އޮޅުހިޔާގެ ޝެލްޓާ ބައި، މިނިސްޓްރީއާ ގުޅިގެން ހިންގާނެ ބަޔަކު އަލުން ހޯދަނީ

އޮޅުހިޔާގެ ޝެލްޓާ ބައި، މިނިސްޓްރީއާ ގުޅިގެން ހިންގާނެ ބަޔަކު އަލުން ހޯދަން ވަނީ އިއުލާންކޮށްފައި --- ސަންފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލޭ ފަރުކޮޅުފުށީގައި ގާއިމުކުރި "އޮޅުހިޔާ"ގެ ޝެލްޓާ ބައި ހިންގާނެ ބަޔަކު ހޯދަން އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން އަލުން އިއުލާންކޮށްފިއެވެ.

އެ މިނިސްޓްރީއާ ގުޅިގެން އެ ތަން އެއް އަހަރުދުވަހަށް ހިންގާނެ ބަޔަކު ހޯދަން އިއުލާންކުރީ މިދިޔަ މެއިމަހުގެ 20ވަނަ ދުވަހެވެ. އެ ދުވަހު ކުރި އިއުލާނުގައި ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމަށް ދިން ސުންގަޑިއަކީ މިދިޔަ ޖޫންމަހުގެ 12ވަނަ ދުވަހެވެ.

https://sun.mv/206347

މިނިސްޓްރީން މިއަދު ކުރި އިއުލާނުގައިވަނީ، ކުރީގެ އިއުލާނު ބާތިލްކޮށް، އޮޅުހިޔާ ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް އަލުން ފުރުސަތު ހުޅުވާލައިފައެވެ.

އޮޅުހިޔާގެ ޝެލްޓާ ބައި ހިންގަން ހަވާލުވާ ފަރާތަށް މިނިސްޓްރީން ކޮށްދޭނެ ކަންތައްތައް

  • އޮޅުހިޔާއިން އޮފީސް ޖާގައެއް ހަމަޖައްސައިދިނުން
  • ޝެލްޓާ ބައިގައި ކުރެވޭ މަސައްކަތްތަކަށް ބޭނުންހިފޭ ސާމާނާއި ތަކެތި ފޯރުކޮށްދިނުން
  • ޝެލްޓާ ބައި ހިންގުމަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދު ދިނުން

އިއުލާނުގައިވާ ގޮތުން ކަނޑައެޅިފައިވާ ޕްލޭނާ އެއްގޮތަށް އެ ތަނަށް ބުޅާތައް ވެއްދުމާއި، އިދާރީ ގޮތުން މުޅި ފެސިލިޓީ ވެސް ބަލާނީ މިނިސްޓްރީންނެވެ. މީގެ އިތުރުން ވެސް، އެ ތަނުގެ ސެކިއުރިޓީއާއި، ކްލިނިކު ހިންގައި ބެލެހެއްޓުމާއި، ބުޅަލުގެ އެޑޮޕްޝަންގެ ކަންކަން ބަލަހައްޓާނީ މިނިސްޓްރީންނެވެ. އަދި އެ ތަނުގެ އިންވެންޓަރީއާއި ސްޓޮކު ބެލެހެއްޓުމުގެ އިތުރުން، އޮޅުހިޔާއާބެހޭ ކޭމްޕުތައް ރާވައި ހިންގުމަކީ ވެސް އެ މިނިސްޓްރީގެ ޒިންމާއެކެވެ.

އޮޅުހިޔާގެ ޝެލްޓާ ބައި، މިނިސްޓްރީއާ ގުޅިގެން ހިންގާނެ ބަޔަކު އަލުން ހޯދަން ވަނީ އިއުލާނުކޮށްފައި -- ސަންފޮޓޯ/ ފަޔާޒު މޫސާ

