ދުނިޔޭގެ ކޮންމެ ގައުމަކުން ލަވައެއް ހިމެނޭ "ދަ ވޯލްޑް އަލްބަމް"ގައި ރާއްޖޭގެ މަޝްހޫރު މިއުޒިކް ބޭންޑް "ޓޫ އޮފް އަސް"އަށް ނިސްބަތްވާ ލަވަކިޔުންތެރިޔާ އަހުމަދު އަދުހަމްގެ ދިވެހި ލަވައެއް ވެސް ހިމަނައިފިއެވެ.
މި އަލްބަމްގައި އަދުހަމް ކިޔާފައި ވަނީ އަމިއްލަ ރާގުގެ ލަވައެކެވެ. މި ލަވަ ލިޔެ، ލަވަ ކިޔައި، ކޮމްޕޯސްކޮށް ލަވައިގެ މެލޮޑީ ހެދީ ވެސް އަދުހަމެވެ.
މި ލަވަ ރިކޯޑު ކުރީ މިއަހަރު މާޗުމަހު ބެޓްލް އޮފް ދި ބޭންޑްސްގައި އަދުހަމްގެ ބޭންޑު "ޓޫ އޮފް އަސް" ބައިވެރިވުމުގެ ކުރިންނެވެ.
މި އަލްބަމް ހެދި، ބްރެންޑަން ބެކްވިތް "ސަން"އާ ވާހަކަ ދައްކަމުން ބުނީ ދުނިޔޭގެ ހުރިހާ ގައުމަކުން ލަވައެއް ހިމަނައިގެން އަލްބަމެއް ހެދުމުގެ ޚިޔާލު އައީ 2023ވަނަ އަހަރުގެ ޖޫން މަހު ކަމަށެވެ. އެގޮތުން މި އަލްބަމްގެ މަސައްކަތުގައި 30 ގައުމަށް ދަތުރު ކުރިކަމަށް އޭނާ ބުންޏެވެ.
އެ ދަތުރުތަކުގައި ގިނަ ބަޔަކާ ދިމާވެ، ކޮންމެ ގައުމަކުން ލަވަކިޔުންތެރިއަކު ހޯދުމުގެ މަސައްކަތް ކާމިޔާބުވިއެވެ. މި އަލްބަމްގައި ލަވަކިޔާފައިވާ މީހުން ތަމްސީލުކުރާ ގައުމަކީ އެމީހަކު އުފަންވި ނުވަތަ އުޅެބޮޑުވި ގައުމެވެ. އެގޮތުން މި އަލްބަމްގައި ހިމެނޭ ލަވަކިޔުންތެރިންގެ ތެރެއިން 98 ޕަސަންޓު ލަވަކިޔުންތެރިންނަކީ އެމީހުން ތަމްސީލުކުރާ ގައުމަށް އުފަން ލަވަކިޔުންތެރިންނެވެ. ދެ ޕަސަންޓު ލަވަކިޔުންތެރިންނަކީ ތަމްސީލުކުރާ ގައުމުގައި އުޅެ ބޮޑުވި ލަވަކިޔުންތެރިންނެވެ.

އަދުހަމް: ކޮންމެ ގައުމަކުން ލަވައެއް ހިމެނޭ "ދަ ވޯލްޑް އަލްބަމް"ގައި އަދުހަމްގެ ލަވައެއް ވެސް ހިމެނޭ --
"މި އަލްބަމުގައި ނޯތު ކޮރެއާއަށް ނިސްބަތްވާ ލަވަކިޔުންތެރިއެއް ވެސް ހިމެނޭ. އޭނާއަކީ ވަރަށް ކުޑައިރު، އެ ގައުމުން ފިލި ދެމަފިރިންގެ ދަރިއެއް. ދުނިޔޭގެ އެންމެ ކުޑަ ގައުމު ކަމަށްވާ ވެޓިކަން ސިޓީގެ ލަވަކިޔުންތެރިއެއް ވެސް ހިމެނޭ،" އޭނާ ބުންޏެވެ.
