ބުރާސްފަތި ދުވަހު ގދ. ގައްދޫން ޑިންގީއެއްގައި ކަނޑަށް ނުކުމެ އުޅެނިކޮށް ގެއްލިގެން ހޯދި އެ ރަށު، ކޯޒީރައުންޑް, ޒަކަރިއްޔާ މުޙައްމަދު, މަރުވެ ލައްގާފައި އޮއްވައި މިއަދު ފެނިއްޖެއެވެ.
މިކަމާ ގުޅިގެން "ސަން"އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ، ޒަކަރިއްޔާ ފެނުނީ 11:43 ހާއިރުކަމަށެވެ. އޭނާ ލައްގާފައި އޮއްވައި ފެނުނީ ގަމު ގޮނޑުދޮށަށް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މީގެ ކުރިން ބުނީ ޒަކަރިއްޔާ ގައްދޫން ފުރީ ބުރާސްފަތި ދުވަހު ހެނދުނު 09:30 ހާއިރު ކަމަށާއި، އޭނާގެ ހިލަމެއް ނުވެގެން ފުލުހަށް އެ ކަމުގެ ރިޕޯޓު ލިބިފައިވަނީ އެ ދުވަހު ހަވީރު 17:05ގައި ކަމަށެވެ.
އެމްއެންޑީއެފުން އިއްޔެ ވަނީ ޒަކަރިއްޔާ ދަތުރުކުރި ޑިންގީ ކަނޑުގެ 10 މީޓަރު އަޑިން ހޯދާފައެވެ.
ޒަކަރިއްޔާގެ މައުލޫމާތު އެނގޭ މީހަކު މީގެކުރިން "ސަން"އަށް ބުނި ގޮތުގައި މުޅި އުމުރު ދަނޑުވެރިކަމުގައި ހޭދަކުރި ޒަކަރިއްޔާ ގައްދުއިން ހެނދުނު 9:30 އެހާކަންހާއިރު އެކަނި އޭނާގެ ކުޑަ ޑިންގީގައި ފުރީ, އެ ރަށާ ޖެހިގެން އޮންނަ ގަމަށް ދިއުމަށެވެ.
އެއީ ވަރަށް ކުޑަ ކަނޑުއޮޅިއެއް ހުރަސް ކޮށްފައި ދެވެން އޮންނަ ރަށެކެވެ. ޒަމާނުންސުރެ ގައްދޫ މީހުން ދަނޑުވެރިކަންކުރަން ގޮސް އުޅެނީ ގަމަށެވެ. ބުރާސްފަތި ދުވަހު ޒަކަރިއްޔާ ވެސް އެ ރަށަށް އާދައިގެ މަތިން ދިޔައީ އެފަދަ ބޭނުމެއްގައެވެ.
ޒަކަރިއްޔާ ހޯދުމަށް އިއްޔެ ވެސް ކަނޑު މަގުންނާއި ވައިގެ މަގުގެ އިތުރުން ގަމާއި ގައްދޫ ވެސް ބަލައިފައިވެއެވެ.
ޒަކަރިއްޔާގެ ދެމަފިރިންގެ ހަތް ދަރިން ތިބެއެވެ. އެ ހުރިހާ އެންމެން ވެސް މިހާރު ބޮޑެތި ވެފައިވާއިރު އެއީ ހަ އަންހެނުންނާއި އެއް ފިރިހެނެކެވެ.
ކަނޑު ބޭރުވާ އުޅަނދުތަކުގައި އެކަނި ދަތުރުކުރުމަކީ ރާއްޖޭގެ ގަވާއިދުތައް ބުނާގޮތުން މަނާ ކަމެކެވެ. އަދި، އެފަދަ ދަތުރުތައް ކުރާ އުޅަނދުތަކުގައި ވެސް ސަލާމަތީ ވަކި އާލާތްތަކެއް ހުރުން ގަވާއިދުން ލާޒިމުކުރެއެވެ. ނަމަވެސް އެކަނި މަސްވެރިކަމާއި އެހެނިގެން ބޭނުންތަކަށް ދަތުރު ކުރުމަކީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ކޮށް އުޅޭ އާއްމު ކަމެކެވެ.