން އަސަރުތަކެއް ކުރިއެވެ. އޭނާގެ ހިތުގެތެޅުން އިހުނަށްވުރެ ބާރުވިއެވެ. ނާވީއާ މެދު ހިތުގައިވި އިޙްސާސްތައް އެ ހިތު ތެރޭގައި އެތުރެން ފަށައިފިއެވެ. ނާވީ އުނގުޅާފައި ހުރި މީރުވަސް ދުވާ އަތަރުގެ ވަސް ރަނީމްގެ ނޭފަތުގައި ޖެހިލިއިރު، ނާވީއާ އެހާ ގާތުގައި ހުންނަން ވުމުން އޭނާގެ ހިތް ވެސް ހީވަނީ މޭ ފަޅާފައި ބޭރަށް ފުންމާލަން އުޅޭހެންނެވެ. އެހާވެސް އެހިތުގެ ހިނގުންވަނީ އަވަސްވެފައެވެ.

"ރަނީމް!" ނާވީ ރަނީމްއަށް ގޮވައިލީ ރަނީމްގެ ހިމޭންކަމުން އުނދަގޫވެފައިވާ ހާލުގައެވެ. ރަނީމްގެ އަޑު އެހުމަށް އޭނާ ވަނީ ކެތް މަދުވެފައެވެ. އެހެންނަމަވެސް ދެން ވެސް ރަނީމްއަށް ޚިޔާރުކުރެވުނީ ހިމޭންކަމެވެ. ވާނީ ވެސް އެހެން ނޫން ހެއްޔެވެ؟ ނާވީއަކީ އޭނާއަށް ބީރައްޓެއްސެކެވެ. އެއީ ކޮންކަހަލަ، ކީއްކުރާ މީހެއްކަމެއް ވެސް ނޭނގެއެވެ. ދެ ތިން ދުވަހުގެ ބައްދަލުވުމުން މީހަކު ދެނެގަންނާނީ ކިހިނަކުން ހެއްޔެވެ؟ ކާކުކަން ނޭނގި ލޯބި ވެވިދާނެހެއްޔެވެ؟ ރަނީމް އަމިއްލަ ހިތާ ސުވާލުކޮށްލިއެވެ. ބަލާބެލުމަށް ނާވީއަކީ ގޯސް މީހެއް ވައްތަރެއް ނުޖަހައެވެ.

"ރަނީމް! ކީއްވެ އެއްޗެއް ނުބުނީ؟" މިފަހަރު ނާވީގެ އަޑުގައިވަނީ މަޑުމޮޅިކަމެކެވެ. ރަނީމްގެ ހިމޭންކަމުން އޭނާގެ ހިތަށް އަސަރުކުރީއެވެ.

"އަހަރެން ހީކުރީ ރަނީމްގެ ހިތުގަައި ވެސް އަހަންނާ މެދު ކޮންމެވެސް އިޙްސާސްތަކެއް ވާކަމަށް. އެއީ އަނެއްކާ އަހަންނަށް ކުރެވުނު ކުށްހީއެއްތަ؟" ނާވީ ރަނީމްއަށް ފުރަގަސް ދިނެވެ.