ޝެލްޓަރިން ބައި ހިންގާ ފަރާތުން ކުރަންޖެހޭ ބައެއް މަސައްކަތް

  • ޝެލްޓަރިން ބައިގެ އެންމެހާ ކަންތައްތައް ހިންގާ ބެލެހެއްޓުން
  • އޮޅުހިޔާއަށް ބުޅާތައް ގެންދިޔުމާ ގުޅޭގޮތުން މިނިސްޓްރީން ހަދާފައިވާ ޕްލޭންގައިވާ ގޮތުގެ މަތިން މާލެ ސިޓީގެ މަގުތަކުން ވީއްލިގެން އުޅޭ ބުޅާތައް އޮޅުހިޔާއަށް ގެންދިޔުމުގައި އެހީތެރިވުން
  • އޮޅުހިޔާގެ ކްލިނިކުގައި ވެޓެރިނަރީ ނާސިން ޚިދުމަތް ދިނުމުގައި އެހީތެރިވުން
  • މަސައްކަތާ ހަވާލުވާ މުއްދަތުގައި މިނިސްޓްރީއަށް އެހީތެރިކަމާއި އެއްބާރުލުން ދިނުން

މި ކަމާ ގުޅިގެން މައުލޫމާތު ސާފު ކުރުން ބުދަ ދުވަހުގެ 13:00ގައި އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީ، ވެލާނާގޭ ހަތްވަނަ ފަންގިފިލާގައި އޮންނާނެ ކަމަށް އިއުލާނުގައިވެއެވެ. އަދި މި ކަމަށް އެދި ޕްރޮޕޯޒަލް ހުށަހަޅަންޖެހޭނީ މިމަހުގެ 22ވާ އަންގާރަ ދުވަހުގެ 13:00ގެ ނިޔަލަށެވެ.

މި ކަމަށް އެދި ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން ހަތް ދުވަހެވެ. މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑު ބަލައިގަންނާނީ ސަރުކާރު ހުޅުވިގެން، ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 13:00 އަށެވެ.

އިއުލާނުގައިވާ ގޮތުން އެ މަސައްކަތަށް އެޑްވާންސް ފައިސާ ހޯދުމަށް އެދި ހުށަހަޅައިފިނަމަ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް އެޑްވާންސް ފައިސާ ދޫކުރެވިދާނެއެވެ. އެ ފައިސާ ދޫކުރުމަށް ހަމަޖެހިފައި ވަނީ ޕްރޮކިއުމަންޓްގެ ޖުމްލަ އަގު 250،000 އަށްވުރެ ބޮޑުވާނެނަމައެވެ.

އެޑްވާންސް ފައިސާގެ ގޮތުގައި ދޫކުރެވޭނީ މަސައްކަތުގެ ޖުމްލަ އަގުގެ 15 ޕަސެންޓަށް ވުރެ ބޮޑުނުވާ އަދަދެއް ކަމަށް ވެސް އިއުލާނުގައިވެއެވެ. އަދި އެޑްވާންސްގެ ގޮތުގައި ދެވޭ ފައިސާ މަސައްކަތް ކުރަމުންދާއިރު ނުވަތަ ޚިދުމަތް ހޯދަމުންދާއިރު ހުށަހަޅާ ބިލްތަކުން ކޮންޓްރެކްޓްގެ ޖުމްލަ އަގުގެ ނިސްބަތުން އުނި ކުރާނެ ކަމަށް އިއުލާނުގައިވެއެވެ.

ފެސިލިޓީގައި 2،000 ބުޅާ ގެންގުޅެން, މަހަކު 700،000 ރުފިޔާ ޚަރަދުވާނެ ކަމަށާއި، ކޮންމެ ތިން މަހަކުން 3.4 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

މާލޭގެ އެކި ސަރައްހައްދުތަކުގައި ބުޅާ ގިނަވެފައިވާއިރު، އޭގެ ސަބަބުން މަގުމަތީ ހިނގާބިނގާވެ އުޅޭ މީހުންނަށް ވެސް ދަތިތަކާ ކުރިމަތިވެއެވެ.

މި މައްސަލަ ހައްލުކުރުމަށް ފަރުކޮޅުފުށީގައި ބުޅާ ފެސިލިޓީ ގާއިމުކޮށްފައި ވަނީ އެޗްޑީސީން ކައުންސިލަށް ދޫކުރި 5،000 އަކަފޫޓުގެ ބިމެއްގައެވެ.

comment ކޮމެންޓް