ރާއްޖޭގެ މިނިވަން ދުވަހުގެ ހަރަކާތްތަކުގައި މޯދީ ބައިވެެރިވެވަޑައިގަންނަވަނީ

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައްދަލުކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

މިނިވަން ދުވަހާ ދިމާކޮށް، އަވައްޓެރި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގެން، ރާއްޖޭގެ މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަނަ ހަމަޖެހިފައިވާކަން އެނގިއްޖެއެވެ.

އެ ގައުމުގެ ނޫހެއް ކަމަށްވާ ޓައިމްސް އޮފް އިންޑިއާ (ޓީއޯއައި)ގައި މީގެ ކުރިން ރިޕޯޓުކުރި ގޮތުން މޯދީއަށް ރާއްޖެ ވަޑައިގަތުމުގެ ދައުވަތެއް، މިދިޔަ އަހަރު ރައީސް ޑރ. މުޙައްމަދު މުއިއްޒު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެއްވިއެވެ. ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލު މޭ މަހުގެ ފަހުކޮޅު އިންޑިއާއަށް ކުރެެއްވި ތިންވަނަ ރަސްމީ ދަތުރުފުޅުގައި އެ ދައުވަތު ވަނީ ތަކުރާރުކުރައްވައިފައެވެ.

އެނގިފައިވާ ގޮތުގައި މޯދީ ރާއްޖެ ވަޑައިގަންނަވާނީ މި މަހުގެ 25ވަނަ ދުވަހެވެ. އަދި ރާއްޖޭގެ މިނިވަން ދުވަހުގެ ހަރަކާތްތައް ބައްލައްވައިލައްވަން ވެސް ވަނީ ހަމަޖެހިފައެވެ. ފުރައިވަޑައިގަންނަވާނީ 26ވަނަ ދުވަހެވެ.

އެހެންކަމަށްވާނަމަ މިއީ، އިންޑިއާއަށް ވަރަށް ބޮޑަށް ފާޑުކީ ސިޔާސަތަކާއެކު ވެރިކަމަށް ވަޑައިގެންނެވި ރައީސް މުއިއްޒު ދައުރުގައި، މޯދީ ރާއްޖެ ވަޑައިގަންނަވާނެ ރަސްމީ ފުރަތަމަ ދަތުރުފުޅެވެ.

https://sun.mv/206795

މި ސަރުކާރުން ވެރިކަމަށް އައީ 'އިންޑިއާ އައުޓް'ގެ ނަމުގައި ދިގު މުއްދަތަކަށް ކުރިއަށްގެންދިޔަ ކެމްޕޭނަކަށް ފަހު، ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގައުމަށް ފޮނުވާލާނެ ކަމުގެ ވައުދާއެކުގައެވެ. އޭގެ ސަބަބުން މި ސަރުކާރަކީ 'ޕްރޯ ޗައިނާ' ސިޔާސަތެއް ގެންގުޅޭ ސަރުކާރެއްގެ ގޮތުގައި ސިފަވެފައި އޮތްއިރު، ވެރިކަމުގެ ތިން ވަނަ މަހު، ނައިބު ވަޒީރުންތަކެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އެ ގައުމުގެ ރައްޔިތުންނަށް ކުޑައިމީސްކޮށް ސޯޝަލް މީޑިއާގައި ވާހަކަދެއްކިއެވެ.

ހަމަ އެ މަހު ރައީސް ޗައިނާއަށް ކުރެއްވި ދަތުރުފުޅަކަށް ފަހު އެނބުރި ވަޑައިގެން، އިންޑިއާއަށް އިޝާރާތް ކުރައްވައި، ރާއްޖެއަކީ އެއްވެސް ގައުމެއްގެ 'ބެކްޔާޑް'އެއް ނޫން ކަމަށާއި ރާއްޖެ ކުޑަޔަސް ބުލީ ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

އެ މައްސަލައިގައި ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެ، ރާއްޖެ ބޮއިކޮޓް ކުރުމަށް ގޮވާލައި އިންޑިއާގައި ކެމްޕޭނެއް ވެސް ކުރިއަށްގެންދިޔައެވެ. ނަމަވެސް އޭގެ ފަހުން މި ސަރުކާރުން އިންޑިއާއާ ގުޅުން ބަދަހި ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެގޮތުން، މޯދީ ތިން ވަނަ ދައުރަކަށް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވެސް ރައީސް ވަޑައިގަތެވެ.

އޭގެ ފަހުން އިންޑިއާއާއި ދިވެހި ސަރުކާރުން ވެސް ވަނީ ދެ ގައުމުގެ ގުޅުން އާންމު ހާލަތަށް ރަނގަޅުވެފައިވާ ކަމަށް ބުނެފައެވެ.

އިންޑިއާއާއި، ރާއްޖެއާ އެންމެ ގާތް ގުޅުމެއް މި ފަހުން އޮތީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ އެމްޑީޕީ ސަރުކާރުގައެވެ. ޞާލިހު ވެރިކަމުގެ ހުވާ ކުރެއްވި ރަސްމިއްޔާތުގައި ވެސް މޯދީ ބައިވެރިވެވަޑައިގެންނެވިއިރު، އެ ވެރިކަމުގައި ފަހުން ވެސް މޯދީ ރާއްޖެ ވަޑައިގަތެވެ. އަދި މޯދީއަށް ވަނީ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ޝަރަފު ވެސް އަރުވައިފައެވެ.

comment ކޮމެންޓް