"ރަނީމްގެ ހިތުގައި އަހަންނާމެދު މެދު ކުޑަކޮށްވެސް ލޯތްބެއް ނުވޭތަ؟ އެއްވެސް އިޙްސާސްއެއް ނުވޭތަ؟" ނާވީއަށް ސުވާލުކޮށްލެވުނެވެ. އޭނަ މިހާރު ހީވަނީ މާޔޫސްވެފައި ވާހެންނެވެ. ރަނީމް އޭނާ އާ ބައްދަލުކުރަން ބޭނުން ނުވެއްޖެނަމަ އޭނާ ދުވަހަކު ރަނީމްގެ ކުރިމައްޗަކަށް ނާރާނެއެވެ. އެމީހުންގެ ނަސްލުގެ މަޚްލޫޤުންނަކީ، އިންސާނުންގެ ސިކުނޑިއާ ކުޅެލުމުގެ ޤާބިލުކަން ލިބިފައިވާ ބަޔެކެވެ. އިންސާނުންނާ އަވަލާ މޮޔަކޮށްލުމަކީ ވެސް ބައެއް ޖިންނީން ކުރާ ކަމެކެވެ. އެހެން ނަމަވެސް، އެއީ އެމީހުންނަށް ވެސް މަނާ ކަމެކެވެ. އެކަމަކީ އަދި އަމްދުން ނާވީ ދުވަހަކު ކުރާނެ ކަމެއް ނޫނެވެ. އެމީހުންގެ ނަސްލުގެ ތެރޭގައިވެސް އެކަންކަމަށް އަދަބު ކަނޑައެޅިފައިވެއެވެ. ރަނީމް ބޭނުންނުވާހާ ހިނދަކު އޭނަ ރަނީމްގެ ކުރިމައްޗަކަށް ނާރާނެއެވެ. ރަނީމްއާ ވާހަކަ ދައްކަން ކިތަންމެ ބޭނުން ވިޔަސް އެ ދުވަހުން އޭނާ ހުންނާނި ދުރުގައެވެ. އޭނާއަކީ ކޮން ކަހަލަ ކޮން ނަސްލެއްގެ މަޚްލޫޤެއްކަން އޭނާ ރަނީމްއަށް ކިޔައިދޭން ވެސް ބޭނުމެވެ. މަކަރާއި ހީލަތުން އެ ގުޅުން ކުރިއަށް ގެންދާކަށް ބޭނުމެއް ނޫނެވެ. އެހެންނަމަވެސް ފަސްޖެހެވެނީއެވެ. އެ ހަޤީޤަތުގެ ފަރުދާ ކެހި ރަނީމްގެ ކުރިމަތީގައި ކަޝްފުވެގެން ދާ ދުވަހަކީ އުމުރު ދުވަހަށް އޭނާ ރަނީމްއާ ވަކިވާން ޖެހިދާނެ ދުވަހެއް ކަމުގަައި ވެދާނެތީއެވެ.

"ނާވީ.... އަހަރެން...." ރަނީމް ހިތުގައި އުތުރިގަތް އިޙްސާސްއާއެކު، އޭނަގެ ދޫ ހަރަކާތްކޮށްލިއެވެ. އެހެންނަމަވެސް އިތުރު އެއްޗެއް އޭނާއަކަށް ނުބުނެވުނެވެ.

"ރަނީމް އަހަންނާ ދިމާކުރަން ބޭނުން ނޫނިއްޔާ އަހަންނަކަށް ނާދެވޭނެ." ނާވީ އެހެން ބުނެލާފައި އަނެއްކާވެސް ރަނީމްއާ ކުރިމަތިލިއެވެ. އެވަގުތު ނާވީގެ ލޮލުގެ ކަޅީގެ ފެހިނޫ ކުލައިގެ ވިދުން ގަދަވެލިހެން ރަނީމްއަށް ހީވިއެވެ. އެއާއެކު އޭނާގެ ގައިން ހީބިހި ނަގައިގެން ދިޔައީ އެ ދެލޮލުން ފެނުނު އަސަރުތަކުންނެވެ.

"ރަނީމް ދެކެ އަހަރެން ހަޤީގަތުގައި ވެސް ވަރަށް ލޯބިވޭ..." ނާވީ ބުނެލިއެވެ. ރަނީމްއަށް ހަޤީޤަތް އެނގުމުން ވާނެ ގޮތާ މެދުވެސް ނާވީ ވިސްނަން ބޭނުންނުވާފަދައެވެ. އެއަށްވުރެ ބޮޑަށް އޭނާވަނީ އެ ހިތުގެ ޙާލު ބަޔާންކޮށްދޭން ބޭނުންވެފައެވެ.

