މިދިޔަ މެއި މަހު ބޭއްވި ކަނޑުއަޑީގެ އެންމެ ބޮޑު ޕެނަލް ޑިސްކަޝަނާއެކު، ގިނިސް ވޯލްޑް ރިކޯޑް ފޮތުން ޖާގައެއް އުރީދޫ މޯލްޑިވްސްއިން ވަނީ ހޯދާފައެވެ. ނަމަވެސް، މިއީ ހަމައެކަނި ވޯލްޑް ރިކޯޑެއް ނޫންކަމަށާއި މި ރިކޯޑުން ދައްކުވައިދެނީ އުރީދޫ ނެޓްވޯކްގެ ވަރުގަދަކަން ކަމަށް މިއަދު އެ ކުންފުނިން ބުނެފިއެވެ.
މި ޕެނަލް ޑިސްކަޝަން ބޭއްވީ، ބ. ފުޅަދޫ ކައިރިން ކަނޑުގެ ފަސް މީޓަރު އަޑީގައެވެ. ޕެނަލް ޑިސްކަޝަންގައި ބައިވެރިވެ ވަޑައިގަތީ ފަސް ބޭފުޅުންނެވެ. އެއީ:
- ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް
- އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ހަމާދީ
- އެމްއެންޑީއެފްގެ ފަރާތުން ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ސަލީމް
- އުރިދޫގެ އޮޕަރޭޝަންސް އެންޑް ޓްރާންސްމިޝަން ޓީމު މެމްބަރު ޝަބީން އަލީ
- އުރިދޫގެ އޮޕަރޭޝަންސް އެންޑް ޓްރާންސްމިޝަން ޓީމު މެމްބަރު އަފްޝީން މުހައްމަދު

އުރީދޫއަށް ގިނިސް ވޯލްޑް ރެކޯޑް ހަވާލުކުރަނީ: އެ ކުންފުނިން ބުނީ މިއީ ހަމައެކަނި އެވޯޑެއް ނޫންކަމަށް --- ފޮޓޯ/އުރީދޫ
މި ޕެނަލް ޑިސްކަޝަން ކުރިއަށް ގެންދިޔައީ މިކަމަށް ޚާއްސަ، ފެނުން ރައްކާތެރިކޮށްފައިވާ ކޮމިއުނިކޭޝަން ގިއާއެއް އަޅުވައިގެންނެވެ. މި ގިޔާގެ ސަބަބުން ޕެނަލިސްޓުންނަށް ވާހަކަދެއްކުމުގެ ފުރުސަތު ލިބުނެވެ. މި ޕެނަލް ޑިސްކަޝަންގައި ފެނުއަޑީގައި ބޭނުންކުރެވޭ ސައުންޑް އަދި ވީޑިއޯ ނެޓްވޯކެއް ބޭނުންކޮށްފައި ވެއެވެ. މި ނެޓްވޯކުގެ ސަބަބުން އުރީދޫގެ ޓީމާއި، ޕެނަލްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި ބައިވެރީންނާ ގުޅުނެވެ.
މި ޕެނަލް ޑިސްކަޝަންގައި ބައިވެރިވި ފަސް ބައިވެރިންގެ ތެރެއިން ކޮންމެ ބައިވެރިއަކު ދެ މިނެޓުވަންދެން ވާހަކަ ދެއްކެވިއެވެ. އެ ބޭފުޅުން ވާހަކަ ދެއްކެވި އިރު، އަޑު ކެނޑިފައި ނުވާކަމަށާއި ވީޑިއޯގައި ވެސް އެއްވެސް މައްސަލައެއް ދިމާވެފައި ނުވާކަން އުރީދޫން ފާހަގަކުރިއެވެ.
މި ޕެނަލް ޑިސްކަޝަނާ ގުޅިގެން ވާހަކަ ދައްކަވަމުން އުރީދޫގެ ސީއީއޯ ޚާލިދު ވިދާޅުވީ، މިއީ ހަމައެކަނި ރިކޯޑެއްކަމުގައި ނުދެކޭކަމަށެވެ.
"އަޑާއި ވީޑިއޯ ފެންނަ ގޮތަށް ކަނޑުއަޑީގައި ކުރިއަށް ގެންދިޔަ މި ޕެނަލް ޑިސްކަޝަންއިން ހާމަވީ އުރީދޫ ނެޓްވޯކުގެ ވަރުގަދަކަން،" އޭނާ ވިދާޅުވިއެވެ.
އުރީދޫގެ ސީސީއޯ ހުސައިން ނިޔާޒް ވިދާޅުވީ، މި އެވޯޑުގެ ސަބަބުން ފަތުރުވެރިކަމަށް ވެސް ފައިދާތަކެއް ކުރާނެ ކަމަށެވެ. އަދި މިއީ ހަމައެކަނި އެވޯޑެއް ނޫންކަމަށާއި ރާއްޖެ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ މިންވަރު މި އެވޯޑުގެ ސަބަބުން ހާމަވާކަމަށް އޭނާ ވިދާޅުވިއެވެ.
މި ކާމިޔާބީން ދައްކުވައިދެނީ ޑިޖިޓަލް ދުނިޔޭގައި އުރީދޫ އަދާކުރާ ދައުރުކަމަށް އެ ކުންފުނިން ބުންޏެވެ.