ދަންވަރު ނިދަންވުމުން ގުދަނަކަށް ވަދެ، މިފަހަރު ނިދައިފައި އޮއްވައި ފުލުހުން އައިސް، އޭނާ ހޭލުމުން ހައްޔަރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން ހައްޔަރުކޮށް ހަތް ދުވަހުގެ މުއްދަތެއް ޖަހައިފައިވަނީ މއ. ފޯޗިއުން، އުމުރުން 32 އަހަރުގެ އަލީ ރަޝީދުގެ މައްޗަށެވެ.
ކޯޓު އަމުރުގައިވާ ގޮތުން އޭނާ ހައްޔަރުކޮށްފައިވަނީ ވައްކަން ކުރުމުގެ ތުހުމަތުގައެވެ. އެގޮތުން މި މައްސަލައިގައި އޭނާ ހައްޔަރުކުރީ، ގުދަނެއްގެ ތެރޭގައި މީހަކު ނިދާފައި އޮތްކަމަށް ފުލުހުންނަށް ރިޕޯޓުކުރުމުން ފުލުހުން އެ ގުދަނަށް ގޮހެވެ.
އެގޮތުން އެ ގުދަނުގައި އޮތް އަލީ ރަޝީދަކީ އެތަނުގެ ދޮރު ހަލާކުކޮށްލައިގެން ވަދެ އުޅޭތީ ހިފަހައްޓައިފައިހުރި މީހެއްކަމަށް އެ ތަނުން ފުލުހުންނާ ބައްދަލުކުރި ފަރާތުން ބުނެފައިވާކަމަށް އަމުރުގައިވެއެވެ.
އަދި އެ ތަނުގައި އަލީ ރަޝީދާ ސުވާލުކުރުމުން، އޭނާ އެތަނަށް ވަދެފައިވަނީ ނިދަން ކަމަށާއި، އެ ތަނުގައި ނިދާތާ ދުވަސްކޮޅެއް ވެއްޖެކަމަށް ފުލުހުން ގާތު އެއްބަސްވިކަމަށް ފުލުހުންގެ ހާދިސާ ރިޕޯޓުގައިވެއެވެ.
މިއީ އޭނާ ހައްޔަރުކުރި 51ވަނަ ފަހަރެވެ. އޭގެ ތެރެއިން 17 ފަހަރު ބަންދަށް ބަދަލުކޮށްފައިވާކަމަށް އަމުރުގައިވެއެވެ. އަދި އޭގެ ތެރޭ ވައްކަމުގެ މައްސަލަތައް ވެސް ގިނައެވެ.