މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އަައްޑާއަކަށްވެ، އަލިފާނުގެ ހާދިސާތަކެއް ވެސް ހިނގާފައިވާ މާފަންނު އޯކިޑް ޕްލާޒާ ތަޅާލުމުގެ މަސައްކަތް ސިޓީސް މިނިސްޓްރީން މިއަދު ފަށައިފިއެވެ.
ސިޓީސް މިނިސްޓަރު އާދަމް ޝަރީފް އުމަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޯކިޑް ޕްލާޒާއާއި ނިއު ޕްލާޒާއާއި ހައުސް ޕްލާޒާ ހުރީ އާންމުންނަށް ގެއްލުމެއް ލިބިދާނެ ގޮތަކަށް ކަމުން ތަޅާލަން ނިންމައިފައިވާ ކަމަށެވެ.
އޭގެ ތެރެއިން އޯކިޑް ޕްލާޒާ ތަޅާލުމުގެ މަސައްކަތް މިނިސްޓްރީން ފަށައިފައިވާ ކަމަށާއި އެއީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ކުރާ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"މި މަސައްކަތް ކުރަމުންދާއިރު ޢާންމުންނަށް ކުރިމަތިވެދާނެ ދަތިތަކާއި އުނދަގޫތަކަށްޓަކައި މަޢާފަށް އެދެން،" އާދަމް ޝަރީފް ވިދާޅުވިއެވެ.
ތިން ފަންގިފިލާގެ އޯކިޑް ޕްލާޒާއަކީ ސަރުކާރުގެ ކުރީގެ ޝިޕިން ކުންފުނި، މޯލްޑިވްސް ނެޝަނަލް ޝިޕިން ލިމިޓެޑްގެ އިމާރާތެކެވެ. އެ އިމާރާތް އެތައް އަހަރެއް ވަންދެން ބޭނުންނުކޮށް ހުރެ، ތަނުގެ ހާލަތު ވަނީ ދަށްވެފައެވެ.
އެ އިމާރާތުގައި މަސްތުވުމަށް މީހުން ވަންނަ ކަމުގެ ޝަކުވާތައް، އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ކޮށްފައިވެއެވެ.
އޯކިޑް ޕްލާޒާއާއި ހައުސް ޕްލާޒާގައި ވެސް މި ފަހުން އަލިފާނުގެ ހާދިސާތަކެއް ހިނގައިފައިވާއިރު، އާންމުކޮށް އެފަދަ ހާދިސާތައް ހިނގަނީ އިމާރާތުގައި ހުރި ކުނިބުނީގައި ކަމަށް މީގެ ކުރިން އެމްއެންޑީއެފުން ބުނެފައިވެއެވެ.