ދެލޯފުޅު – ޒަވާޖީ ބަދަހިގުޅުން

ކައިވެނި ކުރުމަކީ އިންސާނީ ޙަޔާތުގައި އެޅޭ މުހިންމު ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެކެވެ. އިންސާނުންނަކީ އިޖުތިމާޢީ ބައެއްކަމުން އެކަނި ދިރިއުޅުމަށްވުރެ ގުޅިގެން އުޅެން ފަސޭހަވެގެންދެއެވެ. ބާލިޣުވެ ފުރާވަރަށް އެރުމުން ޙަޔާތުގެ ބައިވެރިޔަކަށް ބޭނުންވާކަމުގެ އިޙުސާސްކުރެވެން ފަށައެވެ. އެއީ އިންސާނީ ތަބީއަތުގައި އެކަން ލައްވާފައިވާ ގޮތެވެ. އެހެންކަމުން ކައިވެނިކުރަން ތަސައްރަފު ފުދުމާ އެކު ޒަވާޖީ ޙަޔާތެއް ފެށުމަކީ އެކަމަށް އޮތް އެންމެ ރަނގަޅުމަގެވެ. ރަނގަޅު ބައިވެރިޔަކު އިޚުތިޔާރުކޮށް ކައިވެނި ކުރުމަކީ އިސްލާމްދީން ބާރު އަޅުއްވާ އިރުޝާދު ދެއްވާފައިވާ ގޮތެވެ.

ޒަވާޖީ ޙަޔާތަކީ އިންސާނީ ޙަޔާތުގެ އެންމެ މުހިންމު އެއް ބާބެވެ. ދެމަފިރިންގެ މެދުގައި ލޯތްބާއި ކުލުނު ގާއިމުކޮށްދީ، ހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭ ބަދަހި ގުޅުމެކެވެ. އިސްލާމްދީނުގައި މާތްކަމާއި މަތިވެރިކަން ދެއްވާފައިވާ މި ގުޅުމަކީ، ވަކިވަކި ފަރުދުންނަށް ލިބޭ އުފަލަކަށް ވުމުގެ އިތުރުން، ޒަވާޖީ ގުޅުމުން ގުޅޭ ދެފަރާތުގެ ޢާއިލާ ވެސް ގުޅިގެންދާ ކަމެކެވެ. މުޖުތަމަޢުގެ އަސާސީ ބިންގާވެސް މެއެވެ. ދެމަފިރިންގެ ދެމެދުގައި ވަރުގަދަ ގުޅުމެއް ގާއިމުވެފައި އޮތުމަކީ، ހަމަޖެހުން އިންތިހާއަށް ބޮޑު، އުފާވެރި ދިރިއުޅުމެއް ބިނާކުރުމަށް އެޅޭ ވަރުގަދަ ފިޔަވަޅެކެވެ. ލިބޭދަރިން ނަށް ރީތިސިފަތަކާ އެކު ރަނގަޅު ނަމޫނާ ދެއްކޭފަދަ ހަރުދަނާކަމުގައެވެ.

ޒަވާޖީ ޙަޔާތަކީ، ފިރިހެނަކާއި އަންހެނެއްގެ މެދުގައި ދީނީ އަދި އިޖުތިމާޢީ ގޮތުން ގާއިމުކުރެވޭ މުޤައްދަސް ގުޅުމެކެވެ. އެ ގުޅުމަކީ ހަމައެކަނި ޖިސްމާނީ ބޭނުންތައް ފުއްދުމަށްވުރެ މާ މަތިވެރި ގުޅުމެކެވެ. އެއީ ލޯތްބާއި ރަޙުމަތާއި އިތުބާރުގެ މައްޗަށް ބިނާވެފައިވާ ގުޅުމެކެވެ. ޒަވާޖީ ޙަޔާތުގެ މައިގަނޑު މަޤުސަދަކީ ހަމަޖެހުމާއި އުފާވެރިކަން ޙާޞިލުކުރުމާއި، ސުކޫނާއި އަމާންކަން ލިބިގަތުމާއި، ޞާލިޙު ދަރިފަސްކޮޅެއް ބިނާކުރުމެވެ.

މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. "ތިޔަބައިމީހުންނަށްޓަކައި ހަމަ ތިޔަބައިމީހުންގެ ނަފުސުތަކުން އަނބިން ހެއްދެވިކަމީ، އެކަލާންގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަ ހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި، އެކަލާންގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާތެރިކަން ލެއްވިއެވެ. ހަމަ ކަށަވަރުން، ފިކުރުހިންގާބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ". (އައްރޫމް: 21). މި އާޔަތުން ދޭހަވަނީ ޒަވާޖީ ޙަޔާތަކީ އިލާހީ ރަޙުމަތެއް ކަމާއި، އެ ދިރިއުޅުމުގެ އަސާސަކީ ލޯތްބާއި، އޯގާތެރިކަމާއި، ހަމަޖެހުން ކަމެވެ.

ޒަވާޖީ ޙަޔާތުގެ މަސްދަރުތަކަށް ބަލާއިރު، އެންމެ މުހިންމު މަސްދަރަކީ ކީރިތި ޤުރުއާނާއި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ)ގެ ސުންނަތެވެ. މި ދެ މަސްދަރުން ޒަވާޖީ ޙަޔާތް ބިނާކުރަންވީ ގޮތާއި، އެ ދިރިއުޅުމުގައި ދެމަފިރިންގެ ޙައްޤުތަކާއި ވާޖިބުތައް ވަރަށް ސާފުކޮށް ބަޔާންކޮށްދީފައިވެއެވެ. އިސްލާމްދީނުގައި ކައިވެންޏަކީ މާތް ސުންނަތެކެވެ. އަދި ރޫހާނީ ގޮތުންނާއި ޖިސްމާނީ ގޮތުންނާއި އިޖްތިމާޢީ ގޮތުން ޙަޔާތަށް ހަމަޖެހުން ގެނެސްދޭ ގުޅުމެކެވެ. ޒަވާޖީ ޙަޔާތުގެ ބިންގަލަކީ ތަޤުވާވެރިކަމާއި، މުތައްޤީ ވާން އުޅުމެވެ. މާތް ﷲ އަށް ބިރުވެތިވެ، އެއިލާހުގެ އަމުރުފުޅުތަކަށް ކިޔަމަންވުމުން ޒަވާޖީ ޙަޔާތަށް ހިދާޔަތު ލިބި، ބަރަކާތްލިބިގެންދެއެވެ.

ޒަވާޖީ ޙަޔާތުގެ ބަދަހިގުޅުން ހިފަހައްޓަންވީ މުހިންމު އަދަބުތަކެއްވެއެވެ. އެ އަދަބުތަކުގެ ތެރޭގައި ދެމަފިރިންގެ މެދުގައި އޮންނަ އިޙުތިރާމާއި އިތުބާރެވެ. އެކަކު އަނެކަކަށް އިޙުތިރާމްކޮށް، އެކަކު އަނެކަކުގެ މައްޗަށް އަމާނާތްތެރިވެ އިތުބާރުކުރުމަކީ ގުޅުން ބަދަހިކުރާނެ މުހިންމު ސިފައެކެވެ. ހަމަ އެހެންމެ ކެތްތެރިކަމާއި، އެކަކު އަނެކަކުގެ ފަރާތުން ފެންނަ ކުއްތަކަށް މާފުކުރުމެވެ. ޙަޔާތުގައި އުނދަގޫތަކާއި ދަތިތައް ކުރިމަތިވާނެއެވެ. މިފަދަ ހާލަތްތަކުގައި ކެތްތެރިކަން އިސްކޮށް، އެކަކު އަނެކަކަށް އެހީތެރިވުމަކީ ބަދަހި ގުޅުމެއްގެ މައިގަނޑެވެ. އޭގެ އިތުރުން ދެމަފިރިންގެ މެދުގައި ރަނގަޅު މުޢާމަލާތެއް ބޭއްވުމެވެ. ހިތުގައި ހުންނަ ޝުޢޫރުތަކާއި، ޚިޔާލުތައް ހިއްސާކޮށް، މައްސަލަތައް ދެ މީހުން އެކުގައި މަޝްވަރާކޮށް ޙައްލުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި، އެކަކު އަނެއްކަކުގެ ޙައްޤުތަކަށް އިޙުތިރާމުކޮށް އެ ޙައްޤުތަށް ފުރިހަމައަށް އަދާކުރުމަކީ ވެސް ޒަވާޖީ ޙަޔާތުގެ ބިންގަލެކެވެ.

ޒަވާޖީ ގުޅުން ބަދަހިކުރުމަށް އެޅިދާނެ ގިނަ ފިޔަވަޅުތަކެއް ވެއެވެ. އެއްގޮތަކީ، ދެމަފިރިން އެކުގައި ކޮލިޓީ ވަގުތު ހޭދަކުރުމެވެ. މަސައްކަތުގެ ބުރަތަކުގެ ތެރޭގައި ވެސް ދެ މީހުން އެކުގައި އުފާކޮށްލުމަށް ވަގުތު ހުސްކުރުމަކީ ގުޅުން ބަދަހިވާނެ ކަމެކެވެ. ދެވަނައަށް، އެކަކު އަނެކަކަށް ލޯބިވާކަން ހާމަކޮށް، ކުދިކުދި ހަދިޔާތަކުންނާއި، ހިނިތުންވުމުންނާއި، ހެޔޮ ބަސްތަކުން ހިތްހަމަޖައްސައިދިނުމެވެ. އަދި، އެކަކު އަނެކަކުގެ ކަންބޮޑުވުންތަކަށް ސަމާލުކަންދީ، ހަމްދަރުދީވުމަކީ ގުޅުން އާލާކުރާނެ ކަމެކެވެ. ތިންވަނައަށް، އެކަކު އަނެކަކުގެ އުފަލާއި ހިތާމައިގައި ބައިވެރިވުމެވެ. އަދި، އެކަކު އަނެކަކުގެ ހުވަފެންތަކަށް އެހީތެރިވެ، ބާރުއެޅުމަކީ ވަރުގަދަ ގުޅުމެއް ބިނާކުރުމަށް މުހިންމު ސިފައެކެވެ. އަދި، އެންމެ މުހިންމު އެއް ކަމަކީ ދެމަފިރިން އެކުގައި މާތް ﷲގެ މަގުގައި ދުޢާކުރުމާއި، ދީނީ ކަންކަމުގައި އެކަކު އަނެކަކަށް އެހީތެރިވުމެވެ.

ޒަވާޖީ ޙަޔާތަކީ، ﷲ ދެއްވާފައިވާ ވަރަށް ބޮޑު ނިޢުމަތެކެވެ. މި ނިޢުމަތުގެ އަގު ވަޒަންކޮށް، އެ ނިޢުމަތް ދެމެހެއްޓުމަށްޓަކައި ދެމަފިރިން ވެސް މަސައްކަތްކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. ލޯތްބާއި އިޙުތިރާމާއި އިތުބާރުގެ މައްޗަށް ބިނާވެފައިވާ ބަދަހި ޒަވާޖީ ގުޅުމެއް ބިނާކުރެވިއްޖެނަމަ، އެކަމުން ދިރިއުޅުމަށް އުފާވެރިކަމާއި ހަމަޖެހުން ލިބި، މުޖުތަމަޢަށް ޞާލިޙު ދަރިން ނެރުމަށް މަގުފަހިވާނެއެވެ. މި ހުރިހާ ކަމަކީ ވެސް ޒަވާޖީ ބަދަހި ގުޅުމެއް އަބަދަށް ދެމިއޮތުމަށްޓަކައި ކޮންމެހެން ވެސް ލާޒިމު ކަންކަމެވެ. ޒަވާޖީގުޅުމުން އުފަންވާ ދަރީންނަށް ހަރުދަނާ ތަރުބިއްޔަތަކަށް މަގުފަހިވާނެ ސިފަތަކެވެ. ރިވެތި އަޚުލާޤު އާލާވަނީ ރިވެތިމިސާލުންނެވެ. ވުމާއެކު، އަޅުގަނޑުމެން ކޮންމެ މީހަކު ވެސް ޒަވާޖީ ޙަޔާތުގެ ބަދަހިގުޅުން ދެމެހެއްޓުމަށްޓަކައި ހެޔޮގޮތުގައި މަސައްކަތްކުރުމަށް އަޒުމުކަނޑަ އަޅައި އެމަގަށް ޢަމަލުކުރާ ބަޔަކަށް ވަމާތޯއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް