މިއަހަރުގެ ގައުމީ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފި

ގައުމީ ގުރުއާން މުބާރާތުގެ ތެރެއިން -- ފޮޓޯ އިސްލާމިކް މިނިސްޓްރީ

ކީރިތި ޤުރުއާން ކިޔެވުމުގެ 37ވަނަ ގައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން އިއްޔެ ހުޅުވައިލައިފިއެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ، އަންނަ މަހުގެ 17ގެ ނިޔަލަށެވެ. މުބާރާތުގައި ބައިވެރިން ރަޖިސްޓްރީ ކުރަން ހަމަޖެހިފައިވަނީ ވަންގަވް މެދުވެރިކޮށެވެ.

މިއަހަރުގެ ގައުމީ ޤުރުއާން މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 18ވަނަ ދުވަހުއެވެ.

މި މުބާރާތުގައި ތިން ކެޓަގަރީއަކުން ބައިވެރިވެވޭނެއެވެ. އެއީ ސްކޫލުކުދިންގެ ބަޔާއި މުއައްސަސާތަކުގެ ބަޔާއި ހާފިޒުންގެ ބައެވެ. މުބާރާތުގައި ކިޔަވާނީ ބަލައިގެން ކިޔެވުމާއި، ނުބަލާ ކިޔެވުމުގެ ގޮފިންނެވެ.

މި މުބާރާތުގައި ކޮންމެ ގޮތްޕަކުން ގަދަ ތިނެއް ހޮވާނެއެވެ. އަދި މުޅި މުބާރާތުން ވެސް ގަދަ ތިން ބައިވެރިން ހޮވާނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަކީ ސަރުކާރުން ވަރަށް އިސްކަމެއް ދީގެން ކުރިއަށް ގެންދާ މުބާރާތެއް ކަމަށެވެ. އެގޮތުން މިދިޔަ އަހަރުން ފެށިގެން މުބާރާތުގެ ފެންވަރު ރަނގަޅުކޮށް ބައިވެރިންނަށް ރަނގަޅު އިނާމުތަކެއް ލިބޭނެ މުބާރާތަކަށް ހެދުމަށް ސަރުކާރުން ނިންމާފައި ވާކަން މިނިސްޓްރީން ފާހަގަކުރިއެވެ.

މި މުބާރާތަކީ ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާ މުބާރާތެކެވެ.

comment ކޮމެންޓް