ރީހެބް އޮފިސަރުންތަކެއް ފުރަތަމަ ފަހަރަށް ކައުންސެލިން ޕްރޮގްރާމެއް ފުރިހަމަކޮށްފި

ސްރީލަންކާގައި ކައުންސެލިންގެ ޕްރޮގްރާމެއް ފުރިހަމަކުރި ކަރެކްޝަންސްގެ މުވައްޒަފުން (ދެވަނަ ބަރި އާއި ތިން ވަނަ ބަރީގައި)، ކުރިމަތިން މެދުގައި ސްރީލަންކާގެ ޕްރިޒަންސް ޑިޕާޓްމަންޓްގެ ކޮމިޝަނަރު ޖަގަތު ވީރަސިންގަ، އަދި ރާއްޖޭގެ ކަރެކްޝަންސްގެ ޑެޕިއުޓީ ކޮމިޝަނަރު އިބްރާހީމް މުޙައްމަދު ދީދީ --- ފޮޓޯ: ކަރެކްޝަންސް

ޖަލުތަކުގައި ގައިދީންނަށް ރީހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގާ އޮފިސަރުންތަކެއް ކައުންސެލިން އާއި ނަފުސާނީ ބަލިތަކާ ގުޅޭ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކޮށްފިއެވެ.

ކަރެކްޝަންސް އިން ބުނީ، މިއީ ޖަލުތަކުގައި ރީހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގާ އޮފިސަރުންތަކެއް ފުރިހަމަކުރި މިފަދަ ފުރަތަމަ ތަމްރީނު ޕްރޮގްރާމް ކަމަށެވެ.

މިދިޔަ ޖޫން މަހުގެ 30ވަނަ ދުވަހުން ފެށިގެން މި މަހުގެ 10ވަނަ ދުވަހުގެ ނިޔަލަށް އަވަށްޓެރި ސްރީލަންކާގެ ނިގަންބޯގައި ހުންނަ އެ ގައުމުގެ ހެލްޕިން ހޭންޑް ސައިކޮލޯޖިކަލް ހޮސްޕިޓަލާ ގުޅިގެން ހިންގި މި ޕްރޮގްރާމްގައި ޖަލުތަކާއި ހެޑް އޮފީސް ހިމެނޭހެން ކަރެކްޝަންސްގެ ނުވަ އޮފިސަރަކާއި ސިވިލް މުވައްޒަފަކު ބައިވެރިވެފައިވާ ކަމަށް އެ ޚިދުމަތުން ބުންޏެވެ.

ކަރެކްޝަނުން ބުނިގޮތުގައި މި ޕްރޮގްރާމްގެ މަގުސަދަކީ، ރީހެބިލިޓޭޝަންގެ ދާއިރާގައި މަސައްކަތްކުރާ އޮފިސަރުންނާއި މުވައްޒަފުންގެ ގާބިލްކަން އިތުރުކުރުމާއި ކަރެކްޝަންސްގެ ޚިދުމަތް ހަރުދަނާކުރުމުގެ އިތުރުން، ގައިދީންނަށް ރަނގަޅަށް ފަރުވާ ދެވި، މުޖުތަމައުއަށް އަހުލުވެރިކުރުމެވެ.

ގައިދީންނަށް ރީހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގާ އޮފިސަރުންތަކެއް ކައުންސެލިން އާއި ނަފުސާނީ ބަލިތަކާ ގުޅޭ ތަމްރީނު ޕްރޮގްރާމެއް ފުރަތަމަ ފަހަރަށް ކާމިޔާބުކޮށްފައި ވާއިރު، މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި އެންމެ ބޮޑު އެއް އިޖުތިމާއީ މައްސަލައެވެ.

މަސްތުވާތަކެތީގެ މައްސަލައިގައި ރީހެބިލިޓޭޝަން ފަރުވާ ހޯދާ ގިނަ ބަޔަކު ރާއްޖޭގައި އުޅެއެވެ.

comment ކޮމެންޓް