އެކްސިޑެންޓުގައި 17 އަހަރުގެ ކުއްޖަކު މަރުވެ، ދެ މީހުންގެ ހާލު ސީރިއަސް

އެކްސިޑެންޓު ހިނގި ސަރަހައްދު: އެކްސިޑެންޓުގައި މަރުވި ކުއްޖާގެ އުމުރުން 17 އަހަރު -- ސަން ފޮޓޯ. މުހައްމަދު ނަދީމް

މާލޭގައި މިއަދު ބާރަށް ދުއްވި ސައިކަލެއް، ކަފިހި ހުރަސް މަތިން ދިޔަ މީހަކާއި ޕިކަޕެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި 17 އަހަރުގެ ކުއްޖަކު މަރުވެއްޖެއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެއްޖައި ބުނީ، މިރޭ މާފަންނު ބަސް ޓާމިނަލް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް އެތަނުގައި އޮންނަ ކަފިރި ހުރަސް މަތިން މަގު ހުރަސް ކުރި މީހެއްގެ ގައިގައި ޖެހި، އެ ސަރަހައްދުން ދަތުރުކުރި ޕިކަޕެއްގައި ޖެހިފައިވާ ކަމަށެވެ.

އެ އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗަށް ފަރުވާ ދިނުމަށް ގެންގޮސްފައިވާ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

ފުލުހުން ބުނީ އޭގެ ތެރޭގައި ހިމެނޭ 17 އަހަރުގެ ކުއްޖަކު މަރުވެފައިވާ ކަމަށާއި އަނެއް ދެ މީހުންގެ ހާލު ސީރިއަސް ކަމަށެވެ.

އެ ހާދިސާގެ މައުލޫމާތު އެނގޭ މީހަކު "ސަން"އަށް ކިޔައިދިން ގޮތުގައި 17 އަހަރުގެ ކުއްޖާގެ އިތުރުން އަނިޔާވެފައިވަނީ 16 އަހަރުގެ ފިރިހެން ކުއްޖަކާއި 40 އަހަރުގެ ފިރިހެނެކެވެ. އޭގެ ތެރެއިން 40 އަހަރުގެ ފިރިހެން މީހާއަކީ ކަސްރަތަށް ނުކުމެ އުޅުނު މީހެއް ކަމަށް އޭނާ ކިޔައިދިނެވެ.

އެ އެކްސިޑެންޓަށް ފަހު މަގުމަތީގައި ފުލުހުން ހަރަކާތްތެރިވާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެފައިވާއިރު، މަގުމައްޗަށް ވަރަށް ބޮޑަށް ލޭ ފައިބައިފައިވާ މަންޒަރު ފެނެއެވެ. އަދި ޕިކަޕަށް ގެއްލުންވެފައިވާއިރު، ކައިރީގައި ސައިކަލުގެ ބައިތައް ކަމަށް ބެލެވޭ ބައިތަކެއް ވެސް އޮތް މަންޒަރު ފެނެއެވެ.

ފުލުހުން ދަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.

މިފަހުން ރާއްޖޭގެ އެކި ހިސާބުތަކުގައި، ކަފިހި ހުރަސް މަތިން މީހުން ހިނގާފައި ދަނިކޮށް ނުރައްކާތެރި އެކްސިޑެންޓުތަކެއް ހިނގައިފައިވެއެވެ.

އޭގެ ތެރޭގައި، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ނިރޮޅުމަގު، އައިއޯއެން ފިހާރަ ކުރިމަތީގައި އޮންނަ ކަފިހި ހުރަސްމަތިން 54 އަހަރުގެ ދިވެހި ފިރިހެނަކު ދަނިކޮށް އެ މަގުން ދުއްވާފައި ދިޔަ ސައިކަލެއް އޭނާގެ ގައިގައި ޖެހުނު މައްސަލައެއް ހިމެނެއެވެ.

އެ މީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައިރު، އޭނާގެ ގައިގައި ޖެހުނު ސައިކަލު ދުއްވި މީހާ އެ ސަރަހައްދުން ފިލިއެވެ. އެއީ ވެސް ލައިސެންސް ނެތް މީހެއް ކަމަށްވާއިރު، ފުލުހުން ފަހުން ވަނީ އެ މީހާ ހައްޔަރުކޮށްފައެވެ.

އެއަށްފަހު މި މަހުގެ ދެވަނަ ދުވަހު އައްޑޫގައި، ކަފިހި ހުރަސްމަތިން މަގު ހުރަސްކުރަމުން ދިޔަ 74 އަހަރުގެ މީހެއްގެ ގައިގައި ސައިކަލުން ޖެހި އެ މީހާ ވެއްޓިފައިވެއެވެ. އެއާއެކު ސައިކަލު ވެސް ވެއްޓުނުއިރު، ދެ މީހުންނަށް ވެސް ސީރިއަސް އަނިޔާއެއް ބޭރުފުށުން ފެންނަން ނެތް ކަމަށް ފުލުހުން ބުނެފައިވެއެވެ.

ހަމަ އެ ރޭ ފުވައްމުލަކުގެ މަގެއްގެ އެއް ފަރާތުގައި، ސައިކަލުތަކެއް ކައިރީ މީހަކު މަޑުކޮށްގެން ހުއްޓައި އެ މަގުން ދުއްވާފައި ދިޔަ ކާރެއް އެ ސައިކަލުތަކުގައި ޖެހިފައިވެއެވެ. މަގުމަތީގައި ހުރި މީހާ ވިއްސައިގެން ދިޔައިރު، އޭނާގެ ފުރާނަ ސަލާމަތްވީ ކިރިޔާކަން، އެ ހާދިސާގެ ވީޑިއޯއިން ފެނެއެވެ.

މީގެ އިތުރުން އިއްޔެ ހުޅުމާލޭގައި ކަފިހި ހުރަސް މަތިން 59 އަހަރުގެ ދިވެހި އަންހެނަކު މަގު ހުރަސް ކުރަނިކޮށް، އެ މަގުން ދުއްވާފައި ދިޔަ ސައިކަލެއް ޖެހި އަނިޔާވެފައިވެއެވެ. އެ މައްސަލައިގައި ސައިކަލު ދުއްވަން އިނީ ލައިސެންސް ނެތް ބަންގްލަދޭޝްއަށް ނިސްބަތްވާ ފިރިހެނެއް ކަމަށްވާއިރު، ސައިކަލު ޓޯ ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

comment ކޮމެންޓް