"އަހަންނަށް މި ހީކުރެވެނީ ރަނގަޅަށްތަ؟ މާޒީ......މާޒީއަށް އަނެއްކާވެސް...." ޝައިސްތާއަށް ބުނެވުނެވެ. އެއާއެކު ނަމީރު ބޯ ޖަހައިލިއެވެ.
އަދި އޭނާ ޝައިސްތާއަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. ރައާބިލްގެ އެދުންވެސް މެއެވެ.
"އެކަމަކު ތިކަމުގައި ހާދަ ނުރައްކަލެއް އެބަ އޮތޭ. އަދި އަމްދުން ބައްޕައަށް އެނގިލައްވައިފިއްޔާ މައްސަލަ ވަަރަށް ގޯސްވާނެ." ޝައިސްތާ ބުންޏެވެ.
"އެހެންވެ އެކަމާ އަހަރެންވެސް އެންމެ ކަންތައް ބޮޑުވަނީ. ރައާބިލް ބުންޏަސް އަހަންނަށްވެސް އެއީ ކުރަން އެހާ ފަސޭހަކަމެއް ނޫން. މާޒީއަށް އަލުން އަނބުރާ ދިޔުމަކީވެސް ފަސޭހަކަމެއް ނޫން." ނަމީރު ބުންޏެވެ.
"ދެން ނަމީރު ތިޔަ ނިންމަނީ ކޮން ގޮތެއްތަ؟" ޝައިސްތާ ސުވާލުކޮށްލިއެވެ. ނަމީރުގެ ނިންމުން އަޑު އަހަން އޭނާ ބޭނުންވިއެވެ.
"އަހަރެން އެކަންތައް ރައާބިލްއަށް ކޮށްދޭން ނިންމައިފިން." ނަމީރު އިސްއޮބާލައިގެން އިނދެ މަޑުމަޑުން ބުނެލިއެވެ.
"ނަމީރު. ތީ އެއްވެސް ރަނގަޅު ގޮތެއް ނޫން." ޝައިސްތާ ބުނެލިއެވެ. "ބައްޕަ…"
ޝައިސްތާއަށް ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. އޭނާވަނީ ހާސްވެފައެވެ. ނަމީރު ކުރަން އެ އުޅޭ ކަންތައް އިންޖާބަށް އެނގިއްޖެއްޔާ ކަންތައްތައް ވަރަށް ގޯސް ވާނެއެވެ. އޭނާ ބިރުގަނެއެވެ. ޖެހިލުންވެއެވެ. ނަމީރަށް ކަމެއް ވާކަށް އޭނާ ބޭނުމެއް ނޫނެވެ. ނަމީރަށް ބަލައިލުމަށްފަހު، ޝައިސްތާއަށް ދެފަރާތަށް ބޯ ހޫރައިލެވުނެވެ. އޭނާއަށް ނަމީރަށް ބަލައިލެވުނީ ތިކުރަން އުޅޭކަންތައް ހުއްޓާލާށޭ ބުނާ ބީދައިންނެވެ. ނަމީރުގެ އަތުގައި ޝައިސްތާ ހިފައްޓައިލިއެވެ.
"ބައްޕައަށް ސިއްރުން އަހަރެން އެކަންތައް ކުރާނީ." ނަމީރު ބުނެލިއެވެ. އޭނާ ޝައިސްތާއަށް ބަލައިލިއެވެ. އޭނާ ޝައިސްތާގެ އެއްބާރުލުން ބޭނުމޭ އެ ނަޒަރުން ބުނަމުން ދިޔައެވެ. ލޯބިވާ ފިރިމީހާގެ ލޮލުގައިވި ހާސްކަމާއި ނުތަނަވަސްކަމުގެ ތެރެއިން އޭނާއަށް އިތުބާރުކުރާށޭ ބުނާފަދަ އަސަރުތަކެއް ޝައިސްތާއަށް ފެނުނެވެ. އޭނާ މަޑުމަޑުން ބޯ ޖަހައިލިއެވެ. އަދި ނަމީރުގެ އަތަށް ބާރުކޮށްލިއެވެ. މިވަގުތު ނަމީރާއެކު އޭނާ ހުރުމުގެ މުހިންމުކަން ޝައިސްތާއަށް ވިސްނެއެވެ.
"އަހަރެން ޝައިސްތާގެ އެހީތެރިކަން ވަރަށް ބޭނުން. މިކަންތައް އިތުރު މީހަކަށް އެނގޭކަށް އަހަރެން ބޭނުމެއް ނޫން." ނަމީރު މަޑުމަޑުން ބުނެލިއެވެ. ޝައިސްތާ ހިފައްޓާފައިވާ އަތުގެ މަތީގައި އޭނާ އެއް އަތް ޖައްސައިލިއެވެ.
ނަމީރު ހުރީ ހަމަ ހަޤީގަތުގައިވެސް ވަރަށް ބޮޑަށް ޖެހިލުންވެފައެވެ. އޭނާ ކުރަން އެ އުޅޭ އެއްވެސް ކަމެއް އިންޖާބަށް އެނގިގެން ނުވާނެއެވެ. ލޯބިވާ އަނބިމީހާގެ ފަރާތުން ލިބުނު އޯގާތެރިކަން ވެގެން ދިޔައީ ނަމީރުގެ ހިތަށް ކުޑަކޮށް ވެސް ލިބުނު ހިތްހަމަ ޖެހުމަށެވެ.
*****
ދެ ދުވަސް ފަހެވެ. އެއީ ރޭގަނޑެކެވެ. ނާވީ ރަނީމްއާ ބައްދަލުކުރަން ވެގެން ގޮސް ރުއްފަލާ ދިމާ ގޮނޑު ދޮށަށް ތިރިކޮށްލި ވަގުތު އިތުރު މީހެއްގެ ލޮލުގައި އެ މަންޒަރު އަޅައިގަތްކަމެއް އޭނާ ނުދެނަ ހުއްޓެވެ. ލުއިލުއި ހިނިތުންވުމެއް ތުންފަތުގައި ވާ ޙާލު ނާވީ ރާޅު ޖަހާ ފަށުގައި ހުއްޓުނެވެ. ފުރަގަސްދީގެންނެވެ. ރަނީމް އަންނައިރު އޭނާއަށް ފެންނާނެ ފަދަ ގޮތަކަށެވެ. އުޑުމަތި ސާފު ރެއެކެވެ. ފަލަކުގައި ރަސްކަން ކުރަމުން ދިޔަ ހަނދު އޭގެ އަލިކަމުން ދުނިޔެމަތީގައިވާ އަނދިރިކަމުގެ ފަރުދާ ކަހާލާފައިވާ ފަދައެެވެ. ވިލާ ރޮއްޖެއްގެ އަސަރުވެސް އުޑުމަތީގައި ނުވެއެވެ. އުކާލެވިފައިވާ ކުދި ކުދި މުތްތަކެއް ފަދައިން ތަރިތައް އުޑުމަތީގައި ފިޔަޖަހަމުން ދިޔައެވެ. ޖެހިލާ ލުއި ވަައިރޯޅުތަކުގެ ބީހުން އިޙްސާސްވަނީ ވެސް މަޑުމަޑު އަތެއްގެ ފިރުމުންތައް ފަދައިންނެވެ.
ނާވީއަށް ބަލަހައްޓައިގެން ފުނަ ގަހެއްގެ ގޮފި ގަނޑެއްގެ މަތީގައި އިނީ އިންސާނެއް ނޫނެވެ. އޭނާގެ ދެލޮލުން އިރުއިރުކޮޅަކާ ވިދުވަރެއް ފާޅުވެއެވެ. ނާވީ ގާތަށް ދާން ނޫޅެ ދުރުން ބަލަން އިން އިރު ހީވަނީ ނާވީ ކުރާކަމެއް ބަލަން ބޭނުންވެފައިވީ ހެންނެވެ. ނާވީގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެކެވެ.