މި އަލްބަމުގައި:
- 200 ލަވަ ހިމެނޭ
- 93 ބަހުން ކިޔާފައިވާ ލަވަ ހިމެނޭ
- 121 ޖޯންރާގެ ލަވަ ހިމެނޭ
- 12 ގަޑިއިރާ 30 މިނިޓު ދިގު އަލްބަމެއް
މި އަލްބަމް ރިލީޒްކުރަން ހަމަޖެހިފައި ވަނީ، އަންނަ މަހުގެ އެއްވަނަ ދުވަހު ރާއްޖެ ގަޑިން އަށެއް ޖަހާއިރެވެ.
މި އަލްބަމްގައި ހިމެނޭ ލަވަކިޔުންތެރިންގެ 157 ލަވަ ހިމަނައިގެން މިދިޔަ އަހަރު ވަނީ އިންޓަނޭޝަނަލް އާޓިސްޓު އަލްބަމް ޓޫގެ ނަމުގައި އަލްބަމެއް ނެރެފައެވެ.
"އެއީ މި އަލްބަމަށް ހައިޕް އުފައްދައިލާ ޕްރޮމޯޓްކޮށްލުމަށް. އެ އަލްބަމަށް ވަރަށް ރަނގަޅު ވިއުސް ލިބުން. އެގޮތުން، ޓިކްޓޮކްގައި އެކަނި ވެސް 45 މިލިއަން ވިއުސް ލިބުނު،" އޭނާ ބުންޏެވެ.
ބްރެންޑަން ބުނީ އޭނާއާ އަދުހަމް ދިމާވީ އަޔަލަންޑުން ރަހުމަތްތެރިވި ދިވެއްސެއް މެދުވެރިކޮށް ކަމަށެވެ. މި އަލްބަމުގައި ބައިވެރިވުމަށް އަދުހަމަށް ހުށަހެޅުމުން އޭނާ އެ ހުށަހެޅުން ގަބޫލުކުރިކަމަށް ބްރެންޑަން ބުންޏެވެ.
މި އަލްބަމް ގްރޭމީ އެވޯޑަށް ހުށަހެޅުމުގެ މަސައްކަތް ކުރާކަން ވެސް އޭނާ ހާމަކުރިއެވެ.
"ދަ ވޯލްދް އަލްބަމް"އާ ގުޅިގެން އަދުހަމް ބުނީ، މި ފުރުސަތުގެ ބޭނުން ހިފީ، ލިބޭ އެއްވެސް ފުރުސަތެއް ބޭކާރު ގޮތުގައި ދޫކޮށްނުލާތީ ކަމަށެވެ.
"އޭރު ވެސް ހިޔެއް ނުކުރަން މީތި މިހާ ބޮޑު އަލްބަމަކަށް ވާނެ ކަމަކަށް،" އޭނާ ބުންޏެވެ.
އަދުހަމް ބުނީ މިއީ އެނާއަށާއި ދިވެހި މިއުޒިކް އިންޑަސްޓްރީއަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ. އަދި ދިވެއްސެއް ގްރެމީ ރިކޮމެންޑެޑް އާޓިސްޓަކަށް ވުމަކީ ވެސް ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އޭނާ ފާހަގަކުރިއެވެ.
"ދިވެހި ޒުވާން މިއުޒިޝަނުންނަށް އަދުހަމް ދޭން ބޭނުންވާ ނަސޭހަތަކީ، މަސައްކަތް ކުރުން. އަދި ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފުން." އަދުހަމް ބުންޏެވެ.
މި އަލްބަމާ ގުޅިގެން އިންޓަނޭޝަނަލް މިއުޒިކް ފެސްޓިވަލެއް ރާއްޖޭގައި ބޭއްވުމަށް މިހާރު މަޝްވަރާކުރާކަން އަދުހަމް ފާހަގަކުރިއެވެ.