މިތުރާ ގަޔާވެލީ... 23

އިކާންގެ އަތް މުށްކެވުނެވެ. ޔަޒްދާންގެ އަޑު އިވުމުންވެސް އިކާންގެ ލޭ ހޫނުވިއެވެ. ޔަޒްދާންގެ ގަމީހުގެ ގިރުވާނުގައި ހިފިގޮތަށް ފާރުގައި ޖައްސައިލިއެވެ. ދެމީހުންގެ ދެމެދުގައި އިސްކޮޅުގެ ފަރަގު ހުއްޓަސް، ޔަޒްދާންގެ ކައިރީގައި އިކާން މާ ވަރުގަދައެވެ.

********

"ކޮބާތަ ޔަޒްދާންގެ މަގުސަދަކީ؟..." ޝަކުވާއާއި ރުޅިވެރިކަން އެކުލެވޭ ރާގަކަށް އިކާން އަހައިލިއެވެ. "ކީއްވެތަ ކޮންމެ ކަމެއް މިގޮތަށް މި ނިމެނީ؟..."

"އަހަރެން ގަބޫލުކުރަން އަހަންނަށް..." ޔަޒްދާން އެއްޗެއް ބުނަން އުޅުނެވެ.

"ގަބޫލުކުރަމޭ؟..." އިކާން ޔަޒްދާންގެ ގަމީހުން ދޫކޮށްލާފައި ދުރަށްޖެހިލިއެވެ. "ގަބޫލުކުރާނަމަ، މިހުރިހާ ދުވަސްވާއިރު، ޔަޒްދާނަށް އެއްޗެއް ވިސްނޭނެ... މިއަދު އިބާ އެ އެނދަކު ނޯންނާނެ.."

"އަހަންނަށް އެނގޭ އަހަރެން ދައްކާ ވާހަކަ ގަބޫލުކުރަން އިކާނަށް އުނދަގޫވާނެކަން... އަޑުއަހަންވެސް ބޭނުންނުވާނެކަން... އެކަމަކު އިބާއަކީ އަހަރެންގެވެސް ކޮއްކޮ... އިބާއަށް ގެއްލުމެއް ލިބޭކަށް އަހަރެންވެސް ބޭނުމެއް ނޫން..." ޔަޒްދާން ދެންވެސް މަސައްކަތްކުރީ އިކާނަށް ވިސްނައިދޭށެވެ.

"ޔަޒްދާން ބޭނުންވެގެންތަ ހުރިހާ ކަމެއް ވަނީ؟.." އިކާން ބުނެލީ މާނަފުން ޖުމުލައެކެވެ. އެ ޖުމުލައިގެ މާނަ ޔަޒްދާނަށް ވިސްނުނެވެ. "އެހެންނަމަ، ކުރިން ވީ ކަންތައް ހުއްޓުވުނީސް..."

"އިބާ ގޭގަ ހުރިނަމަ، އިބާއަށްވެސް ކަމެއް ނުވީސް..." މާޒީ ހަނދާނަށް އައުމުން، ޔަޒްދާންގެ ހިތަށް އުނދަގޫ ގޮތެއް ވިއެވެ.

"އޭނ؟... ކީކޭ ކިޔަން ތިއުޅެނީ؟..." އިކާން އަނެއްކާވެސް ޔަޒްދާންގެ ޓީޝާޓުގައި ހިފިއެވެ. "އެއީ ކުޑަކުއްޖެކޭ... ޔަޒްދާނަކަށް ނުޖެހޭނެ އޭނަ ތަންތަނަށް ގެންދާކަށް..."

"ތީ އިބާގެ ބޭބެ... އިބާގެ ބޭބެއަށް އިބާ ރޭގަނޑު އުޅޭ ތަންތަން ނޭނގުން އެއީ ކާކުގެ މައްސަލައެއްބާ؟..." ޔަޒްދާން ބޭނުންވީ އިކާން އިތުރަށް ރުޅިއަރުވައިލާށެވެ.

"އަހަރެންގެ މައްސަލަ ދައްކަން ޔަޒްދާން ތީ ކާކު؟..." އިކާންގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. "ޔަޒްދާން ކައިރީ މިއަދު އެކަކުވެސް ނެތީ ކީއްވެ؟... ކާކުގެ މައްސަލައަކުން؟..."

