ރައްޔިތުންނާ ގާތުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕަބްލިކް ވޯކްސް ނުވަތަ އާންމު ޚިދުމަތް ދިނުމަށް ގާއިމުކުރާ ޔުނިޓުތައް ނެތް 15 ރަށުގައި އެ ޔުނިޓުތައް ގާއިމުކުރަން ސަރުކާރުން ނިންމައިފިއެވެ.
'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވީ ރައްޔިތުންނާ ގާތުން، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާންމު ޚިދުމަތް ދޭނެ ޔުނިޓްތައް ގާއިމުކުރުމަަށް ރައީސް މުއިއްޒު ނިންމަވާފައިވާ ނިންމެވުމުގެ ދަށުން، މިހާރު އެ ޚިދުމަތް ނުދެވޭ އަތޮޅުތަކުގައި އެ ޔުނިޓްތައް ގާއިމުކުރާނެ ރަށްތައް ކަނޑައަޅާފައިވާނެ ކަމަށެވެ.
އެގޮތުން އެ ރަށްރަށަކީ:
- ހއ. ދިއްދޫ
 - ށ. ފުނަދޫ
 - ނ. މަނަދޫ
 - ރ. މާކުރަތު
 - ބ. އޭދަފުށި
 - ޅ. ނައިފަރު
 - ކ. ތުލުސްދޫ
 - އއ. ރަސްދޫ
 - އދ މަހިބަދޫ
 - ވ. ފެލިދޫ
 - މ. މުލި
 - ފ. ނިލަންދޫ
 - ދ. ކުޑަހުވަދޫ
 - ތ. ވޭމަންޑޫ
 - ގއ. ވިލިނގިލި
 
އާދަމް ޝަރީފް ވިދާޅުވި ގޮތުގައި މި ރަަށްތައް ކަނޑައެޅުމުގައި މިންގަނޑެއްކަމަށް ބަލާފައިވަނީ އަތޮޅުގެ އަތޮޅު ކައުންސިލް ހިންގާ ރަށްރަށެވެ.
އެކަމާ ގުޅިގެން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ވަނީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާންމު ޚިދުމަތް ނުވަތަ ޕަބްލިކް ވޯކްސް ދިނުމަށް ރައީސް މުއިއްޒު ނިންމަވާފައިވާ ނިންމެވުމުގެ ދަށުން ރަށްރަށުގައި ކުރާނެ މަސައްކަތްތަކުގެ ތަފްސީލް ހިއްސާކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ:
- މަގުތައް މަރާމާތުކުރުން.
 - ވެލިމަގު ހެދުން.
 - އަލަށް އާބާދުވާ ސަރަހައްދުތަކުގައި ހަދަންޖެހޭ މަގުތައް ހެދުމަށް ޓަކައި ނަގަންޖެހޭ ރުއްގަސް ނެގުން.
 - ޗަކަ ބިންތަކަށް ވެލި އަޅައި، ބިންގަނޑު އެއްވަރުކުރުން.
 - ކާނުތައް ސާފުކުރުން.
 
އެ މިނިސްޓްރީން ބުނި ގޮތުގައި އެ ޚިދުމަތް ދޭ ޔުނިޓްތައް ގާއިމުކުރުމަށް ބޭނުންވާ މީހުންނާއި ވަސީލަތް ހޯދުމުގެ އިދާރީ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ.