ލިސާން: ވާހަކަ --

"އަހަރެން މި އަހަނީ ކިހާ ދުވަހެއް ވެއްޖެހެއްޔޭ؟ ނާވީއަށް އެނގޭތަ ތިކުރެވޭ ކަމެއް؟ އަހަރެމެންގެ ތެރޭގައި ހެދިފައިވާ އުސޫލުތައް ނާވީއަށް ނޭނގެނީތަ؟ ނާވީ… އޭތް...." ނާވީ އެހުރި ގޮތަށް ހުންނަން ފެށުމުން ނަމީރު އަނެއްކާވެސް ހަޅޭއްލަވައިގަތެވެ.

ބައްޕައަށް ބަލަހައްޓައިގެން ހުންނާކަށް ނާވީއަކަށް ކުޅަދާނައެއް ނުވިއެވެ. އޭނާއަށް ވަގުތުން އިސްޖަހައިލެވިއްޖެއެވެ. އޭނާ ރަނީމް ދެކެ ލޯބިވެއެވެ. އިންތިހާއަށް ލޯބިވެއެވެ. ވީއިރު އޭނާ ރަނީމްއާ ދުރުގައި ހުންނާނީ ކިހިނަކުން ހެއްޔެވެ؟ އެހެން ނަމަވެސް ދެން ސުވާލުއުފެދުނީ އެކަންތައް ނަމީރަށް އެނގުނު ގޮތާ ބެހޭގޮތުންނެވެ. އޭނާ ރަނީމްއާ ވާހަކަ ދައްކާކަމާއި، ބައްދަލުކުރާކަމާއި، އޭނާއާއި ރަނީމްއާ ދެމެދު ގުޅުމެއް އޮންނަކަން އެނގޭނީ ހަމައެކަނި ދައިސަމްއަށެވެ. އިތުރު މީހެއްގެ ގާތުގައި ކީއްކުރަން އިތުރު މީހަކަށް އެނގިގެންވެސް އޭނާ ރަނީމްއަކާ ބައްދަލެއް ނުކުރެއެވެ. ވީއިރު ކިހިނެއް ހެއްޔެވެ؟

"ބައްޕައަށް… ކިހިނެއްތޯ… އެނގިލެއްވީ؟" ނާވީއަށް އެހުރި ގޮތަށް ހުރެ ސުވާލުކޮށްލެވުނެވެ. އޭނާއަށް ކަންބޮޑުވީ ރަނީމްއާ މެދުގައެވެ. ރަނީމްގެ ސަލާމަތާ މެދުގައެވެ. ވިސްނަން ފެށުނީ ރަނީމް ރައްކާތެރިކުރާނެ ގޮތަކާ މެދުގައެވެ. ރަނީމް ނުރައްކަލަކަށް ހުށައެޅިއްޖެކަމުގައި އޭނާގެ ހަވަނަ ހިއްސު އަންގައިދޭން މަސައްކަތްކުރަން ފެށިއެވެ. ބައްޕަ ނޫނީ އެހެން މީހަކަށް އެކަން އެނގިފައިވާނަމަ ލިބޭ ގެއްލުމާއި ނުރައްކާތެރިކަންވެސް ބޮޑުވާނެއެވެ. އެ ސުވާލު އޭނާއަށް ކޮށްލެވުނީ އެހެންވެގެންނެވެ.

"އަދިވެސް ނާވީއަށް މުހިންމީ އަހަންނަށް އެކަންތައް އެނގުނު ގޮތްތަ؟ ނާވީއަށް ނޭނގޭތަ ތި ކުރެވޭ ކުށުގެ ބޮޑުކަން. ކާފައަށް... ކާފައަށް ތިކަން އެނގިއްޖެއްޔާ ދެން ވާނެ ގޮތް އެނގޭތަ؟" ނަމީރަށް ބުނެވުނެވެ.

"ބައްޕާ. އަޅުގަނޑު އޭނަ ދެކެ ވަރަށް ލޯބިވޭ…" ނާވީ ބުނެލިއެވެ. މަޑުމަޑުންނެވެ. އޭރުވެސް އޭނާ ހުރީ ނަމީރާ ހަތަރުކަޅި ހަމަކޮށްލަން ޖެހިލުންވެފައި، އިސްޖަހާލައިގެންނެވެ.

