ލޯނު ދައްކާ ނުނިމެނީސް ބޯޓު އަޑިއަށް ގޮސް 8 މިލިއަންގެ ގެއްލުމެއް

އޯޝަނިކް އެކްސްޕްރެސް ބޯޓު: އެ ބޯޓު ވަނީ އަޑިއަށް ގޮސްފައި --

މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 2:45 ގައި، ލ. ހިތަދޫގެ "އޯޝަނިކް އެކްސްޕްރެސް"އިން އެތަކެއް މުދާ ބަރުކޮށްގެން ފުރީ އެއް ހާލެއްގައި ވެސް ކޮޅިގަނޑެއްގައި ބޯޓު އެއްކޮށް ދިޔަވެ، އަޑިއަށް ދާނެ ކަމަށް ހީކޮށްގެނެއް ނޫނެވެ. ނަމަވެސް، އެތައް މިލިއަން ރުފިޔާގެ މުދަލާ އެކު ބޯޓު ކަނޑުވީއެވެ.

ނަސީބަކުން އެ ބޯޓުން ދަތުރުކުރި 12 މީހުން، އަށް ދިވެހީންނާއި ހަތަރު ބިދޭސީން ސަލާމަތްވިއެވެ. ސަން ސިޔާމް އޮޅުވެލި ބީޗް ރިސޯޓުގެ ލޯންޗެއްގެ އެހީގައި 10 މީހަކު، އަދި ކޯސްޓްގާޑުގެ ހާބާކްރާފްޓް 113 ގައި ދެ މީހަކު މާލެ ގެނެސްފައިވެއެވެ.

މުދާ ފަހަރު ބަރުކޮށްގެން ދިޔަ އޯޝަނިކް އެކްސްޕްރެސް ބޯޓުގެ ވެރިފަރާތުން "ސަން"އަށް ކިޔައިދިން ގޮތުގައި، ބޯޓުގައި ގިނަވާނީ ފޮށި ދާގީނާއެވެ. އޭގެ އިތުރުން އެ ބޯޓުގައި ޖުމުލަ އަށް ޓަނުގެ 30 ލޮނު ބަސްތާއާއި، މަސް ވެކިއުމްކުރާ ހޯސްއަކާއި، ކޮންޓެއިނަރަކާއި، އާންމުންގެ ގޭބިސީތަކަށް ބޭނުންވާ ފަރުނީޗަރާއި، ލަކުޑިއާއި، 900 އެއްހާ ފެން ކޭހާއި، އަޑީތެލުގެ 13 ފީފާ ހިމެނޭ ކަމަށް އޭނާ ކިޔައިދިނެވެ.

ވެރިފަރާތުން ބުނީ، ބޯޓު ފުންކުރުމަށްޓަކައި ފެން ކޭސްތަކާއި ތެޔޮ ފީފާތައް ކަނޑަށް އުކާލީ ކަމަށާއި އެ ވަރުން ވެސް ބޯޓު ފުންކުރެވޭ ގޮތް ނުވީ ކަމަށެވެ.

"ފަހަތުން އަންނަ ރާޅު ހަމަ ދަނީ އަރައިގެން، ފަހަތު ލައްޕާފައި ހުރި ދޮރުގަނޑެއް ބިންދާލައިގެން ރާޅު ވަދެގެން ދިޔައީ، އެހެންވީމާ ކޮންޓްރޯލްކުރެވޭނެ އެއް ގޮތެއް ވެސް ނެތް،" ބޯޓަށް ބިންދާލީ އާދައިގެ ރާޅެއް ނޫން ކަމަށް ސިފަކުރަމުން، ރާޅު ބިންދާލިއިރުގެ ހާލަތު ހިއްސާކުރިއެވެ.

"ޖެހުނު ގޮތަށް ދެން ނެތް ދުއްވޭނެ ކޮޅެއް ވެސް ހެދޭނެ އެއް ގޮތެއް ވެސް، ހަތަރު ފަރާތުން ރާޅު އަހަރެމެންނާ ދިމާލަށް އަންނަ ކަހަލަ،"

ރާޅުގަނޑު ބިންދާލި ވަގުތު ބޯޓު އޮތީ ގާތްގަނޑަކަށް ވ. އަތޮޅާ ހަތަރު މޭލު ދުރުގައި ކ. އަތޮޅުގެ ފަރުކޮޅު ހިސާބުގައެވެ. އެއީ ގާތްގަނޑަކަށް ރިހިވެލި ބީޗް ރިސޯޓާ މާ ދުރުނޫން ހިސާބެކެވެ. އެ ވަގުތު ވ. އަތޮޅާ ދިމާލަށް ދަތުރުކުރި ނަމަ، އެ އަތޮޅާ ކައިރިނުވެވެނީސް މާ ކުރިން ކަނޑުވުން ގާތް ކަމަށް އޭނާ ބުންޏެވެ.

