ފަނޑިޔާރުން އައްޔަން ކުރުމާއި ވަކިކުރުމުގައި ރައްޔިތުންގެ މަޖިލީހަށް އޮންނަ ދައުރު ހަނިކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެންބަރު އަމީން ފައިސަލް މިރޭ ވިދާޅުވެއްޖެއެވެ.
އެސްއެސްޓީވީގެ "ބާރު ހަތަރެއް"ގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ފަނޑިޔާރުން ވަކިކުރުމުގައި މަޖިލީހުގެ ދައުރު ބޮޑުނަމަ، ޝަރުއީ ދާއިރާއަށް ސިޔާސީ ނުފޫޒު ފޯރަމުންދާނެ ކަމަށެވެ.
"ސުޕްރީމް ކޯޓުގެ ބެންޗާ އިރުއިރުކޮޅުން ކޮންމެ ވެރިކަމެއް ބަދަލުވާއިރު، އެ ބެންޗުގައި ތިއްބަވާ ބޭފުޅުން ވަކިނިކުރެވޭނެ ގޮތެއް ބަދަލު ނުކުރެވޭނެ ގޮތެއް އޮންނަންޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" އޭނާ ވިދާޅުވިއެވެ.
އަމީން ފައިސަލް ވިދާޅުވާ ގޮތުގައި މިހާތަނަށް ރާއްޖޭގައި ކަންހިނގާފައިވާ ގޮތަށް ބަލާނަމަ، ފަނޑިޔާރުން ވަކިކުރުމުގައި ރައްޔިތުންގެ ބަހެއް އޮންނަންވާނެއެވެ. ސަރުކާރުން ފަނޑިޔާރަކާމެދު ނުރުހޭ ކޮންމެ ފަހަރަކު، މަގާމުން ވަކިކުރާ އުސޫލަށް ނިމުމެއް ގެނެވޭނެ ގޮތަކީ އެއީ ކަމަށް އޭނާ ވިދާޅުވިއެވެ.
މަޖިލިސް މެންބަރުން އިންތިޚާބުވާ ޕާޓީ ބަދަލުކޮށްފިނަމަ، ނުވަތަ އެ ޕާޓީއަކުން ވަކިކޮށްފިނަމަ ވެސް ގޮނޑި ގެއްލޭ ގޮތަށް ސަރުކާރުން ވަނީ ގާނޫނުއަސާސީއަށް ބަދަލު ގެނެސްފައެވެ. އެ އިސްލާހާ ދެކޮޅަށް ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވަނިކޮށް، އެ ކޯޓުގެ ތިން ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ބަލަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް އެންގުމުން، ތިން ފަނޑިޔާރުން ސަސްޕެންޑުކުރިއެވެ.
އޭގެ ތެރެއިން ހުސްނުއްސުއޫދު އިސްތިއުފާ ދެއްވިއިރު، ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު، ވެރިކަން ކުރާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ މިދިޔަ މެއި މަހުގެ 14ގައި ވަކިކޮށްފައެވެ.
ގާނޫނުއަސާސީ ބުނާ ގޮތުން ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ މަޖިލީހުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވާ މެމްބަރުންގެ ތެރެއިން ތިންބައި ކުޅަ ދެ ބައި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މި މަޖިލީހުގައި ޕީއެންސީގެ 75 މެންބަރުން ތިއްބަވާއިރު، އަޒްމިރަލްދާއާއި މަހާޒް ވަކިކުރަން 68 މެންބަރަކު ވޯޓު ދެއްވި އިރު، ނުފެންނަ ކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ. ދެކޮޅަށް ވޯޓުދެއްވި މެންބަރުންގެ ތެރޭގައި ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވެސް ހިމެނިވަޑައިގަތެވެ.
އެ ފަނޑިޔާރުން ވަކިކުރިއިރު، އެ ބޭފުޅުންނަށް ޖަވާބުދާރީވުމަށް އެކަށީގެންވާ ފުރުސަތު ނުދޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅު ކުރައްވާފައިވެއެވެ.
މި މައްސަލައިގައި ބައިނަލްއަގުވާމީ އެކިއެކި ޖަމިއްޔާ ޖަމާއަތްތަކުން ވަނީ އެ ނިންމުން ބަދަލުކުރުމަށް އެދި ސަރުކާރަށް ގޮވާލައިފައެވެ.
މި ކަމާ ގުޅިގެން ވާހަކަ ދައްކަވަމުން އަމީން ފައިސަލް ވިދާޅުވީ ވޭތުވެދިޔަ ސަރުކާރުތަކުގައި ވެސް މަޖިލީހުގެ މެޖޯރިޓީއާއެކު ފަނޑިޔާރުގެއަށް ސަރުކާރުން ނުފޫޒު ފޯރުވާފައިވާ ކަމަށް ރައްޔިތުން މިއަދު ގަބޫލު ކުރާ ކަމަށެވެ. އަދި ކުއްލިއަކަށް މި ފަހުން ސުޕްރީމް ކޯޓަށް ގެނައި ބަދަލަކީ ހެޔޮ ބަދަލެއް ކަމަށް ރައްޔިތުން ގަބޫލު ނުކުރާނެ ކަމަށް ވިދާޅުވިއެވެ.
އެހެން ނަމަވެސް ސަރުކާރުންވަނީ ފަނޑިޔާރުން ވަކިކުރި ނިންމުން ދިފާއުކޮށްފައެވެ.