"އަހަރެންގެ ހިތުގަައި ވެސް ނާވީއާ މެދު އިޙްސާސްތަކެއް ވޭ..." އިރުކޮޅެއްގެ ހިމޭންމަކަށްފަހު، އެ އަޑު ނުކުތީ ރަނީމްގެ ހިތުގެ އެންމެ އަޑިންނެވެ. އެތެރެ ހަށީގެ ޖަޒުބާތުތައް ކިޔަމަން ނުކުރެވި އެންމެ ފަހުން ބަސްތަކެއްގެ ސިފައިގައި ހިތުގެ ޙާލު ނަވީގެ ކުރިމަތީގައި ބަންޑުންކޮށްލެވިއްޖެއެވެ. ނާވީގެ މޫނުމަތިން ފެންނަން ހުރި ހުސްކަން ފަނޑުވެލާ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އެ މޫނުމަތި އުޖާލާ ވެލައިފިއެވެ. ނާވީއަށް އައި ބަދަލުތައް ރަނީމްއަށް ފާހަގަވިއެވެ. ނާވީ ގެ ފަރާތުން ފެންނަ ކޮންމެ އަމަލަކަށް އޭނާއަށް ޝަައުޤުވެރިވެވުނުއިރު، އެ މޫނުމަތީން ފެންނަމުން ދިޔަ ތެދުވެރިކަމުގެ ސަބަބުން ރަނީމްއަށް ނާވީއަށް އިތުބާރުކުރެވުނެވެ.

"އެ އިޙްސާސްތަކަށް ދޭނެ ނަމަކީ ލޯބިކަމަށް ވާނަމަ އަހަންނަށް ވެސް މި ވެވެނީ ލޯބި." އިސްޖަހަައިލި ރަނީމް އެހެން ބުނެލިއިރު އެ އަޑުން ފާޅުވަމުން ދިޔައީ ލަދުވެތިކަމެވެ.

"އަހަރެން ދުވަހަކުވެސް ރަނީމްއަށް ގެއްލުމެއް ނުދޭނަން. އަދި އެހެން މީހަކު ރަނީމްއަށް ގެއްލުމެއް ދިނަކަވެސް ނުދޭނަން. މީ އަހަރެން އަމިއްލަ ނަފްސަށް ވާ ވަޢުދެއް." ނާވީ ބުނެލިއެވެ. އެމީހުންނަކީ ވަޢުދެއް ވެއްޖެނަމަ އެ ވަޢުދެއްގެ މަތީގައި ދެމި ތިބޭ ބަޔެކެވެ. އެ ވަޢުދުގެ ސަބަބުން ދެން ކަންތައް ވާނެ ގޮތަކާ ދޭތެރޭވެސް ނާވީ ވިސްނަން ބޭނުންނުވާފަދައެވެ. އެހެން ހުރިހާ ކަމަކަށްވުރެ ބޮޑަށް އޭނާ ހުރީ ރަނީމްއާ އެކުގައިވާން ބޭނުންވެފައެވެ. އެހެން އެއްވެސް ކަމަކަށް އޭނާގެ ފަރުވާލެއް ނެތް ފަދައެވެ.

އެ ރޭގެ ބައްދަލުވުމަށްފަހު، ރަނީމްއާއެކު ރަނީމްގެ ގެއާ ހިސާބަށް ނާވީ ދިޔައެވެ.

ނާވީގެ ފޯނު ނަންބަރު ނުނަގާ އާދެވުނުކަން ރަނީމްއަށް ހަނދާންވީ ގެއަށް ވަދެ ދޮރު ޖެހި ފަހުންނެވެ. އޭނާ ނިކަން އަވަސް އަވަހަށް ދޮރު ހުޅުވާލާފައި ދެކޮޅު ބަލައިލިއެވެ. ރުއްފަލާ ދިމާލަށް ވެސް ބެލިއެވެ. އެހެންނަމަވެސް ނާވީގެ ހިލަމެއް ނުވެއެވެ. އެހާ އަވަހަށް ނާވީ ދިޔައީ ކޮންތާކަށް ބާއޭ ރަނީމްގެ ހިތަށް އެރިއެވެ.

ރަނީމް ގެއަށް ވަދެފައި އެންމެ ފުރަތަމަ ވެސް ދިޔައީ ސަމްރާގެ ޙާލެއް ބަލައިލާށެވެ. ރަނީމް ނުކުތްއިރު ސަމްރާ އޮތީ ނިދާފައި ނަމަވެސް، މިހާރު އޭނާ އޮތީ ހޭލައެވެ.

"މަންމާ! ކޮން އިރަކު ހޭލީ؟" ސަމްރާއަށް ވާހަކަ ނުދެއްކޭނެކަން އެނގުނު ނަމަވެސް، ރަނީމް އަހައިލިއެވެ. އޭނާ ގޮސް ސަމްރާގެ ކައިރީގައި މަޑުކޮށްލާ ސަމްރާގެ އަތުގައި ހިފައިލިއެވެ. ސަމްރާ އޭނަގެ ކަނާއަތުން ރަނީމްގެ އަތުގައި އޮތް އުޅާގައި އަތް ލިއެވެ.

