ގައުމީ ކެރަމް މުބާރާތުގެ ޓީމު އިވެންޓުގެ ތަށި ކުޑަ ހެންވޭރަށް

ގައުމީ ކެރަމް މުބާރާތުގެ ތެރެއިން-- ފޮޓޯ: ކެރަމް އެސޯސިއޭޝަން

މިހާރު ކުރިއަށްދާ 34ވަނަ ޤައުމީ ކެރަމް މުބާރާތުގެ އަންހެން އަދި ފިރިހެން ޑިވިޝަނުގެ ޓީމު އިވެންޓްގެ ޗެމްޕިއަންކަން ކުޑަ ހެންވޭރު ޔުނައިޓެޑް ހޯދައިފިއެވެ.

ހުޅުމާލޭގައި ހުންނަ ސްޕޯޓްސް ކޮމްޕްލެކްސްގެ ކެރަމް އެރީނާގައި ކުރިއަށްދާ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ކުޑަ ހެންވޭރު ހޯދީ ފައިނަލުގައި ތުޅާދޫ ޔަންގް އީގަލްސްއާ ވާދަކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި އިވެންޓްގެ ތިންވަނަ މަގާމު ހޯދީ އައިލެންޑާސް ހޯޕެވެ.

މީގެ އިތުރުން މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ކުޑަ ހެންވޭރުން ހޯދީ ފައިނަލުގައި 2-1 ސެޓުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ބަލިކޮށްގެންނެވެ. މި އިވެންޓުން ތިންވަނަ ހޯދީ ސްޕޯޓްސް ކްލަބް ފަހުލަވާނެވެ.

މިފަހަރު ޤައުމީ ކެރަމް މުބާރާތުގައި މުޅިން އަލަށް ބައިވެރިވި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުންވެސް ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން އަންހެން ޓީމުން ރަނަރަޕް މަގާމް ހޯދިއިރު ފިރިހެން ޓީމު ވަނީ ތިންވަނަ ހޮވި މެޗު ކުޅެފައެވެ. ނަމަވެސް އެ ޓީމަށް ތިންވަނަ ނުލިބުނެވެ.

ޤައުމީ މުބާރާތުގައި މިހާރު ކުރިއަށްދަނީ އަންހެން އަދި ފިރިހެން ސިންގަލްސް އިވެންޓްގެ މެޗުތަކެވެ. މި މުބާރާތުގެ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މިއަދެވެ.

comment ކޮމެންޓް