އޭގެ އިރުކޮޅެއްފަހުން ދެން ފެނުނީ، އެ ދިމާލަށް އަންނަމުން ދިޔަ ރަނީމްއެވެ. އޭނާ އައި ގޮތަށް އައިސް ނާވީގެ ފަހަތުގައި ހުއްޓުނެވެ.
ކަޅު ޓީޝާޓެއްގައި ނާވީ ފެންނަނީ ވަރަށް ވެސް ހިތްގައިމު ކޮށެވެ. ޖެހެމުންދިޔަ ވައިރޯޅިޔާއެކު ރަނީމްގެ ނޭފަތުގައި ހަރުލީ އާއްމުކޮށް ވެސް ނާވީ ކައިރިން އޭނާއަށް ދުވާ އަތަރުގެ ވަހެވެ.
"ނާވީ..." ރަނީމް އޭނާގެ ފަހަތުގައި ހުއްޓުނުކަން ނާވީއަށް އެނގެއެވެ. އޭނާ އެނބުރިލީ ރަނީމް ގޮވައިލުމުންނެވެ. ފަސް އެނބުރުނުއިރު ރަނީމްގެ މޫނުމަތިން ވަރުބަލިކަމާއި ކަންބޮޑުވުމެއް ނާވީއަށް ފާހަގަކުރެވުނެވެ. އެއާއެކު އޭނާ އަވަސްވެގަތީ ވީގޮތެއް އޮޅުން ފިލުވުމަށެވެ.
"މަންމަ ކުޑަކޮށް ބަލިކޮށް އުޅޭތީ...." ރަނީމް ބުނެލިއެވެ. "ވިއްސާރަ އަލިކޮށްލި ފަހުން ފެތުރު ހުންގަނޑު ލައްވަައިލައިގެން އުޅެނީ. މިހާރު ބޭސްދީގެން ނިދިފަ އޮތީ. އެކަމަކުވެސް ނާވީ! އަހަންނަށް މިރޭ ނާވީ ގާތުގައި އެހާ ގިނައިރު މަޑުކުރެވޭކަށް ނެތް. "
"އަހަންނަށް އެނގޭ. ކުޑަ ވަގުތު ކޮޅަކަށްވީ ނަމަވެސް ރަނީމް ފެނުނީމަ އަހަރެން ވަރަށް އުފާވެއްޖެ." ނާވީ ބުނެލިއެވެ.
"އަހަރެން ވަރަށް ލޯބިވޭ." ނާވީ ބުނެލިއެވެ.
"އަހަރެންވެސް." ރަނީމް ޖަވާބު ދިނެވެ.
"މަންމަ ކައިރިއަށް ދޭ ރަނީމް. މަންމަ ރަނީމްއަށް ބޭނުންވެދާނެ." ސަމްރާގެ ޙާލަތު ނާވީއަށް ވެސް އެނގޭތީ އޭނަ ބުނެލިއެވެ. ރަނީމް ބޯ ޖަހައިލިއެވެ.
"އަހަރެން ދާނީ ރަނީމް ގެއަށް ލާފަ. "ނާވީ ބުނެލިއެވެ. ދެމީހުން އެއްގަމާ ދިމާލަށް ހިނގައިގަތެވެ.
އެ މަންޒަރު ބަލަން ގަހުގައި އިން އެތި ކުއްލިއަކަށް ގެއްލިއްޖެއެވެ. އެއާއެކު ފެހިނޫ އައްޔެއްގެ އަސަރުވެލިއެވެ. އެހެން ނަމަވެސް ވިދާލި ވިރުވަރެއްހެން ހަމަ އެހާ އަވަހަށް އެ އަލިކަންވެސް ގެެއްލިއްޖެއެވެ. ރަނީމްއާއެކު، ހިނގަމުން ދިޔަ ނާވީއަށް ފަހަތަށް ބަލައިލެވުނެވެ. ކޮންމެވެސް ކަމެއް އޭނާއަށް އިޙްސާސްވީތީއެވެ. އެހެންނަމަވެސް އެއްވެސް އަދަޔާ ޚިލާފް ތަފާތުކަމެއް އޭނާއަށް ފާހަގައެއް ނުކުރެވުނެވެ.
"ކިހިނެއް ވީ؟" ރަނީމްއަށް ބުނެވުނެވެ.
"ނުވޭ ކަމެއް. ހިނގާ... " ރަނީމްއާ ކުޑަކޮށް ގާތްވެލަމުން ނާވީ ބުނެލީ މަޑުމައިތިރިކޮށެވެ. އޭނަ ކަންބޮޑުވާކަން ރަނީމްއަށް ނުދެއްކި ނަމަވެސް، ދެންމެ ވީ ހީވުމުން އޭނަ ކަންބޮޑުވިއެވެ. ނާވީ އެތަނުން ދިޔައީ ރަނީމް ގެއަށް ވަނުމުން ވެސް އިރުގަނޑަކު އެ ސަރަހައްދުގައި އެނބުރިފައެވެ. އިތުރު ނުރައްކަލެއް ނެތްކަން ޔަޤީންކޮށްފައެވެ. އެއީ އޭނާއަށް ހީވި ހީވުމެކޭ އޭނާގެ ހިތަށް އެރިއެވެ.
ނާވީ ރަށަށް ތިރިކޮށްލުމާއެކު ތުނޑިމަތިން އޭނާއާ ދިމާވީ ދައިސަމްއެވެ. ދައިސަމްއާއެކު ވާހަކަ ދައްކަމުން ދައްކަމުން ރަށު ތެރެއަށް އަރައިގެން ނާވީ ދިޔައެވެ. ބޯ ޖަންގަލީގެ ތެރޭގައި އިންސާނުންގެ ލޮލަށް ފޮރުވިފައިވާ ޖަންގަލީގެ ޝަހަރަށް ވަނުމާއެކު، ގޮސް ގަނޑުވަރަށް އޭނާ ވަނެވެ. އެއާއެކު ދައިސަމްވެސް ގޮސްފިއެވެ.
ނާވީ އެތެރެއަށް ވަނުމަށްފަހު، އޭނާ އެންމެ ފުރަތަމަ ވެސް ދިޔައީ ޝައިސްތާގެ ޙާލެއް ބަލައިލާށެވެ. ޝައިސްތާ ގާތު އިރުކޮޅަކު ނާވީ މަޑުކޮށްލިއެވެ. އޭނާ ނަމީރުގެ ވާހަކަ އަހައިލިއެވެ. އޭނާއާ، ބައްޕައާއި މި ދެ ދުވަހު ވަރަށް ދިމާނުވެއެވެ. ކާފަ ވެސް އުޅެނީ ފުދޭވަރަކަށް ބުރަކޮށެވެ. ހީވަނީ ތަނަކަށް ދަތުރަކު ދާންވެގެން ތައްޔާރުވަމުން ދިޔަ ހެންނެވެ.
"ކާފަ އާ އެކީ އެ ދިޔައީ..." ޝައިސްތާ ބުނެލިއެވެ.
"އެހެންތޯ؟ އަޅުގަނޑުވެސް ކޮޓަރިއަށް މިދަނީ." ނާވީ އެހެން ބުނެލާފައި ތެދުވެލިއެވެ.
ޝައިސްތާ ވިސްނައިލިއެވެ. ނާވީ އައުމުގެ ކުޑަ އިރުކޮޅެއް ކުރިން ނަމީރު އެ ކޮޓަރިއަށް ވަތްއިރު، އެ މޫނުމަތިން ފެނުނީ ހާސްކަމެވެ. އެއީ ކީއްވެގެންކަން ވެސް ޝައިސްތާއަށް އެނގުނެވެ. އެ ހުރިހާ ނުތަނަވަސްކަމެއް ގުޅިފައިވަނީ ރައާބިލް އާއެވެ.
ޖެހިގެން އައި ދުވަހު އިންޖާބު އެހެން ޝަހަރަކަށް ދަތުރަށް ފުރީ ގަނޑުވަރާއި ޝަހަރުގެ ކަންތައްތައް ނަމީރާ ހަވާލުކޮށްފައެވެ. އިންޖާބު ދަތުރު ފެށީ އެ ދުވަހު އަސުރަށް ފަހުގައެވެ. އެހެންކަމުން ނަމީރެކޭ އެއްގޮތަށް ގަނޑުވަރުގެ ޚާދިމުންތައް ވެސް އެކި ކަންކަމުގައި އުޅެން ޖެހުނީ ވަރަށް ވެސް ބުރަކޮށެވެ. ބަތީލާއާއި ޝައިސްތާއަށް ވެސް ބުރަ ދުވަހަކަށް އެ ދުވަސް ވެގެން ދިޔައެވެ.
ނާވީ ވެސް އެ ދުވަސް ހޭދަކުރީ ގަނޑުވަރުގައެވެ. އޭނާ ގަނޑުވަރުން ނުކުތީ، ކާފަ ދަތުރަށް ފެށުމުންނެވެ. ނަމީރު އޭރުވެސް އުޅުނީ ވަޒީރުންނަށް އައްޔަން ކޮށްފައިވާ ޖިންނީންނާއެކު އެކި ކަންކަމުގައި ބުރަކޮށެވެ. އޭނާއަށް ހަމަނޭވާ ލެވޭނީ އިންޖާބު ބުނި ކަންތައްތައް ކޮށްފައެވެ. އިންޖާބަކީ ހަރުކަށި، ކޮންމެ ކަމެއްގައި ވެސް އޭނާގެ އުސޫލުތައް ދަމަހައްޓާ މީހެކެވެ. އެއީ ޖެހިލުން ކުޑަ މީހެކެވެ. ގޮތް ނިންމުމުގައި އޭނާ ފަހަތަކަށް ނުޖެހެއެވެ. ކިޔަމަންނުވާ ޖިންނީންނަށް ހަރުކަށި އަދަބު ދެވެއެވެ. އެހެން ޖިންނިން އިންޖާބާ މެދު ޖެހިލުންވާ އެއް ސަބަބަކީވެސް އެއީއެވެ. އޭނާ ޝަހަރުގައި ނެތް ވަގުތުތަކުގައި ހުރިހާ ޒިންމާއެއް ބޮލުގައި އަޅަން ޖެހުމުން ނަމީރު ހުރީ ޖެހިލުންވެފައެވެ.
އެއީ މީގެ ކުރިން ދުވަހަކުވެސް އޭނާ ކުރިކަމެއް ނޫނެވެ. ބައްޕައާއެކު ގިނަ ވަގުތުތައް ހޭދަކުރިއެއް ކަމަކު، އޭނާ ދުވަހަކުވެސް، އެ ހުރިހާ ޒިންމާއެއް އެކަނި ބޮލަކު ނާޅައެވެ. މީގެ ކުރިން ބައްޕަ ތަނަކަށް ދާއިރު އޭނާއާއެކު އަބަދުވެސް ބައްޕަ ފަރާތު ބޮޑު ބޭބެއެއް ހުރެއެވެ. އެހެންނަމަވެސް މީގެ ދެ އަހަރު ކުރިން ބޮޑުބޭބެ ވަނީ ނިޔާވެފައެވެ. އެހެންކަމުން ނަމީރު އެކަނިމާ އެކަނި ހުރިހާ ކަމަކާ ހަވާލުވާ އެއީ ފުރަތަމަ ފަހަރެވެ.