"ބައްޕަ.... ދަރި..ފުޅު..." އެހެން އޮވެ ކޮންމެވެސް އެއްޗެއް ބުނަން އޭނާ މަސައްކަތްކުރިއެވެ. އެއާއެކު އޭނާގެ ދެލޯ ފުރިގެންދިޔައީ ކަރުނައިންނެވެ.

"މަންމަ ބައްޕަ މަތިން ވަރަށް ހަނދާންވޭ ދޯ..." ރަނީމް ބުނެލިއެވެ. އެއާއެކު ދެލޯ މަރައިލަމުން ސަމްރާ ލޯ މަރައިލިއެވެ. އެއާއެކު ލޮލުގެ ތެރޭގައި ޖަމާވެފައި ހުރި ކަރުނަތައް ސައިލަކަށް ކޯތާފަތުގައި ރޮނގުދަމާލައިފިއެވެ.

"ބައްޕަ ވެސް މަންމަ ދެކެ ވަރަށް ލޯބިވިކަމުގައި މާމަމެން ބުނި. ބައްޕަގެ އެންމެ ފަހު ވަގުތާ ޖެހެންދެންވެސް މަންމަ ކައިރީގައި ބައްޕަ ހުރި ވާހަކަވެސް." ރަނީމް ސަމްރާގެ ކަރުނަތައް ފުހެލިއެވެ. މަންމަ އެ ޙާލުގައި އޮންނަތަން ބަލާކަށް އޭނާއަކަށް ވެސް ކުޅަދާނައެއް ނޫނެވެ. މަންމައަށް އެ ޙާލަތު ކުރިމަތިވީ ވިހެއުމުގެ ތެރޭގައިކަމަށް މާމަމެން ބުންޏެވެ. އޭރުގެ ޙާލަތު ހުރި ގޮތުން، އެކަށީގެންވަ ފަރުވާ ނުދެވުނު ވާހަކަ ވެސް ބުންޏެވެ. މަންމަ އެ ޙާލަތަށް ވެއްޓެން މެދުވެރިވި އެންމެ ބޮޑު ސަބަބަކީ ވެސް އެއީއެވެ.

*****

ރަތްވިލާ އޮއްސި އަނދިރިކަން ދުނިޔެއަށް މަރްޙަބާ ކިޔަން ތައްޔާރުވަނީއެވެ. ރާޅު ބީއްސަމުން ދިޔަ އަޑު ނޫން އިތުރު އަޑެއް ނީވޭ އެ ތުނޑީގެ ހިމޭންކަން ފޫއަޅުވައިލަނީ އުދުހިފައިދާ ދޫނިތަކުގެ ގޮވުމުގެ އަޑުންނެވެ. ދައިސަމް އިނީ ދުރު ދުރަށް ފެތުރިފައި އޮތް ތުނޑިމަތީގައެވެ. ރޭގެ ފަހުން އޭނާއަށް ނާވީގެ ޚަބަރެއް އަދި ނުވެއެވެ. ދައިސަމްގެ މޫނުމަތިން އޭނާ ފިކުރު ބޮޑުވެފައިވާކަން ވެސް އެނގެއެވެ. ނާވީއަކީ އޭނާގެ އެންމެ ގާތް ރަޙްމަތްތެރިއާއެވެ. ކުޑައިރުއްސުރެ ދެމީހުން އުޅެ ބޮޑުވީ އެކީގައެވެ. ވީިއިރު ނާވީއަށް ދެރައެއް ލިބެން އޭނާ ބޭނުންވާނީ ކިހިނަކުން ހެއްޔެވެ؟ ކަންތައްވަމުންދާ ގޮތުން ނުރައްކަލެއް ކުރިމަތިވުން ގާތްކަން އޭނާއަށް އެނގޭތީއެވެ.

ކުއްލިއަކަށް ދައިސަމްގެ ނަޒަރު ހުއްޓުނީ ތުނޑީގެ އެއް ދިމާލަކަށް އައިސް ވެއްޓުނު ނޫފެހި ކުލައިގެ އައްޔަށެވެ. އެ އަލި ތަނަށް ފެތުރިލާފައި ފަނޑުވިއިރު ނާވީގެ ސޫރަ ފެނެއެވެ. އޭނާ ހަލުވިކޮށް ދުވެފައި އައިސް ދައިސަމް ކައިރީގައި މަޑުކޮށްލިއެވެ.