"އެއީ މުޅީން އެހެން ނަސްލެކޭ. އަހަރެމެންނާ އިންސާނުންނާ ގުޅުމަކީ ދުވަހަކު ވާނެ ކަމެއް ނޫން، ހަމަ މިހާރު ތިކަންތައް ހުއްޓައިލާ." ނަމީރު ބުންޏެވެ.

"ނާވީއަށް އެނގޭތަ ތި ގުޅުމުގެ ސަބަބުން ދެން ކަންތައް ވާނެ ގޮތެއް. ނާވީއާއި އެ އިންސިއަށްވެސް ތިކަމުން ގެއްލުން ލިބިދާނެ. އޭގެ ކުރިން ނާވީ ޖެހޭނެ ތިކަންތައް ހުއްޓައިލަން. އޭނައަށް ނާވީގެ ހަޤީޤަތް އެނގޭތަ؟ އެނގިހުރެތަ ތި ގުޅުމަށް އެއްބަސްވީ؟" ނަމީރު ސުވާލުކޮށްލިއެވެ.

"ރަނީމް ހުރީ އަޅުގަނޑާ އެކު އުޅެން ތައްޔާރަށް. އޭނައަށް އަޅުގަނޑުގެ ހުރިހާ ހަޤީޤަތެއްވެސް އެނގޭ." ނާވީ ބުނެލިއެވެ.

"އެ އިންސިއަށް ކިޔަނީ ރަނީމްތަ؟" ނަމީރުގެ އަޑު އޭރުވެސް މަޑެއް ނުވެއެވެ. ނާވީ އެއްޗެކޭ ނުބުނެ ހަމައެކަނި ބޯ ޖަހައިލީއެވެ.

"ނާވީ ތިކަންތައް ނުހުއްޓަންޏާ ހަނދާންކުރާތި، ބައްޕައަށް ޖެހޭނީ ތި ދެމެދަށް ވަންނަން. އޭރުން އެއްވެސް ކަމެއް ރަނގަޅެއް ނުވާނެ." ނަމީރުގެ އަޑުގައި މިހާރު ހުރީ ނުރައްކާތެރި އަސަރެކެވެ. އޭނާ ނާވީއަށް އިންޒާރެއް ދެމުން ދިޔަ ފަދައެވެ. އެ ބެލުމުގައިވެސް ހުރީ ނުރުހުމާއި ރުޅިވެރިކަމެވެ. އެ ދެލޮލުގެ ވިދުންވެސް އިހުނަށް ވުރެ ގަދަވެލިއެވެ.

"އަޅުގަނޑުވެސް ވަޢުދުވިން ރަނީމްއަށް ހިމާޔަތާއި ރައްކާތެރިކަން ދޭން. އެ ވަޢުދުގެ މަތީގައި އަޅުގަނޑު ދެމިހުންނާނަން."

ޙަޔާތުގައި ފުރަތަމަ ފަހަރަށް ނާވީ ނަމީރުގެ އެދުމާ ފާޅުގައި ދެކޮޅު ހެދިއެވެ. އޭނާ ހުރީ ކޮންމެ ގޮތަކުންވެސް ރަނީމް ހިމާޔަތްކުރަން ހިތުލައިގެންނެވެ. ރަނީމް ރައްކާތެރިކުރަން ނިންމައިގެންނެވެ. އިސްއުފުލައިލާ ނަމީރަށް ބަލައިލިއިރު އެ ނަޒަރުން ފެނުނު ވިދުވަރުން ނާވީ ޖެހިލުންވިއެވެ. ބައްޕަ ރަނީމްއަށް ގެއްލުން ދީފާނެކަން އެ ހިނދު އޭނާއަށް ފަހުމްވެގެން ދިޔައެވެ. ހަމައެއާއެކު، ނަފްސު ހަރުކަށިވެލިއެވެ. ނަމީރު ކުއްލިއަކަށް ގެނައި ހަރަކާތާއެކު، އޭނާގެ ގައިން އެރި އައްޔާއެކު، އޭނާގެ ބުރަކައްޓާ ދިމާލުން އަރައިގެން ދިޔަ އަލިކަން ގަދަވެ ފިޔަގަނޑެއް ހުޅުވިގެން ދިޔައެވެ. އެއާއެކު ދެން ފެނުނީ ކުއްލިއަކަށް ގަސްތަކުގެ މައްޗަށް އޭނާ އުދުހިގެން އެރިތަނެވެ. ހަލުވިކަމާއެކުގައެވެ.

ބައްޕަގެ މަޤްސަދު ނާވީއަށް ފަހުމްވުމާއެކު އޭނާވެސް ބައްޕަގެ ފަހަތުން މައްޗަށް އެރިއެވެ. އޭނާ ނަމީރުގެ ފަހަތުން ދިޔައީ ނަމީރަށް ގޮވަމުންނެވެ. ވަކި ހިސާބަކުން ނަމީރު މަޑުޖެހިލިއެވެ. ނާވީ ހީކުރީ އޭނާގެ ވާހަކަ އަޑު އަހަން ނަމީރު ހުއްޓުނީކަމަށެވެ. އެހެންނަމަވެސް ދެވަނަ ސިކުންތުގައި ފެނުނީ ނަމީރު އަތުން އިޝާރާތްކޮށްލި ތަނެވެ. އެއާއެކު ދެފަރާތުން އައި ސިފައިންތަކެއް އައިސް ނާވީ ހިފައްޓައިފިއެވެ. އޭނާ ގަދަހަދަން މަސައްކަތްކުރިއެވެ. އެ ހުރިހާ ސިފައިން ހުޝިއާރު ނަމަވެސް ނާވީގެ ބާރާއެކު އެމީހުންނަށް ވެސް ނާވީ ހިފައްޓައިލެވެނީ ކިރިޔާއެވެ. އެމީހުންނަށް ވުރެ ނާވީ މޮޅުވެފައި ހުނަރުވެރިއެވެ. އެހެންނަމަވެސް، އުދުހިގަންނައިރަށް އެމީހުން އޭނާއަށް ހުރަސް އަޅާތީ ނަމީރާ އެއްހަމަކުރުން ނާވީއަށް ފަސޭހަކަމަކަށް ނުވިއެވެ.

*****

ނަމާދުކޮށްލައިގެން ރަނީމް ނުކުތްވަގުތު ގޭގެ ފުރާޅުމައްޗަށް ކުއްލިއަކަށް އެއްޗެއް ވެއްޓުނު އަޑު އިވިގެން ދިޔައެވެ. ބޮޑު ހިލަބުރިއެއް ފުރާޅުމައްޗަށް ވެއްޓުނު ފަދައެވެ. އެހާވެސް އަޑު ގަދައެވެ. ހީވީ ފުރާޅުވެސް ފޫ ދުއްވާލާފައި އެ އެއްޗެއް ވެއްޓިދާނެހެންނެވެ. އޭނާ އެންމެ ފުރަތަމަވެސް މަންމަގެ ކޮޓަރީގެ ދޮރުފަތް ހުޅުވާލާފައި މަންމަގެ ޙާލެއް ބަލައިލިއެވެ.

"ވެދާނެ ފުރާޅުމައްޗަށް މީހަކު ގާގަނޑެއް އެއްލީކަމަށް.." ސަމްރާގެ މޫނުމަތިން ފެނުނު ކަންބޮޑުވުމާއެކު ރަނީމް ބުނެލިއެވެ. ވާނުވާ ބަލައިލާފައި އެބަ އަންނަމޭ ބުނެފައި އޭނާ ގޮސް ސިޓިން ރޫމަށް ނުކުމެ ގޭ ދޮރު ހުޅުވައިލިއެވެ. އޭނާ އުޑުމައްޗަށް ބަލައިލިއެވެ. އެއްފަރާތުގައި ހުރި ބަނބުކެޔޮ ގަހަށް ބަލައިލާފައި އޭނާ އެނބުރިލަން އުޅުނު ވަގުތު ގަހުން ތިރިއަށް މީހަކު ފުންމާލައިފިއެވެ. އެވަގުތު ގޯތިތެރޭގައި ދިއްލާފައި ހުރި އޮރެންޖު ބޮކިވެސް ކުއްލިއަކަށް ނިވިއްޖެއެވެ. އެހެންނަމަވެސް، މަގު ބައްތީގެ ފަނޑު އަލިކަމެއް އެތަނަށް އޭރުވެސް އެޅިފައި ހުއްޓެވެ.

"ނާވީ…" ރަނީމްގެ ދުލުން ނުކުތީ ނާވީއެވެ. އޭނާއަށް ހާސްކަން ލިބޭނެ ގޮތަކަށް ނާވީ ކަންތަކެއް ނުކުރާނެޔޭ ބުނި ނަމަވެސް، އެގޮތަށް އަންނަން ހުންނާނީ ނާވީ ނޫން އެހެން ކާކުބާއޭ ރަނީމްގެ ހިތަށް އެރިއެވެ. އޭނާ ފިޔަވަޅެއް ކުރިއަށް އަޅައިލިއެވެ. އެމީހަކު ހޮޅިދަނޑީގެ ފަނޑުއަލިކަން ރަނގަޅަށް ލިބޭ ހިސާބަށް ގޭގެ އަސްކަނި ދަށަށް ޖެހިލައިފިއެވެ. އެއާއެކު، ރަނީމްގެ ދެލޯ ބޮޑުވެ ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ.

ކުރިމަތީގައި ހުރި ނާވީއަށް ވުރެވެސް އިސްކޮޅުން ދިގު ބިޔަ މީހެކެވެ. އެމީހާގެ ދެލޯ ވަނީ ފެހިނޫ ކުލައަކުން ދިއްލިފައެވެ. ލާފައިހުރި ކަޅުކުލައިގެ ޝާހީ ހެދުމެކެވެ. ބޮލުގެ އިސްތަށިގަނޑު ކަޅެވެ. އެމޫނުން ފެންނަނީ ރުޅިވެރިކަން ނަމަވެސް، ނާވީއާ ވައްތަރުގޮތެއް އޭނާއަށް ފާހަގަކުރެވުނެވެ. ރަނީމްގެ ހިތް އަވަސްވެ ނޭވާ ފުންވެގެން ދިޔައެވެ. އެއާއެކު އޭނާއަށް އަނެއްކާވެސް ފިޔަވަޅެއް އަޅައިލެވުނީ ފަހަތަށެވެ. ބިރުން މީހާއަށް ހަދާނެ ގޮތެއް ހުސްވިއެވެ. ހިތާ ހިތުން ގޮވުނީ ނާވީއަށެވެ. ކުރިމަތީގައި ހުރީ އިންސާނެއް ނޫނެވެ. އޭނާއަށް ޔަޤީންވިއެވެ. އެމީހާގެ ރުޅިވެރިކަން ފެނި، ރަނީމްއަށް ހަދާނެ ގޮތް ހުސްވިފައެވެ.

ކުއްލިއަކަށް އެމީހާ ރަނީމްއަށް ބަލައިލުމަށްފަހު ދެލޯ ހަނިކޮށްލިއެވެ. އެއާއެކު ރަނީމްގެ ކަޅި މައްޗަށް އަރަން ފެށިއެވެ. އަދި އެއާއެކު، އޭނާގެ އަތްފައި މުށްކެވެން ފެށިއެވެ. އެހިނދު އޭނާގެ އެތެރެ ހައްޓަށް ފާޑެއްގެ ތަދެއް އަރައިގެން ދިޔައެވެ. ހީވީ ދިލަތަދެއް އޭނާގެ މެއިން ފެށިގެން މުޅި ހަށިގަނޑަށް ފެތުރެން ފެށިހެންނެވެ.

"ކާކު ތީ؟" ރަނީމްއަށް ނޭވާއަށް ދަތިވަމުން ދިޔަ ޙާލުވެސް ސުވާލުކޮށްލެވުނެވެ. އޭނާގެ މޫނުމައްޗަށް އަނދިރިވާން ވެސް ފެށިއެވެ. އެންމެފަހުން ނޭވާއަށް އެކީ ދަތިވެގެން ދިޔުމާއެކު ނޭވާ އުފުރިގެން ގޮސް އޭނާގެ ފުރާނަ ހައްޓާ ވަކިވަނީއޭ ވެސް ރަނީމްގެ ހިތަށް އެރިއެވެ. އޭރުވެސް އޭނާގެ އެތެރެ ހައްޓަށް އެ ދިލަ ތަދު ފެތުރެމުން ދިޔައެވެ. ހީވަނީ މޭގައި ރޯގާ ހިފާ ގަދައަށް ކެއްސާލާއިރު މެއަށް އެ ވާ ދިލަ އުނދަގޫހެންނެވެ. އޭނާގެ ހަށިގަނޑު ބިންމަތިން އުފުއްލެން ފެށިއެވެ. ރަނީމްގެ އަނގައިން ވޭނީ އާހެއް ދޫވެގެން ދިޔަހިނދު އޭނާގެ ދެލޮލުން ހޯސްލާފައި ކަރުނަތައްވެސް ފައިބަމުން ދިޔައެވެ. އޭނާގެ ދެލޯވެސް މަޑުމަޑުން މެރެމުން ދިޔައެވެ.

އެހެންނަމަވެސް ކުއްލިއަކަށް އޭނާގެ ގަޔަށް އަރަމުން ދިޔަ ދިލަ ތަދު މައިތިރުވުމާއެކު، އޭނާ ވެއްޓެން ދިޔައެވެ. އޭރު އޭނާގެ ދެލޯ ވަނީ މެރިފައެވެ. ބިންމަތީގައި ޖެހުމުގެ ކުރިން މީހަކު އޭނާގެ ގައިގައި ހިފައްޓާލާފައި އިށީނދެލިކަން އެނގުނެވެ. އަދި އެމީހާގެ ހިމާޔަތް އޭނާއަށް ދިންކަންވެސް އެނގުނެވެ. އެހެންނަމަވެސް ލޯ ހުޅުވައިލާނެ ހިތްވަރެއް ރަނީމްގެ ނެތެވެ.

"ބައްޕާ… "ރަނީމްގެ ކަންފަތުގައި އެންމެފަހުން ޖެހުނު އަޑަކީ ނާވީގެ އަޑުކަން އޭނާއަށް ޔަޤީންވިއެވެ. އެހެންނަމަވެސް ލޯ ހުޅުވައިލާނެ ހިތްވަރެއް ދެންވެސް އޭނާއަކަށް ނުލިބުނެވެ. އެހެން އޮވެއޮވެފައި، ރަނީމްގެ ޚަބަރު އެންމެފަހުން ހުސްވީއެވެ. އެ މަންޒަރު ބަލަން އިން ނާވީ ނަމީރަށް ބަލައިލިއިރު އޭނާގެ ދެލޯވެސް ވަނީ ފެންކަޅިވެފައެވެ. ބައްޕަގެ އަމަލުތަކާ މެދު ނުރުހުނަސް އެ ނުރުހުން ނާވީ ފާޅުނުކުރީ އެ އިޙްސާސްގެ މައްޗަށް ހިތާމަ ކުރި ހޯދުމުންނެވެ. ބައްޕަ އޭނާގެ ލޯތްބާއި އޭނާއާ ދުރުކުރަން މަސައްކަތްކުރަނީ ކީއްވެހެއްޔެވެ؟ ނޫނެކެވެ. ދުރުކުރަން މަސައްކަތްކުރަނީއެއް ނޫނެވެ. ބައްޕަ މަސައްކަތްކުރީ ރަނީމް މަރާލާށެވެ. އޭނާގެ ލޯބި މުޅި އުމުރަށް ގެއްލުވާލުމަށެވެ. ބައްޕައަކީ އެހާވެސް ރަޙުމު ކުޑަ މީހަކީ ހެއްޔެވެ؟ އެމީހުންގެ ތެރޭގައި ހެދިފައިވާ ޤަވައިދުތަކަށް ބޯ ލެނބުމުގެ ގޮތުން މައުސޫމް އަންހެން ކުއްޖެއްގެ ފުރާނަ ދުއްވާލަންވެސް ބައްޕަ ފަސްނުޖެހުނީ ހެއްޔެވެ؟ އޭނާ ހީކުރީ ނަމީރަކީ އެހެން މީހުންގެ އިޙްސާސްތައް ދަންނަ މީހެއްކަމަށެވެ. ކާފަ ފަދަ ހަރުކަށިކަމެއް އޭނާއަށް ދުވަހަކުވެސް ބައްޕަގެ ފަރާތުން ފެނިފައިނުވާތީއެވެ. އެހެންނަމަވެސް އެއީ ކުށްހީއެއްކަން މިއަދު ޤަބޫލުކުރަން ނާވީއަށް މަޖުބޫރުވީ ފަދައެވެ. އެންމެ ހިނދުކޮޅެއް ލަސްވި ނަމަވެސް ރަނީމްގެ ފުރާނަ މި ދުނިޔެއާ އަލްވަދާޢު ކީސްކަން ކަށަވަރެވެ. ބައްޕަ ހުރީ ރަނީމް މަރާލާން ހިފާލާފައެވެ. އޭނާއަށް އެތަނަށް އެ އާދެވުނީ ކިރިޔާއެވެ. ގަނޑުވަރުގެ ސިފައިންތައް ބަލިކޮށްލާފައި އައުން ވެސް ވީ އުނދަގޫކަމަކަށެވެ.

ނާވީ އައި އެގޮތަށް އައިސް އޭނާއާއި ރަނީމްގެ ދެމެދަށް ވަދެ އޭނާ ކުރަމުން ދިޔަ ކަންތައް ހުއްޓައިލުމާއެކު ނަމީރުގެ ގާތަށް ރުޅި އައެވެ.

"އަހަރެން މިކަންތައް ކުރަނީ ނާވީއަށް ރަނގަޅަކަށް. ފަހުން ނާވީ މިކަމަށް ޝުކުރުވެރިވާނެ." ނަމީރަށް ބުނެވުނެވެ.

"ބައްޕަތީ ތިހާ ރަޙުމު ކުޑަ މީހެއްތަ؟ މިއީ މައުސޫމް އިންސާނެކޭ. އޭނަގެ ކުށަކީ ކޮަބައިތަ؟ އަހަރެން ދެކެ ލޯބިވުންތަ؟ ބައްޕަ ރަނީމް މަރައިލަން ތިއުޅުނީ ރަނީމްއަކީ އިންސާނަކަށް ވީމަތަ؟" ރަނީމްގެ ކޯތާފަތުގައި އަތް ޖައްސައިލަމުން ނާވީއަށް އެހެން ބުނެވުނުއިރު އޭނާގެ ގައި ކައިރީގައި ފެހިނޫ އަލިކޮޅުތަކެއް ވިއެވެ. ހީވަނީ ވައިގެތެރޭގައި އުދުހެމުން ދިޔަހެންނެވެ.

"ނާވީ. ދުރަށް ދޭ…" ނަމީރު އެހެން ބުނެލާފައި ރަނީމްއަށް ބަލައިލިއެވެ. އެހިނދު ރަނީމް ކުކުރައިލިއެވެ. ހީވީ ވޭނެއް އޭނާއަށް އިޙްސާސްވީ ހެންނެވެ. ނާވީ ރަނީމް އޭނާގެ އަތުތެރޭގައި ފޮރުވައިލިއެވެ. ބައްޕަގެ އަނިޔާއިން ރަނީމް ރައްކާތެރިކުރުމަށެވެ. ނަމީރާ ދިމާލަށް ދިއްކޮށްލާފައިވާ ކޮނޑުމަތިން ނާވީގެ ގައި ކޮންމެވެސް ވަރަކަށް މަށައިގެން ދާން ފެށިއެވެ. ނަމީރު ހަތިޔާރު ބެހެއްޓިއެވެ. ނާވީ ހިންދެމިލަމުން ނަމީރަށް ބަލައިލީ ދެނެވެ.

