މިދިޔަ އާދިއްތަ ދުވަހު އދ. އަތޮޅުގެ ރިސޯޓެއްގައި ފަތުރުވެރިއަކު ފީނަން އުޅެނިކޮށް މަރުވި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާކަން މިއަދު ހާމަކޮށްފިއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، އދ. އަތޮޅުގައި ހިންގާ ރިސޯޓެއްގެ ފުއްޓަރުފަރާތު ބޭރަށް ފީނަން އެރި އުޅުނު ފަތުރުވެރިއެއް މަރުވެފައިވާ މައްސަލަ މިދިޔަ އާދިއްތަ ދުވަހުގެ 12:28 ހާއިރު ހުށަހަޅައިފައިވާ ކަމަށެވެ.
އެ މީހާއަކީ އެމެރިކާއަށް ނިސްބަތްވާ 47 އަހަރުގެ ފިރިހެން ފަތުރުވެރިއެއް ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނެފައިވާއިރު، އެ މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ހާމަކޮށްފައިނުވެއެވެ.
ރާއްޖޭގައި މޫދުގައި ހިނގާ ހާދިސާތަކުގައި މަރުވާ ފަތުރުވެރިންގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުން އަންނަ ކަމަށް ތަފާސްހިސާބުން ދައްކައެވެ.
ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި 2020ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް މޫދުގައި ހިނގި އެކިއެކި ހާދިސާތަކުގައި 112 ފަތުރުވެރިން މަރުވެފައިވެއެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ގެނބިގެން މަރުވުން ކަމަށްވާއިރު އެފަދަ 68 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.