"އެ އިންސި ކަލޭގެ ލޯބި ޤަބޫލުކުރީތަ؟" ނާވީގެ މޫނުމަތީގައިވި އުޖާލާކަމުން ދައިސަމް ސުވާލުކޮށްލިއެވެ.

"އޭނަ ވެސް އަހަރެން ދެކެ ލޯބިވޭ." ނާވީ ހުރީ ހިނިތުންވެލައިގެންނެވެ.

"ދެން.... ދެން ވާނެ ގޮތަކާ މެދު ވިސްނައިފިންތަ؟" ދައިސަމް ދެވަނަ ސުވާލެއް ކޮށްލިއެވެ. ނާވީގެ ވިސްނުން ބަދަލުކުރެވޭތޯ އޭނާ ދިޔައީ މަސައްކަތް ކުރަމުންނެވެ. އޭނާ އަދި ވެސް ކަމެއް ނާވީއަށް ހަނދާންކޮށްދޭން އުޅެފަދައެވެ.

"އަހަންނަކަށް ނޭނގެ. ރަނީމްއާ ދިމާވީމަ ތިއިން އެއްވެސް ކަމަކާ ވިސްނަން އަހަރެން ބޭނުންނުވާ ފަދަ. އެހެން ހުރިހާކަމަކަށް ވުރެ ބޮޑަށް އަހަރެން ރަނީމް ބޭނުން. އަހަރެން އަހަރެންގެ ލޯބީގެ ހިމާޔަތުގައި ތެދުވާނަން ދައިސަމް. ކޮންމެ ނުރައްކަލަކުން އޭނަ ރައްކާތެރިކޮށްދޭނަން..." ނާވީ ބުންޏެވެ.

"އަމިއްލަ ޢާއިލާއާ ދެކޮޅަށް ވެސްތަ؟" ދައިސަމް އަހައިލިއެވެ. ނާވީ އެ ފުންމާލަނީ އަނދައަނދާ ހުރި އަލިފާންގަނޑަކަށެވެ. ދައިސަމްގެ ސުވާލުން ނާވީ ހިމޭންވިއެވެ. އިސްޖަހަައިލަމުން އޭނާ ދޮންވެލި ގަނޑުމަތީގައި އިށީނދެލިއެވެ. އެއީ ހަޤީޤަތުގައި އޭނާ ވިސްނުން ގެންދަން ބޭނުންވާ ވެސް ހިސާބެއް ނޫނެވެ. ހިމޭންކަމުގައި ސިކުންތުތަކެއް ފާއިތުވެގެން ދިޔަފަހުން، ދައިސަމް އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. އެހެންނަމަވެސް، މިފަހަރު އޭނާ ވާހަކަ ފެށީ ރަނީމްއާ ބެހޭގޮތުންނެވެ.

"ލޯބިވާކަމަށް ދަޢުވާކޮށް އެކަކު އަނެކަކަށް އިޤުރާރުވެ ހިތް ހަދިޔާކުރިއިރު، ކަލޭ އަކީ ކާކުކަން އެ އިންސިއަށް ހާމަކޮށް ދިނިންތަ؟" ދައިސަމް ކުރި ސުވާލަށް ޖަވާބު ދޭން މިފަހަރުވެސް ނަވީގެ ދޫ ހަރަކާތެއް ނުކުރިއެވެ. އިސްޖަހާލައިގެން އޭނާ އެ އިން ގޮތަށް އިނީ އެހެންވެގެންނެވެ.

"ހީވަނީތަ ތިކަންތައް އަބަދު ސިއްރުކުރެވެނެޔޭ؟ ނާވީ! ކަލޭގެ މައިންބަފައިންނާ އަދި ކަލޭގެ އާއިލާ މިހުންގެ އިތުރުން ރަނީމްއޭ ތިކިޔާ އިންސިއަށް ވެސް އެ ޙަޤީޤަތް އަދި އެނގޭނެ. އެ ދުވަހުން ވެސް އޭނަ ކަލޭ ދެކެ މިހާރު އެވާ ލޯބި ވާނެތަ؟" ދައިސަމްގެ ސުވާލާއެކު ނާވީގެ ހިތް ގެނބިގެން ދިޔައެވެ. މޭގައި ތަދެއް ވެސް އުފެދުނެވެ.

"ކިތަންމެ ފަހަރަކު އެބަ ހުރި އިންސާނުންގެ ފަރާތުންވެސް އަހަރެމެންގެ ތެރެއިން މީހުންނަށް އަނިޔާ ލިބިފަ." ދައިސަމް އެ ދައްކަނި ވެސް ހުސް ތެދު ވާހަކަތަކެވެ. ރަނީމްއަށް ހަޤީޤަތް ކިޔައިދިނުމުން ދެން ވާނީ ކިހިނެެއް ހެެއްޔެވެ؟ ދެރަވަނީ އެ ދުވަހުން ރަނީމްގެ ކައިރިއަށް ދިޔުމުގެ ފުރުސަތު ގެއްލިދާނެތީއެވެ.

ރަނީމްއާ މެދު އޭނާގެ ހިތުގައި ވަނީ ލޯތްބެވެ. އިންތިހާ ލޯތްބެވެ. ހަޤީޤަތް ފޮރުވައިގެން އެ ގުޅުން ކުރިއަށް ގެންދަން އޭނާ ބޭނުން ނުވިއެއްކަމަކު، ޖެހިލުންވަނީއެވެ. އެހެންނަމަވެސް އެއީ ރަނީމްއަށް އެނގެން ޖެހޭ ކަމެއްކަން ނާވީއަށް ޤަބޫލުކުރެވުނެވެ. ސަބަބަކީ ލޯބިވުމަކީ ކަންތައް ސިއްރުކުރުން ކަމަށް އޭނަ ނުދެކޭތީއެވެ. އޭނާއާ ރަނީމްގެ ގުޅުން ބިނާވާން ޖެހޭނީ ތެދުވެރިކަމުގެ މައްޗަށްކަމަށް އޭނާގެ ޟަމީރު ޤަަބޫލުކުރާތީއެވެ.

"އަހަރެން... އަހަރެން ރަނީމްއަށް ހުރިހާކަމެެއް ކިޔައިދޭނަން." ނާވީ ބުނެލިއެވެ.

ދައިސަމް އިތުރު އެއްޗެއް ނުބުނެއެވެ. އޭނާ ވެލިގަނޑު މަތިން ތެދުވެ ވެލި ފޮޅާލާފައި ހިނގައިގަތެވެ. އެއާއެކު ނާވީ ވެސް ތެދުވެ ހިނގައިގަތީއެވެ. ދައިސަމް އޭނާއާ މެދު ކަންބޮޑުވެ ނަޞޭހަތްތެރި އެވަނީ އޭނައަށް ކަމެއް ވެދާނެތީކަން ނާވީއަށް އެނގެއެވެ. އެކުވެރިޔާގެ ވާހަކަތަކުން ރުޅި ނާދެވެނީ ކުރެވެނީ ކުށެއްކަން އަމިއްލަ ނަފްސު ވެސް ޤަބޫލުކުރާތީއެވެ. އެހެން ވިޔަސް ރަނީމް ދޫކޮށްލުމަކީ ކުރެވޭނެ ކަމެެއް ނޫނެވެ. އޭނާ ރަނީމްއާ ދުރަށް ދާނީ އެންމެ ގޮތަކުންނެވެ. ރަނީމް އޭނާ ދުރުކޮށްލުމުންނެވެ.

ނާވީ ގޮސް ގަނޑުވަރަށް ވަތްއިރު ޝައިސްތާ އިނީ ފެންޑާއެއްގައެވެ. ނާވީ ފެނުމާއެކު އޭނާ ގޮވައިލިއެވެ. ނާވީ ގޮސް ޝައިސްތާ ކައިރީގައި ހުއްޓުނެވެ.

"ކާފަ ހުއްދަ ދެއްވިޔަސް ދަރިފުޅު އަބަދު ބޭރުގަ އުޅޭތީ މަންމަ ވަރަށް ކަންބޮޑުވޭ!" ޝައިސްތާ ބުންޏެވެ.