"އަޅުގަނޑު ރަނީމް ރައްކާތެރިކުރާނަން. ބައްޕަގެ އަތުން ބައްޕަގެ މި ޒުވާން ދަރިފުޅަށް އަނިޔާވެރިވާން ބޭނުމިއްޔާ ތިކަންތައް ކުރޭ." ނާވީ ސާބިތުކަމާއެކު ބުނެލިއެވެ.

"ނާވީ… ނާވީ ބޭނުންވަނީ ތި އިންސާނާ އަހަރެން ދޫކޮށްލަންތަ؟" ނަމީރު ކުރިއަށް ފިޔަވަޅެއް އަޅައިލުމުން ނާވީ ދެފަރާތަށް ބޯ ހޫރައިލީ ނާންނާށޭ ބުނާފަދައަކުންނެވެ. އޭނާ ރަނީމް އޭނާގެ ގަޔާ އިތުރަށް ކައިރިކޮށްލިއެވެ.

"އެހެންވިއްޔާ ތިކަންތައް ނިންމާލާ. އޭނާއާ އޮތް ގުޅުން ނިންމައިލާ. ނިންމާލާފަ ތިއީ ނުވާކަމަކަށް ހަދާފަ ބައްޕައާއެކު ހިނގާ." ނަމީރު ބުންޏެވެ. އޭނާގެ އަޑު މިފަހަރު މަޑެވެ. ހީވަނީ ނާވީއަށް ވިސްނައިދޭން މަސައްކަތްކުރަމުން ދިޔަހެންނެވެ. ނާވީ އޭނާއާ ކުރިމަތިލާންވެސް ތައްޔާރަށް ހުރިކަން ނަމީރަށް އެނގެއެވެ. އޭނާ ނާވީ ދެކެ އިންތިހާއަށް ލޯބިވެއެވެ. އެއީ އޭނާގެ ލެއެވެ. ވީއިރު އަމިއްލަ ދަރިއަށް އަނިޔާވެރިވާން ކެރޭނީ ކިހިނަކުން ހެއްޔެވެ؟

"އަހަރެން ނުދާނަން. ރަނީމް ދޫކޮށްފައެއް ނުދާނަން." ނާވީ ބުންޏެވެ. "ބައްޕަ ކީއްވެތަ ތި ގޮތަށް ރަނީމްއަށް އަނިޔާވެރިވީ؟" ނާވީއަށް ރަނީމްއަށް ބަލައިލެވުމާއެކު އަނެއްކާވެސް ޝަކުވާކޮށްލެވުނެވެ. ކަރުނައިގެ ތިއްކެތް ކޯތާފަތްމަތީން ތިރިއަށް ރޮނގުދެމިގެން ދާން ފެށި މަންޒަރު ނަމީރަށް ފެނުމާއެކު އޭނާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އެހެން ހުރެފައި އިތުރު އެއްޗެއް ބުނުމެއްނެތި އޭނާ އެތަނުން މައްޗަށް އަރައިފިއެވެ. އަދި ގޮސް ލޯމަތީން ގެއްލިއްޖެއެވެ. އެހެންނަމަވެސް އެކަންތައްގަނޑު އަދި ނުނިމެޔޭ ނާވީގެ ހިތް ބުނެލީ ކީއްވެގެންކަމެއް ޚުދު އޭނާއަކަށް ވެސް ނޭނގެއެވެ. ކުރިމަތީގައި އޮތީ ކަޅު އުނދަގޫ ރާސްތާއެކޭވެސް ނާވީގެ ހިތަށް އެރިއެވެ.

