އެޗްޑީސީ ފައިނަލަށް، ދަޑިމަގަށް ތިންވަނަ

މުބާރާތުގެ ފައިނަލަށް ދަތުރުކުރި އެޗްޑީސީ ޓީމު-- ފޮޓޯ: ވީއޭއެމް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ގައުމީ ވޮލީބޯޅަ މުބާރާތް 2025 ގެ ފިރިހެން ޑިވިޝަނުގެ ފައިނަލުގެ ފަހު ޖާގަ ކުލަބު އެޗްޑީސީން ހޯދައިފިއެވެ.

މުބާރާތުގެ ފައިނަލަށް އެޗްޑީސީ ދަތުރުކޮށްފައިވަނީ ސެމީ ފައިނަލުގައި ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

މެޗުގެ ފުރަތަމަ ސެޓު ކާމިޔާބުކޮށްފައިވަނީ ދަޑިމަގުންނެވެ. މި ސެޓު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 25-23 އިންނެވެ.

ނަމަވެސް އެޗްޑީސީން ވަނީ ދެވަނަ ސެޓުގައި ވަރަށް ބޮޑުތަނުން ކުޅުން ރަނގަޅުކޮށްފައެވެ. މި ސެޓު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 25-16 އިންނެވެ. ތިންވަނަ ސެޓް އެޗްޑީސީން ގެންދިޔައީ 25-20 އިންނެވެ. އަދި ހަތަރުވަނަ ސެޓް އެޗްޑީސީން ކާމިޔާބުކުރީ 25-23 އިންނެވެ.

މުބާރާތުގެ ތިންވަނަ ހޯދި ދަޑިމަގަށް ސެޓްފިކެޓް ހަވާލުކުރަނީ-- ފޮޓޯ: ވީއޭއެމް

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޗްޑީސީގެ ކެޕްޓަން އިސްމާއިލް ސާޖިދެވެ.

މި ނަތީޖާއާއެކު މުބާރާތުގެ ފައިނަލް މެޗުގައި އަންނަ ހޯމަ ދުވަހު އެޗްޑީސީ ނިކުންނާނީ ދިވެހި ސިފައިންގެ ކްލަބާ ދެކޮޅަށެވެ.

މެޗަށްފަހު މުބާރާތުގެ ތިންވަނަ މަގާމަށް ހޮވުނު ދަޑިމަގު ޓީމަށް ވަނީ މެޑެއްޔާއި ސެޓްފިކެޓް ދީފައެވެ.

comment ކޮމެންޓް