*****
ސަމްރާ ބަލިވެ އުޅޭތީ ރަނީމް އެ މިއަދުވެސް އޮފީހަކަށް ނުދެއެވެ. ހަވީރު އަތަށް އަޅައިލުމުން އޭނާ ސަމްރާއަށް ކާންދީ ސަމްރާ ރީތިކުރިއެވެ. އެ ދުވަހު ހަވީރު ނާވީ އަންނާނެކަމަށް ބުނެފައިވާތީއެވެ. ޑޮކްޓަރަށް ދައްކުމުން ދީފައި ހުރި ބޭސްތައް ދޭން ފެށުމުން ހުންގަނޑު މައިތިރިވި ނަމަވެސް، ސަމްރާގެ ބަލިކަށި ހަށިގަނޑުވަނީ އިތުރަށް ބަލިކަށިވެފައެވެ. މަންމަގެ ނިތުގައި އަތް ޖައްސާލަފައި ހުންނެތްކަން ޔަޤީންކޮށްލާފައި ރަނީމް އޭނާގެ މަންމަގެ ބުރަކަށި ދަށަށް ބާލީހެއް ލައްވައިލަދިނެވެ. އަދި ސީދާ ވެލުމަށް އެހީވެދިނެވެ. މޭޒުމަތީގައި ހުރި ފެންތަށި ނަގާ ސަމްރާގެ ތުމުގައި ޖައްސާލާފައި ފެން ފޮދެއް ދިނެވެ. އަދި ގަޑި ބަލައިލިއެވެ. ހަވީރު ހަތަރު ގަޑި ބަޔަށް ވުރެ ބޮޑުވެއްޖެއެވެ. ރަނީމް ސަމްރާ ގާތު އެއްވެސް ކަމެއް ބޭނުންވޭތޯ ސުވާލުކޮށްލުމުން ސަމްރާ ދެފަރާތަށް ބޯ ހޫރައިލިއެވެ. އެ ދުވަހުވެސް ނާވީ އެބުނި ގަޑިއަށް ރަނީމްއާ ބައްދަލުކުރަން އައެވެ. އޭނާ ދިޔައީ ދައިސަމް އައުމުންނެވެ.
*****
ދައިސަމްއާއެކު އުޅެފައި ނާވީ ޝަހަރަށް ގޮސް ގަނޑުވަރަށް ވަތްއިރު، އިރުއޮއްްސެނީއެވެ. ގަނޑުވަރު ތެރޭގައި އެކަކުވެސް ފެންނާކަށް ނެތެވެ. އާދަޔާ ޙިލާފު ހިމޭންކަމެއް މުޅިތަނުގައި ވެއެވެ. ވަގުތުގެ ގޮތުންކަމަށް ބަލާފައި ނާވީ ހިނގައިގަތީ ސިޑިއާ ދިމާލަށެވެ. އެހެންނަމަވެސް ފިޔަވަޅުތައް މަޑުޖެހުނީ އޭނާއަށް ގޮވައިލި އަޑާ އެކުގައެވެ. ނާވީ ފަހަތް ބަލައިލިއިރު އޭނާއަށް ބަލަހައްޓައިގެން ހުރީ ބައްޕަ ނަމީރެވެ. ނަމީރުގެ މޫނުމަތީން ނުރުހުމުގެ އަސަރުތައް ނާވީއަށް ފެނުނެވެ. ހަމައެއާއެކު ނުތަނަވަސްކަމެއް ވީހެންވެސް ހީވިއެވެ.
"ބައްޕާ…" ނަމީރު އިތުރު އެއްޗެއް ނުބުނުމުން ނާވީ، ގޮވައިލިއެވެ. އޭނާ ދެފަރާތަށް ބަލައިވެސް ލައިފިއެވެ. ނަމީރު ބަލަން ހުރި ގޮތުން އަމިއްލަ މޫނުމަތީގައި އަތްވެސް އުނގުޅައިލެވުނެވެ. އޭނާގެ މޫނުމަތީގައި އަނެއްކާ އެއްޗެއް އުނގުޅިފައި ހުރީހެއްޔެވެ؟
ނަމީރު ދެފަރާތަށް ބަލައިލިއެވެ. ގަނޑުވަރު ތެރެއިން ޚާދިމެއްވެސް ފެންނާކަށް ނެތެވެ. ޝައިސްތާއާއި ބަތީލާވެސް ނެތެވެ.
"އާދޭ." އެހެން ބުނެލާފައި އިތުރު އެއްޗެއްވެސް ބުނުމެއް ނެތި ނަމީރު ފަސްއެނބުރުނެވެ. ނާވީ ހާސްވިއެވެ. އޭނާގެ މޫނުމަތިން ވަގުތުން ކަންބޮޑުވުމުގެ ލިސާންތައް ފާޅުވާން ފަށައިފިއެވެ. ބައްޕަ އެހެން ބުނެލާފައި ހިނގައިގަތުމަށްފަހު ވެސް ފަސް އެނބުރި އޭނާއަށް ބަލައިނުލުމުން އެހުރީ ވަރަށް ބޮޑަށް ނުރުހިފައިކަން އޭނާއަށް އެނގުނެވެ. އޭނާއަށް ކުރެވުނީ ކީއްބާއޭ ނާވީގެ ހިތަށް އެރިއެވެ. ގަނޑުވަރުގެ ބަދަލުގައި ބޭރުތެރޭގައި މާގިނައިން އުޅެވުނީ ހެއްޔެވެ؟ އެގޮތަށް އުޅުމަކީ ބައްޕަ އެއްގޮތަކަށްވެސް ތަރުހީބު ދޭކަމެއް ނޫންކަން ނާވީއަށް އެނގެއެވެ. އޭނާ ކިޔަމަންތެރިކަމާއެކު ނަމީރުގެ ފަހަތުން ދިޔައެވެ. ނަމީރު ނުކުތީ ގަނޑުވަރުގެ ބިއްދޮށު ގޭޓުންނެވެ. އެ ދިމާލުން ނުކުމެވޭއިރު އެންމެ ފުރަތަމަ އޮންނަނީ ހިތްގައިމު ބަގީޗާއެކެވެ. ތަފާތު އެކިއެކު މާމެލާ މެލި ފޮޅިފައިވާއިރު އާދަޔާ ޚިލާފު މީރުވަރެއް ތަނުގައި ހިފާލާފައި ހުއްޓެވެ. އާއްމުކޮށް ރާއްޖޭން ނުފެންނަ ވައްތަރުގެ މާމެލާ މެލިވެސް ހުއްޓެވެ. ބަގީޗާ ތެރެއިން ލާފައި ނަމީރު ދާން ފެށިއެވެ. އޭނާގެ މަޤްސަދު ނާވީއަށް ފަހުމްވީ ދެނެވެ. ނަމީރު ބޭނުންވަނީ އެކަކަށްވެސް އަޑު ނިވޭ ތަނެއްގައި ވާހަކަ ދައްކާށެވެ. އިތުރު އެއްޗެއް ނުބުނެ ނާވީ ހިނގަމުން ދިޔައީ އެހެންވެގެންނެވެ. އެހެންނަމަވެސް އޭނާގެ ސިކުނޑީގައި އުފެދިފައިވާ ހައިޖާނުގަނޑު ދިޔައީ ބޮޑުވަމުންނެވެ.
ބަގީޗާ ތެރެއިން ގޮސް ނަމީރު ނުކުތީ ބޮޑު ޖަންގައްޔެއް ފަދަ ތަނަކަށެވެ. ބޮޑެތި ދިގު ރުއްތަކާ ގަސްތަކުން ފުރިފައިވާ ވާތަނަކަށެވެ. ގަސްތަކުގެ ބިޔަކަމާއި ރުއްތަކުގެ ފަންތަކުގެ ސަބަބުން އުޑުމަތި ފެންނަނީވެސް ފަތްތަކުގެ ދޭތެރެއިންނެވެ. ދިރޭ ފުރާނައެއްގެ ހިލަމެއް އެތަނަކު ނުވެއެވެ. ނަމީރު ފިޔަވަޅުތައް މަޑުޖައްސައިލުމުން ނާވީއަށް ވެސް މަޑުޖެހެވުނެވެ.
ނަމީރު އެނބުރުނުއިރު އޭނާގެ ދެލޯ ވަނީ ފެހިނޫ އައްޔަކުން ދިއްލިފައެވެ. އޭރު އޭނާގެ ދެބުމަ ވަނީ ގޮށްޖެހިފައެވެ. މޫނުމަތިން ފެންނަނީ ނުރުހުމާއި ރުޅިވެރިކަމެވެ.
"ތިކުރާ ކަންތައް ހަމަ މިހާރު ހުއްޓާލާ!"
ނަމީރުގެ ރުޅިވެރިކަމާއި ބަރުކަން އެކުލެވިގެންވީ އަޑު އެތަނުގައި ގުގުމައިލިއެވެ. އެއާއެކު ނާވީއަށްވެސް ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ. އޭނާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ނަމީރު މީގެ ކުރިން އެހާ ރުޅި އައިސް ހުއްޓާ އޭނާއަށް ދުވަހަކުވެސް ފެނިފައެއް ނުވެއެވެ. އޭނާއާ ދިމާލަށް މީގެ ކުރިން އެހާ ބާރަށް އެއްޗެއް ބުނަފައެއްވެސް ނެތެވެ. ނަމީރުގެ މޫނުމަތިން ފެންނަމުން ދިޔަ އަސަރުތަކާއި އޭނާގެ ވާހަކަ ދެއްކުމުގައި އެހުރި ހަރުކަށިކަމާއެކު ވީގޮތް ނާވީއަށް ފަހުމްވެއްޖެއެވެ. އެއާއެކު އޭނާގެ ހިތް އިންތިހާ ބާރުމިނުގައި ތެޅިގަތެވެ.
"ބައްޕާ…" އޭނާއަށް އެ ލަފުޒު ދުލާ ހިސާބަށް ގެނައުންވެސް ވީ އުނދަގޫކަމަކަށެވެ. ދައްކަން ބޭނުންވާ ކިތަންމެ ގިނަ ވާހަކަތަކެއް ހުރި ނަމަވެސް، އެއިން އެއްވެސް ވާހަކައެއް ދުލާ ހިސާބެއް ގެންނާނެ ގޮތެއް އޭނާއަކަށް ނުވިސްނުނެވެ. ބައްޕަގެ އެ ރުޅިވެރިކަމާއި ކުރިމަތިލާނެ ގޮތެއް ނުވިސްނުމާއެކު ނާވީގެ ނޭވާވެސް އަވަސްވެގެން ދިޔައެވެ.
"އެ އިންސިއާ ގުޅުން ބާއްވާތީ ދޯ ގަނޑުވަރުންވެސް މިހާރު ނުފެންނަނީ؟ ކިހާ ދުވަހެއް ވެއްޖެ އެކަމެއް ހިނގާތާ؟" ނަމީރު ހަޅޭއްލަވައިގަތެވެ.
"ބައްޕާ…." ނާވީއަށް ދެންވެސް ހަމައެކަނި ނަމީރަށް ގޮވައިލެވުނީނެވެ.
"އަހަރެން މި އަހަނީ ކިހާ ދުވަހެއް ވެއްޖެހެއްޔޭ؟ ނާވީއަށް އެނގޭތަ ތިކުރެވޭ ކަމެއް؟ އަހަރެމެންގެ ތެރޭގައި ހެދިފައިވާ އުސޫލުތައް ނާވީއަށް ނޭނގެނީތަ؟ ނާވީ… އޭތް...." ނާވީ އެހުރި ގޮތަށް ހުންނަން ފެށުމުން ނަމީރު އަނެއްކާވެސް ހަޅޭއްލަވައިގަތެވެ.
(ނުނިމޭ)