ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމުގައި ހުންނެވި ނިއުމާތު ޝަފީގުގެ ދައުރު އިތުރު ފަސް އަހަރަށް އިތުރުކުރުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
ޗިލްޑްރެންސް އޮމްބަޑްސްޕާސަންގެ މަގާމަކީ 2019 ވަނަ އަހަރުގެ ނޮވެންބަރު 20 ވަނަ ދުވަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރެއްވި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 113 ވަނަ މާއްދާގެ ދަށުން އުފެދުނު މަގާމެކެވެ.
އެ ފަހުން އޮމްބަޑްސްޕާސަންގެ މަގާމަށް ނިއުމާތު އައްޔަންކުރެއްވީ 2020 ވަނަ އަހަރުގެ ޖުލައި 23 ވަނަ ދުވަހުއެވެ. އެއާއެކު މި މަހުގެ 23 ވަނަ ދުވަހަށް އޭނާގެ ދައުރު ހަމަވާނެއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ރައީސް މުއިއްޒު ހުށަހެޅުއްވި ސިޓީފުޅު އިއްވަވާފައެވެ. އެ ސިޓީގައި އޮތީ، ނިއުމާތުގެ ދައުރު އިތުރު ފަސް އަހަރަށް ދަންމާލުމަށް މަޖިލީހުން ފެންނަ ގޮތަކަށް ނިންމަވައިދެއްވުމަށެވެ.
އެހެންވެ، މަޖިލީހުގެ ރިޔާސަތުން ވަނީ އެ މައްސަލަ އިތުރަށް ދިރާސާކުރުމަށް ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުވައިފައެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމަށް ނިއުމާތު ޝަފީގު އައްޔަނުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް
ނިއުމާތު ވަނީ 1985 ވަނަ އަހަރު ޕްރީ-ސްކޫލް ޓީޗިންގެ ދާއިރާއިން ޑިޕްލޮމާ ހާސިލްކުރައްވައިފައެވެ. އަދި، އެތައް އަހަރެއް ވަންދެން ޕްރީ ސްކޫލު ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ފަހު، 2010 ވަނަ އަހަރު އާލީ ޗައިލްޑްހޫޑްގެ ދާއިރާއިން ޑިގްރީ ހާސިލްކުރެއްވިއެވެ. އެއަށްފަހު 2013 ވަނަ އަހަރު އެ ދާއިރާއިން އިންޓަނޭޝަނަލް މާސްޓާޒް ހާސިލްކުރައްވާފައިވެއެވެ.
ހަމައެއާއެކު ނިއުމާތު ވަނީ 1998 ވަނަ އަހަރުން މި އަހަރުގެ ނިޔަލަށް ގާލް ގައިޑް އެސޯސިއޭޝަންގައި ވެސް އިސް މަގާމުތަކެއް ފުރުއްވައިފައެވެ. އޮމްބަޑްސްޕާސަންގެ މަގާމު ލިބިވަޑައިގެންނެވިއިރު ހުންނެވީ އެ އެސޯސިއޭޝަންގެ ކޮމިޝަނަރުކަމުގެ މަގާމުގައެވެ. ހަމަ އެ މުއްދަތުގައި ސްޕެޝަލް އެޑިއުކޭޝަން ނީޑްސް (ސެން) ޕްރޮގްރާމް ގާއިމުކޮށް، 19 އަތޮޅެއްގައި ސެންޓަރުތައް ގާއިމުކޮށް، ޓިޗަރުން ތަމުރީނު ކުރުމާއި ބެލެނިވެރިން އަހުލުވެރިކުރުމުގެ މަސައްކަތުގައި ވެސް އިސް ދައުރެއް އަދާކުރައްވާފައިވެއެވެ.
އަދި، އާލީ ޗައިލްޑްހުޑްއާ ގުޅޭގޮތުން ނޭޝަނަލް އިންސްޓިޓިއުޓް ފޯ އެޑިއުކޭޝަނަށް 2017 ވަނަ އަހަރު ވަނީ އާލީ ޗައިލްޑްހުޑް އެނގުނުމާ ގުޅޭ ވާހަކަތަކެއް ތައްޔާރުކޮށްދެއްވައިފައެވެ. އަދި، 2015 ވަނަ އަހަރު ފައުންޑޭޝަން ސްޓޭޖަށް ޓީޗާސް ގައިޑަކާއި، ފައުންޑޭޝަން ސްޓޭޖުގެ ސިލަބަސް ތައްޔާރުކޮށްދެއްވާފައިވެއެވެ.
ނިއުމާތަކީ ކުޑަކުދިންނަށް ފޮތް ލިޔުމުގެ ދާއިރާއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމު ވެސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
ޗިލްޑްރެންސް އޮމްބަޑްސްޕާސަންއަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ތަންފީޒުކުރަން ޖެހޭ ކަންކަން ތަންފީޒު ކުރެވޭ މިންވަރު މޮނިޓާ ކުރުމަށާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާ ގުޅޭ މުއައްސަސާތައް މޮނިޓާކޮށް އިވެލުއޭޓު ކުރުމަށާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކަމާ ބެހޭ މުއާހަދާއާ އެއްގޮތަށް އަމަލު ކުރާ މިންވަރު ބެލުމާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަަސައްކަތް ކުރާ މުވައްޒަފުންގެ އަމަލުތައް ތަހުގީގުކޮށް މުތާލިއާ ކުރަން އައްޔަންކުރާ މަގާމެކެވެ.