އައިސްފައި ހުރި ރުޅިން އިކާނަށް ބުނެވުނީ އޭނާ ބުނަން ބޭނުންވިފަދަ ވާހަކައެއް ނޫނެވެ. އެޖުމުލަ ދުލުން ބޭރުކޮށްލެވުމާއިއެކު، އިކާން ވަގުތުން ހިމޭންވިއެވެ. ޔަޒްދާނުގެ ޓީޝާޓުން ދޫކޮށްލެވުނެވެ. އެ ޖުމުލައިން ޔަޒްދާންގެ ހިތުގައި ޖެހޭނެވަރު އިކާނަށް ވިސްނުނީއެވެ. ޔަޒްދާންގެ މޫނަށް ވެރިވި އަސަރުތަކުން އިކާންގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. އެފަދަ ޖުމުލައެއް ދުލުން ބޭރުކުރެވުނީތީ، އަމިއްލަ ނަފުސަށް އަޑުލެވުނެވެ. މާފަށް އެދެން އަނގަ ހުޅުވައިލާފައިވެސް އިކާންގެ ހިޔާލު ބަދަލުވީ ޔަޒްދާން ގުޅުމުން، ރޫބީގެ ފޯނަށް އަރާފައި އޮތް ނަން ހިތަށް އައުމުންނެވެ.

"އަހަންނަކީ މާ ނަސީބު ރަނގަޅު މީހެއް ނޫން... އަހަރެން ގަބޫލުކުރަން އަހަރެންދެކެ ލޯބިވާ މީހަކު މިތާ ނެތްކަންވެސް..." ޔަޒްދާން އިސްޖަހައިލިއެވެ.

"ދޮންބޭ! ދެން ހުއްޓާލަބަލަ..." ދޮރުމަތީގައި ހުރި އިބާގެ ދެލޯ ވަނީ ފެންކަޅިވެފައެވެ. "އިބާ އަމިއްލައަށޭ ދިޔައީ... ޔަޒްދާންބެ އިބާއަށް އެއްވެސް ކަމަކަށް މަޖުބޫރެއް ނުކުރޭ..."

އިބާއަށް ބަލައިލާފައި އިކާން ހަލުވި ފިޔަވަޅުތަކެއްގައި އެތަނުން ނުކުމެގެން ދިޔައެވެ.

"ކީއްވެ ދޮންބެ ކައިރީ ނުބުނީ؟... ދޮންބެއަށް ހަގީގަތް އެނގުނީމަ، ޔަޒްދާންބެއަށް ހިތް ސާފުވާނެ.. ޔަޒްދާންބެ ނުޖެހެއޭ އަބަދު ކުށްވެރިއަކަށްވެގެން ހުންނާކަށް..." އިބާ ހުރީ ދެރަވެފައެވެ.

"ވިހި އަހަރު ކެތްކުރި ކަމަކަށް މިހާރު ކެތްނުކުރެވެންވީ ކީއްވެ؟..." ޔަޒްދާން ހިތިގޮތަކަށް ހިނިތުންވެލިއެވެ.

********

އިކާން މަޑުމަޑުން ކޮޓަރީގެ ދޮރު ހުޅުވައިލާފައި އެތެރެއަށް ވަނެވެ. ސޯފާގައި އިށީނދެލައިގެން އިންގޮތަށް ރޫބީއަށް އިނީ ނިދިފައެވެ. ރޫބީގެ އަތުގައި އޮތް ކަރުދާސްކޮޅު އަތުން ދޫވެގެން ތިރިއަށް ވެއްޓިފައި އޮތެވެ. ރޫބީ ފެނުމުން، އިކާންގެ މޫޑު ރަނގަޅުވިއެވެ. ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އިކާން އުޅުނީ ރޫބީ އެނދުގައި ބާއްވާލާފައި، ގައިމަތީގައި ރަޖާގަނޑު އަޅައިދޭށެވެ. ބާލީހުގައި ބާއްވާފައި ތެދުވަން އުޅުނުވަގުތު، ރޫބީ ކުޑަކުޑަކޮށް ލޯ ހުޅުވައިލާފައި އިކާންގެ ޓީޝާޓުގައި މަޑުމަޑުން ހިފަހައްޓައިލިއެވެ.

"ނުދޭ..." ނިދި އަޑަކުން ރޫބީ ބުނެލިއެވެ.

ރޫބީ އޮތީ ނިދާފައިކަން އިކާނަށް އެނގެއެވެ. އެހެނެއްކަމަކު، ރޫބީގެ އެ އަމަލުން، އިކާންގެ ހިތް ހުއްޓޭވަރުވިއެވެ. ރޫބީގެ އޮމާން މޫނު ވަނީ އިކާންގެ މޫނާއި ނުރައްކާތެރި ދަރަޖައަކަށް ކައިރިވެފައެވެ. އިކާން ގަދަކަމުން ލޯ މަރައިލީ، ހިތުގެ އިހުސާސްތަކުގެ މައްޗަށް ކުރި ހޯދުމުގެ މަގުސަދުގައެވެ.

"ޕްލީޒް ނުދޭ!... ބިރުގަނޭ... އެމީހުން މަރާލާނެ..." ރޫބީ ދެފަރާތަށް ބޯހޫރަން ފެށިއެވެ.

އިކާނަށް ލޯ ހުޅުވައިލެވުނެވެ. ރޫބީގެ ދިގު އެއްފިޔަތަކުގެ ތެރެއިން ފުރޭނިގެން އައީ ތާޒާ ކަރުނައެވެ. ނިދީގައިވެސް ރޫބީއަށް ވަމުންދިޔަ އުނދަގޫ އެމޫނުން ފެންނަން ހުއްޓެވެ.

"ނުދާނަން... ރޫބީ އެކަނިކޮށްލާފަ ނުދާނަން..." އިކާން މަޑުމަޑުން ރޫބީގެ ބޮލުގައި ފިރުމައިލިއެވެ.

ފަތިސްނަމާދު ބަންގީގެ އަޑު އިވުމާއިއެކު ރޫބީއަށް ފުންމައިގެން ތެދުވެވުނެވެ. ފޯނުގެ އެލާމް ކަނޑާލާފައި މޯޅިއަކަށް ދެމިލިއެވެ. އަރާމު ނިންޖަކަށްފަހު ހޭލެވުމުން، ރޫބީއަށް އޮވެވުނީ ކޮންތާކުކަން އެނގެން ވަގުތުކޮޅެއް ނެގިއެވެ. ރޫބީގެ ހަނދާނަށް ފުރަތަމަވެސް އައީ ފެނުނު ހުވަފެނެވެ. ހުވަފެން އަސްލާއި އެއްގޮތެވެ. އިކާންއާއި ބައްދަލުވީކަމުގެ އިހުސާސްވެސް ރޫބީއަށް ކުރެވުނެވެ. ރުބީ ވަށައިގެން ހޯދައިލި ނަމަވެސް އިކާނެއް ނުފެނުނެވެ. ބޭރަށް ދިޔަގޮތަށް އިކާން ގެއަށް ނާންނަނީބާއޭ ރޫބީގެ ހިތަށް އެރިއެވެ.

ރީތިވާމޭޒުމަތީގައި ރޫބީއަށް ބޭނުންވާނޭ ބައެއް އެއްޗެހި ބަހައްޓާފައި ހުއްޓެވެ. އެއްޗެއްސާއިއެކު ކުޑަ ކަރުދާސްކޮޅެއް އޮތެވެ. އޭގައި އޮތީ، އިކާން ހޮސްޕިޓަލަށް ދިޔައީ ކަމުގައެވެ. ރޫބީ ތައްޔާރުވެލައިގެން ނުކުތްއިރު، އިންތިޒާރުގައި ފަޒާލް ހުއްޓެވެ. ފަޒާލް ރެސްޓޯރެންޓަށް ވަނުމުން، ރޫބީވެސް ފަހަތުން ވަނެވެ.

"ގުޑްމޯނިންގް..." ރޫބީއަށް އިބާ ފެނުނީ އަތުން ހަނާއަޅައިލުމުންނެވެ.

އިބާއާއި އިކާން ތިބީ ހަތަރުމީހުންގެ ޖާގައިގެ މޭޒެއްގެ ކައިރީގައެވެ. އިކާން ރޫބީއަށް ނުބަލަން އުޅުނުކަން ރޫބީއަށް ފާހަގަކުރެވުނެވެ. ވިސްނާވިސްނާވެސް ރޫބީއަށް ސަބަބެއް ނޭނގުނެވެ.

"އަނެއްކާ ރޭގަ ކަމެއް ހިނގީބާ؟..." ރޫބީއަށް އަމިއްލަ ހިތާއި ސުވާލުކުރެވުނެވެ.

ވިސްނާވިސްނާވެސް ރޫބީއަށް ރޭގައި ހިނގި އެއްވެސްކަމެއް ހަނދާނަކަށް ނައެވެ. އެކަމަކު، ރޫބީއަށް ނިދުނީ ސޯފާގައި އޮއްވާކަން އޭނާއަށް އެނގެއެވެ. ވީއިރު، އޭނާއަށް އެނދަށް ދެވުނީ ކިހިނެއް ހެއްޔެވެ؟ އަނެއްކާ އިކާންއާއި ދެމީހުންގެ ދެމެދުގައި ކަމެއް ހިނގީ ހެއްޔެވެ؟ ރޫބީ ހާސްވެގެން ތިރީ ތުންފަތުގައި ދަތްއަޅާލެވުނެވެ.

"އޯކޭތަ؟..." ރޫބީ ކޮޅަށް ހުރުމުން އިބާ އަހައިލިއެވެ.

"އިބާ އޯކޭތަ؟..." ރޫބީ އަވަހަށް ގޮނޑީގައި އިށީނެވެ.

އިބާގެ އަތުގައި ބޮޑު ބެންޑޭޖްގަނޑެއް އަޅާފައި އޮތެވެ. އިތުރު އެއްވެސް ޒަހަމެއް އެ ހަށިގަނޑުގެ ބޭރުފުށުގައި ނެތެވެ.

"މީ އިބާއޭ... އިބާކިޔާ ކުދިން ވަރަށް ހިތްވަރުގަދަވާނެ..." އިބާ ގަދަކަމުން ހީލިއެވެ.

ސައިބޯން ތިބިއިރު، އިކާން ސިއްރުން ރުބީގެ މޫނަށް ބެލިއެވެ. ރޭގައި ކަމެއް ހިނގިކަން ރޫބީގެ ހަނދާނުގައި ނެތްކަން އޭނާއަށް ޔަގީންވިއެވެ.

********

އޮފީހުގެ ރަސްމީ ދުވަހެކެވެ. ރޫބީ އިނީ ކާރު ދަތުރުކުރާލެއް ލަސްވެފައެވެ. ގަޑިޖެހުމުގެކުރިން ރޫބީ އޮފީހަށްވެސް ދާންޖެހެއެވެ. ޔަޒްދާން ރޫބީއަށް ގުޅީ، ބުރިޖު ހުރަސްކޮށް ގެ ހުރި މަގަށް އެޅި ތަނާއެވެ.

"ގޭގަތަ؟" ޔަޒްދާން ހުރީ ހާސްވެފައެވެ.

"ގެއަށް މިދަނީ..." ފަޒާލަށް އިވިދާނެތީ ރޫބީ ވާހަކަ ދެއްކީ މަޑުންނެވެ.

"ވަރަށް މުހިއްމު ވާހަކައެއް ދައްކަން ބޭނުން... ރޫބީ ގެއަށް ދިޔުމުގެ ކުރިން ކަމެއް ޔަގީންކުރަން ބޭނުން... ޕްލީޒް ޑޯންޓް ގޯ ހޯމް...." ޔަޒްދާން އެއް ނޭވާއިން ހުރިހާ ވާހަކައެއް ބުނެ ނިންމައިލިއެވެ.

"ވަޓް؟..." ރޫބީއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ. ފަޒާލް ލޯގަނޑުން ރޫބީއަށް ބަލައިލިއެވެ.

"އަހަރެން މިހުރީ ވަރަށް ކައިރީގަ..." ޔަޒްދާން ފޯނު ކަނޑައިލިއެވެ.

********

"މިއަހަނީ ކީއްވެހޭ ރޫބީ އެހާ ލަސްވަނީ؟..." ގޭތެރޭގައި ދެކޮޅަށް ހިނގަހިނގާ ހުރި ނައީމުގެ ކެތްތެރިކަން ކޮޅުންލައިގެން ދިޔައެވެ.

ނަޖާތު އިނީ ގޮނޑިއެއްގައި ބަނދެފައެވެ. ދެއަތާއި ދެފައިގައި ގޮނޑިއާއިއެކު ޓޭޕްއަޅާފައިވާއިރު، ނަޖާތުގެ އަނގަމަތީގައިވެސް ވަނީ ޓޭޕުއަޅާފައެވެ.

"ގުޅާ އޭނައަށް... ހުރި ހިސާބެއް ބަލާ!.." ނައީމު އަމުރުކުރިއެވެ.

ނަޖާތުގެ ދެލޮލުގައި ނަފުރަތުގެ އަލިފާން އަނދަމުން ދިޔައެވެ. ބޮލުގެ އިސްތަށިގަނޑު ހޭވިފައިވާއިރު، މޫނުމަތީގައިވެސް ދިރުމެއް ނެތެވެ. ނަޖާތު އެއްޗެއް ބުނަން އުޅޭހެން ހީވެ، ނައީމު ނަޖާތުގެ އަނގަމަތީގައި އަޅާފައިވާ ޓޭޕްގަނޑު ނެގިއެވެ. ދަމައިގަތްލެއް ބާރުކަމުން ނަޖާތުގެ ދެލޮލުން ކަރުނަ ހިލުވައިލިއެވެ.

"ގޯ ޓު ހެލް..." ނައީމު ކައިރިއަށް ޖެހިލުމުން، ނަޖާތަށް ބުނެވުނެވެ.

ނައީމު އައި ރުޅިން، އަތުގައި ހުރި ބާރެއްލާފައި ނަޖާތުގެ އަނގަމަތީގައި ޖެހިއެވެ. އަނގަމަތި ފަޅައިގެން ގޮސް، ލޭ އަންނަން ފެށިއެވެ.

ނައީމު ނަޖާތުގެ ފޯނު ނެގިއެވެ. ގަދަކަމުން ނަޖާތުގެ އިނގިލި ޖައްސާފައި ފޯނު ހުޅުވިއެވެ. ރޫބީގެ ނަންބަރަށް ގުޅާފައި ސްޕީކަރަށް ލުމަށްފަހު، ނަޖާތާއި ކައިރިކޮށްލިއެވެ.

"ރޫބީ ފޯނު ނެގީމަ ބުނޭ ހަމަ މިހާރު ގެއަށް އަންނަން... ނޫނީ... ހުރިހާ އަނިޔާއެއް ލިބޭނީ ނަޖާތަށް..." ނައީމު އިންޒާރު ދިނެވެ.

ދެތިން ރިންގާއިއެކީ ރޫބީ ފޯނު ނެގިއެވެ. އެކަމަކު، އަނގަޔަކުން ނުބުނެއެވެ. ނައީމު މަޑުން ހުރީ ރޫބީގެ އަޑު އިވެންދެނެވެ. ނީވުމުން ލޮލުގެ އިޝާރާތުން ނަޖާތުގެ ކައިރީގައި އެއްޗެއް ބުނުމަށް އެދުނެވެ.

"ގެއަށް ނާންނާތި!..." ނަޖާތު އޭނާއަށް ލިބުނު ފުރުސަތުގެ ބޭނުން ހިފިއެވެ.

ނައީމު އަތުގައި ހުރި ބާރެއްލާފައި ފޯނު ހޫރައިލިއެވެ. ފޯނު ގޮސް ފާރުގައި ޖެހިފައި، އެތިކޮޅުތައް އެކި ހިސާބުތަކަށް ބުރައިގެން ދިޔައެވެ.

"މީ ކަލޭ އަމިއްލައަށް ލިބިގަތް ބޮނޑިއެއް..." ނުރައްކާތެރި ނަޒަރަކުން، ނަޖާތާއި ދިމާއަށް ބަލައިލަމުން ނައީމު ބުނެލިއެވެ. "އަހަރެން ކަލެއަށް އެކަށީގެންވާ ފުރުސަތު ދީފިން... އެހެންނު؟..."

ނައީމު ނަޖާތުގެ މޫނުމަތީގައި ޖެހިޖެހީނުން ގޮނޑިއާއިއެކު ތިރިއަށް ވައްޓައިލިއެވެ. ކަންފަތްމަތީގައި ޖެހުނުލެއްބާރުކަމުން ނަޖާތުގެ ކަންފަތް ބައްވިއެވެ. ކަންފަތް ފަޅައިގެން ގޮސް ލޭ އަންނަން ފެށިއެވެ. ނައީމު ދެންވެސް ހުއްޓައެއް ނުލައެވެ. ނަޖާތުގެ މޫނާއި ބަނޑުގައި ފައިން ތެޅިއެވެ. ހަމަހޭވެރިކަން ނެތެމުންދިޔަ ވަގުތު ނަޖާތަށް ފެނުނީ ގޭގެ ދޮރު ވެއްޓުނު ތަނެވެ. ކޮންމެވެސް މީހަކު ނަޖާތާއި ދިމާއަށް ދުވެފައި އައިތަން އޭނާއަށް ފެނުނެވެ. ނަޖާތުގެ ދެލޯ މެރުނެވެ. އޭރު މުޅި ތަނުގައި ލޭގެ ކޯރެއް ހެދެމުން ދިޔައެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު