ސަލްމާން މިސްކިތުގެ ތިންވަނަ ފަންގިފިލާގައި ޒަމާނީ ފެންވަރަށް ތަރައްގީކުރި އިސްލާމީ ކުތުބުޚާނާ މިރޭ ހުޅުވައިފިއެވެ.
މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ކުތުބުޚާނާ ހުޅުވައިދެއްވީ ދިވެހިބަހާއި ސަގާފަތާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމެވެ.

ސަލްމާން މިސްކިތުގެ ތިންވަނަ ފަންގިފިލާގައި ތަރައްގީކުރި ކުތުބުޚާނާ، ދިވެހިބަހާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް (މ) ހުޅުވައިދެއްވަނީ --- ސަން ފޮޓޯ: މުހައްމަދު އަފްވާން
މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކައިގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، އިސްލާމީ ކުތުބުޚާނާ ހުޅުވީ ގިނަ ބައެއްގެ ބުރަ މަސައްކަތުން ކަމަށެވެ. އެއާއެކު، ދީނީ އިލްމުވެރިންގެ ފޮތްތަކާއި ދިވެހި އަދީބުންގެ ފޮތްތައް ކުތުބުޚާނާއަށް ހަދިޔާކުރެއްވުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ.

ޝަހީމް ވިދާޅުވީ 60،000އަށްވުރެ ގިނަ ފޮތް މި ކުތުބުޚާނާއަށް ހަދިޔާކުރުމަށް މިހާރު ވެސް ބައެއް މީހުން ނިންމާފައި ވާކަމަށެވެ. އެކަމުގެ ރަސްމީ ލިޔެކިޔުންތައް ވެސް ނިމިފައި ވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ކުތުބުޚާނާއާ ގުޅިގެން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އެ ކުރުބުޚާނާގައި ފުރިހަމަކުރަން ޖެހޭ ކަންކަން އަދިވެސް އެބަހުރި ކަމަށެވެ.
"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާމުން މި އިސްލާމީ ކުރުބުޚާނާތެރޭގައި ވެސް ކުޑަކުދިންނަށް ޚާއްސަ ކޯނާއެއް ގާއިމްކުރާނަން. އަދި އިސްލާމިކް ބޭންކިން އެންޑް ފައިނޭންސަސް ޚާއްސަ ކޯނާއެއް ގާއިމްކުރާނަން،" އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
މީގެ އިތުރުން ޝަހީމް ވަނީ، ކުރިއަށް ހުޅުވަންހުރި އިސްލާމީ ސެންޓަރުތަކުގައި ވެސް އިސްލާމީ ކުތުބުޚާނާ ގާއިމްކުރާނެކަމަށް ވިދާޅުވެފައެވެ. އޭގެތެރޭގައި ހިމެނެނީ:
- ރ. އުނގޫފާރު އިސްލާމީ ސެންޓަރު
- ހއ. ދިއްދޫ އިސްލާމީ ސެންޓަރު
- ގދ. ތިނަދޫ އިސްލާމީ ސެންޓަރު
އިސްލާމިކް މިނިސްޓްރީން ބުނީ، މި ވަގުތު ވެސް 15،000އަށް ވުރެ ގިނަ ފޮތް ކުތުބުޚާނާގައި ބަހައްޓާފައި ހުންނާނެ ކަމަށާއި، ކުތުބުޚާނާ ހުޅުވާފައި ވަނީ ޒަމާނީ ފެންވަރަކަށް ތަރައްގީކޮށް، ތަނުގެ ބޭނުން ކުރާ ފަރާތްތަކަށް ހިތްފަސޭހަ މާހައުލަކަށް ހެދުމަށް ފަހުގައެވެ.
މި ކުތުބުޚާނާ ހުޅުވާފައި ވަނީ ދިވެހި ލައިބްރަރީ ދުވަހާ ދިމާކޮށެވެ. އިސްލާމީ މަރުކަޒުތަކުގައި ކުތުބުޚާނާތައް ގާއިމްކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.