"މަންމާ! މަންމަ ގާތު އަޅުގަނޑު އަބަދުވެސް އެބަ ބުނަމެއްނު އެއްވެސް ކަމަކާ ކަންބޮޑުވެ ނުލައްވަން. ކަމަކާ ދިމާވެއްޖެނަމަ އެކަމަކާ ކުރިމަތިލުމުގެ ޤާބިލުކަން މަންމަގެ މި ދަރިފުޅު ގައިގަ އެބަ ހުއްޓޭ!" ނާވީ ގޮސް ޝައިސްތާގެ ކައިރީގައި އިށީނދެލާ ޝައިސްތާގެ އަތުގައި ހިފައްޓާލާ އެ އަތަށް ބޮސް ދިނެވެ.

"މަންމަ ހަމައެކަނި ކަންބޮޑުވަނީ އެކަމަކާ ނޫނޭ." ޝައިސްތާ ބުންޏެވެ.

"ދެން ކޮންކަމަކާ؟ މަންމާ! މަންމަ ނުތަނަވަސްވާކަމެއް ހިއްސާކޮށްލަދެއްވާ! އަޅުގަނޑު މަސައްކަތް ކުރާނަން އެ ނުތަނަވަސްކަމާއި ހާސްކަމުން މަންމަ ދުރުކުރެވޭތޯ!" ނާވީ ބުނެލިއެވެ.

"ބަލައިގެން އުޅެެއްޗޭ ދަރިފުޅާ!" ޝައިސްތާ ބުނެލިއެވެ. ނާވީ އަކީ އޭނާގެ ފުރާނައެވެ. އެ ޝަހަރުގައި އިންޖާބާ އިންޖާބުގެ ޢާއިލާއަށް ނުކިޔަމަންތެރިކަން އަދާކުރަން ޖިންނިން ޖެހިލުންވި ނަމަވެސް މަދުމަދުން ނަމަވެސް ނުބައި މާރިދުން އުޅެއެވެ. އަދި އެހެން ޝަހަރުތަކުގައި ވެސް އެފަދަ ނުބައި ޖިންނީންނާ މާރިދުން އުޅެއެވެ. އެމީހުންގެ ވެރިކަމާއި ރަސްކަން ހިނގާ ޝަހަރުތައްވެސް އޮވެއެވެ. އިންޖާބުގެ ރަސްކަމަކީ އެމީހުންގެ ދުނިޔޭގައި މަޝްހޫރު ރަސްކަމެކެވެ. އިންޖާބާ ދެކޮޅު ޖިންނީންވެސް ބަައިވަރެވެ. އެހެންނަމަވެސް އިންޖާބަށް ނުވަތަ އިންޖާބުގެ ޢާއިލާއަށް ގެއްލުން ދޭން އެމީހުން ޖެހިލުންވެއެވެ. ސަބަބަކީ އެމީހުންނަށް ވުރެ ހުރިހާ ގޮތަކުން ވެސް އިންޖާބު ބާރު ގަދަ ވުމެވެ. އެހުރިހާކަމެއް އެނގުނު ނަމަވެސް ޝައިސްތާ އެންމެ ކަންބޮޑުވަނީ އެފަދަ މީހެއްގެ ފަރާތުން ނާވީއަށް ގެއްލުމެއް ލިބިދާނެތީއެވެ. އެހާވަރަށް ދަތުރުކުރަން އޭނާއަށް އެއްބަސްނުވެވޭ ސަބަބަކީ ވެސް އެއީއެވެ. ޝައިސްތާ ނާވީގެ ބޮލުގައި ފިރުމައިލިއެވެ.

*****

އިރު ފެނުން ތޮޅެލީ އައު ދުވަހަކަށް ދުނިޔެ މަރުޙަބާ ކިޔަމުންނެވެ. ރަނީމް އާދައިގެ މަތީން ގެއިން ނުކުތީ އޮފީހަށް ދިޔުމަށެވެ. ހިނގައިގަތުމުގެ ކުރިން އޭނާއަށް ރުއްފަލާ ދިމާލަށް ބަލައިލެވުނެވެ. ނާވީގެ ހިލަމެއް ވޭތޯއެވެ. ކީއްވެކަމެއް ނޭނގެއެވެ. އެތަނުގައި ނާވީ ހުންނާނެކަމުގައި އުންމީދުކުރެވުނީތީއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު