ކަނޑުގެ 10 މީޓަރު އަޑިން ޑިންގީ ފެނިއްޖެ، ޒަކަރިއްޔާ ނުފެނޭ

ޒަކަރިއްޔާ: އޭނާ ދަތުރުކުރި ޑިންގީ ކަނޑު އަޑިން ފެނުނު ނަމަވެސް އޭނާ ނުފެނޭ --

ބުރާސްފަތި ދުވަހު ގދ. ގައްދޫން ޑިންގީއެއްގައި ކަނޑަށް ނުކުމެ އުޅެނިކޮށް ގެއްލިގެން ހޯދަމުން އަންނަ އެ ރަށު، ކޯޒީރައުންޑް, ޒަކަރިއްޔާ މުޙައްމަދު, ދަތުރުކުރި ޑިންގީ ކަނޑުގެ 10 މީޓަރު އަޑިން ފެނިއްޖެއެވެ.

އެމްއެންޑީއެފުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ 79 އަހަރުގެ ޒަކަރިއްޔާ ހޯދުމުގެ އޮޕަރޭޝަންގައި މިއަދު ހެނދުނު ދެވަނަ ޑައިވެއް ކުރި ކަމަށާއި އެ ޑައިވްގައި ގައްދުއާއި ގަމުގެ ދެމެދުން އޮންނަ ކަނޑުއޮޅީގެ 10 މީޓަރު އަޑިން ޑިންގީ ފެނިފައިވާ ކަމަށެވެ.

އެހެންނަމަވެސް، ޑިންގީއާއެކު ޒަކަރިއްޔާ ފެނުނު ކަމަށް ސިފައިން ނުބުނެއެވެ.

އެ ޑައިވް ކޮށްފައި ވަނީ ސިފައިންނާއި ފުލުހުން ގުޅިގެން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ފުލުހުން މީގެ ކުރިން ބުނީ ޒަކަރިއްޔާ ގައްދޫން ފުރީ ބުރާސްފަތި ދުވަހު ހެނދުނު 09:30 ހާއިރު ކަމަށާއި، އޭނާގެ ހިލަމެއް ނުވެގެން ފުލުހަށް އެ ކަމުގެ ރިޕޯޓު ލިބިފައިވަނީ އެ ދުވަހު ހަވީރު 17:05ގައި ކަމަށެވެ.

https://sun.mv/208469

ޒަކަރިއްޔާގެ މައުލޫމާތު އެނގޭ މީހަކު "ސަން"އަށް ބުނި ގޮތުގައި މުޅި އުމުރު ދަނޑުވެރިކަމުގައި ހޭދަކުރަމުން އަންނަ ޒަކަރިއްޔާ ގައްދުއިން ހެނދުނު 9:30 އެހާކަންހާއިރު އެކަނި އޭނާގެ ކުޑަ ޑިންގީގައި ފުރީ, އެ ރަށާ ޖެހިގެން އޮންނަ ގަމަށް ދިއުމަށެވެ.

އެއީ ވަރަށް ކުޑަ ކަނޑުއޮޅިއެއް ހުރަސް ކޮށްފައި ދެވެން އޮންނަ ރަށެކެވެ. ޒަމާނުންސުރެ ގައްދޫ މީހުން ދަނޑުވެރިކަންކުރަން ގޮސް އުޅެނީ ގަމަށެވެ. ބުރާސްފަތި ދުވަހު ޒަކަރިއްޔާ ވެސް އެ ރަށަށް އާދައިގެ މަތިން ދިޔައީ އެފަދަ ބޭނުމެއްގައެވެ.

ޒަކަރިއްޔާ ހޯދުމަށް އިއްޔެ ވެސް ކަނޑު މަގުންނާއި ވައިގެ މަގުގެ އިތުރުން ގަމާއި ގައްދޫ ވެސް ބަލައިފައިވެއެވެ.

ޒަކަރިއްޔާގެ ދެމަފިރިންގެ ހަތް ދަރިން ތިބެއެވެ. އެ ހުރިހާ އެންމެން ވެސް މިހާރު ބޮޑެތި ވެފައިވާއިރު އެއީ ހަ އަންހެނުންނާއި އެއް ފިރިހެނެކެވެ.

ކަނޑު ބޭރުވާ އުޅަނދުތަކުގައި އެކަނި ދަތުރުކުރުމަކީ ރާއްޖޭގެ ގަވާއިދުތައް ބުނާގޮތުން މަނާ ކަމެކެވެ. އަދި، އެފަދަ ދަތުރުތައް ކުރާ އުޅަނދުތަކުގައި ވެސް ސަލާމަތީ ވަކި އާލާތްތަކެއް ހުރުން ގަވާއިދުން ލާޒިމުކުރެއެވެ. ނަމަވެސް އެކަނި މަސްވެރިކަމާއި އެހެނިގެން ބޭނުންތަކަށް ދަތުރު ކުރުމަކީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ކޮށް އުޅޭ އާއްމު ކަމެކެވެ.

comment ކޮމެންޓް