އެހެންކަމުން މިއީ "ފޫ ނުބެއްދޭ ވަރުގެ، ފޫ ބައްދަން އުނދަގޫ" ގެއްލުމެއްގެ ގޮތުގައި ސިފަކޮށް އޭނާ ބުނީ، މުދަލާއެކު ބޯޓަށް ލިބުނު ގެއްލުން އަށް މިލިއަން ރުފިޔާއަށް އަރާނެ ކަމަށާއި ބޯޓަށް ވަކިން ހަތަރު މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް، އޭނާ ބުނި ގޮތުގައި ލިބުނު ގެއްލުން އެއްކޮށް އަންދާޒާކުރަން އެނގޭނީ ބޯޓަށް މުދާ އެރުވި ވިޔަފާރިވެރިން ސްލިޕްތައް ފޮނުވުމުން އެ ސްލިޕްތައް ބަލައި އަންދާޒާކުރުމަށް ފަހުގައެވެ.

"ވިޔަފާރިވެރިންނަށް ގަތް މުދާ ގެއްލިގެން ދިއުން މާ ގެއްލުން ބޮޑުވާނެ، ގަތް މުދާ ގަތް އަގު ލިބުނަސް އެއީ ގެއްލުމެއް، ގަތް މުދާ ވިއްކަން ނެތުން އެއީ ވެސް ހަމަ ގެއްލުމެއް،" މި ހާދިސާގެ ސަބަބުން ވިޔަފާރިތަކަށް ގެއްލުން ބޮޑުވާނެކަން ފާހަގަކޮށް ބޯޓުގެ ވެރިފަރާތުން ބުންޏެވެ.

ބޯޓު އިންޝުއަރެންސް ކޮށްފައިވާ ކަމަށް ބޯޓުގެ ވެރިފަރާތުން ބުންޏެވެ. ބޯޓު ބަނީ ވެސް ލޯނު ނަގައިގެންނެވެ. އެކަމަކު، ބޯޓުގެ ލޯނަށް އަރަނީ ކިހާވަރެއްތޯ ސުވާލުކުރުމުން ސީދާ ޖަވާބެއް ނުދިނެވެ. އެއީ ވަރަށް ބޮޑު ލޯނެއްކަން ފާހަގަކޮށް އޭނާ ވަނީ ލޯނު ދައްކައި ނުނިމޭކަން ފާހަގަކޮށްފައެވެ.

"އެކަމަކު އަދި މި މަސައްކަތްކުރަނީ ފުރަތަމަ އިންޝުއަރެންސް ތެރެއިން ކުރަން ހުރި ކަންތައްތަކާއި މި ހުރިހާ އިދާރީ ކަންތައްތަކާއި މި ބައިތައް ކުރިއަށް މި ގެންދަނީ، އަދި ހިސާބުކުރުމާއި މުދާ އެރުވި ފަރާތްތަކާ ވާހަކަ ދައްކައިގެން ލިބުނު ގެއްލުންތައް ބަލައި ސީދާ އެ މީހުންނާ ވާހަކަ ދައްކާ ހަދާނަން،" އޭނާ ކިޔައިދިނެވެ.

ބޯޓުގެ ވެރިފަރާތުން އިތުރަށް ބުނީ، މުދާތައް އެރުވި ފަރާތްތަކަށް ގެއްލުމުގެ ބަދަލު ހޯދައިދިނުމަށްޓަކައި ކުރެވެން ހުރި މަސައްކަތެއް ކުރާނެ ކަމަށެވެ.

"ލިބުނު އެންމެ ބޮޑު ގެއްލުމަކީ ކަސްޓަމަރުންނަށް ލިބުނު ގެއްލުން،"

އެހެންކަމުން އުންމީދަކީ، ފުރަތަމަ ޑައިވުން ފެނި، ފެން މައްޗަށް ބޯޓުގެ ބައިތައް ނެގުމުގެ މަސައްކަތް ކުރެވުން ކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން، އޭނާ ވަނީ ބޯޓުގައި ތިބި މީހުންނަށް ސަން ސިޔާމް އޮޅުވެލި ބީޗް ރިސޯޓުގެ ފަރާތުންނާއި ކޯސްޓްގާޑުގެ ފަރާތުން ލިބުނު އެހީތެރިކަން ފާހަގަކޮށްފައެވެ. "އޯޝަނިކް އެކްސްޕްރެސް"އިން ދަތުރުކުރި އެންމެން ސަލާމަތްކޮށްގެން ގެނެވުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ގާތްގަނޑަކަށް 11 ޖަހާކަން ހާއިރެވެ.

comment ކޮމެންޓް