"ރަނީމް… ރަނީމް…" ނާވީ ރަނީމްގެ ކޯތާފަތުގައި އަތުން ކުޑަކޮށް ޖަހައިލަމުން ސުވާލުކޮށްލިއެވެ. ދެފަހަރަކު ކުކުރާލާފައިވެސް ރަނީމްގެ ހަރަކާތްތައް މަޑުވީއެވެ. ނާވީ މަޑުމަޑުން ރަނީމް އޭނާގެ އަތް ދަނޑި މައްޗަށް އުފުއްލާލައިގެން ގެންގޮސް ބޭރުގައި ހުރި ފަތްޖެހި އެނދުގައި ރަނީމް ބޭއްވިއެވެ. އަދި އަނެއްކާވެސް ރަނީމްއަށް ގޮވަން ފެށިއެވެ.

އެސްފިޔަތައް ދުރުކޮށްލާފައި ރަނީމްއަށް ލޯ ހުޅުވައިލެވުނީ ކުއްލިއަކަށެވެ. ހަމަ ހުޅުވައިލުމާއެކު ތެދުވެފައި އޭނާ ތެޅިގަތެވެ.

"ނޫން. ނޫން. ތިހެން އަހަންނަށް ނަހަދާ… ނަހަދާ… އަހަރެން ދޫކޮށްލާ…" ދެފަރާތުން ބޮލުގައި ހިފައްޓާލައިގެން އިންރަނީމްއަށް ރޮއިގަނެވުނެވެ. އޭނާގެ އެތެރެ ހަށީގައި ހީވަނީ އޭރުވެސް އެ ދިލަކަން ހުރިހެންނެވެ. ބިރުން ގޮސް ރަނީމްގެ އަތްފައި ތުރުތުރުއަޅައެވެ. މީހާވަނީ އެކީ ފިނިވެފައިނަމަވެސް މޫނުމަތީގައި ދާތިކިތައް ވިދަމުން ދިޔައެވެ. އޭނާގެ ނޭވާވެސް ވަނީ ފުންވެފައެވެ.

"ރަނީމް.. ރަނީމް… މީ އަހަންނޭ…" ނާވީ ތަންކޮޅެއް ބާރަށް ރަނީމްއަށް ގޮވައިލިއެވެ. އޭނާ ރަނީމްގެ އަތުގައި ހިފާފައި ތަޅުވައިގަތެވެ.

"ނާވީއޭ މީ ރަނީމް… މިހާރަކު މިތާނގައި އެއްވެސް މީހަކު ނެތޭ…" ނާވީއަށް ބުނެވުނެވެ. ރަނީމްއަށް ވެފައިވީ ގޮތުން އޭނާ އިނީ އިންތިހާއަށް ދެރަވެފައެވެ.

"ނާ… ނާވީ…" ހަރަކާތް މަޑުޖައްސައިލަމުން ރަނީމްއަށް ބުނެވުނުއިރުވެސް އޭނާއަށް އިނދެވުނީ ދެލޯ ބޮޑުކޮށްލައިގެންނެވެ. އަތުން އިޝާރާތްކުރިނަމަވެސް ދުލަކުން އެއްވެސް ވާހަކައެއް ނުދެއްކުނެވެ. އަވަސް އަވަހަށް ލީ ފުންނޭވާތަކާއެކު އޭނާއަމިއްލަ މީހާގެ ނަފްސު ހަމައަކަށް އަޅުވަން މަސައްކަތްކުރިއެވެ.

"ކާކު… ކާކު އެއީ؟" އެންމެފަހުން ރަނީމް ސުވާލުކޮށްލިއެވެ. އޭނާއަށް އެމީހާ ނާވީއާ ވައްތަރުވިއެވެ. ލޮލުގައި ހުރީ އެއްކުލައެކެވެ. ގައިގެ ކައިރީގައި ހުރި އަލިކޮޅުތަކުގައިވެސް ހުރީ ހަމަ ފެހިނޫ ކުލައެވެ.

"ބައްޕަ." އިސް އޮބާލަމުން ނާވީ ހަޤީޤަތް ހާމަކުރިއެވެ. އޭނާއަށް ރަނީމްއާ ކުރިމަތިލުން އުނދަގޫވުމާއެކު، އެހެން ދިމާލަކަށް ބަލައިލިއެވެ.

"ނާވީގެ ބައްޕަ… ނާވީގެ ބައްޕަ އުޅުނީ އަހަރެން މަރާލަންތަ؟"

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު