ހައިވޭގައި ވޭނެއް އޯވަޓޭކް ކުރަން އުޅެނިކޮށް ސައިކަލެއްގައި ޖެހި، ދެ މީހަކަށް އަނިޔާވެއްޖެ

ހައިވޭގައި ހިނގި އެކްސިޑެންޓު: ސައިކަލުގައި ތިބި ދެ މީހުންނަށް އަނިޔާވެފައިވޭ -- ފޮޓޯ/ އެމްވީކްރައިސިސް

މާލެއާއި ހުޅުމާލެ ގުޅުވައިދޭ ސިނަމާލެ ބުރިޖުގެ ހައިވޭގައި މިރޭ ވޭނަކާއި ސައިކަލެއް ޖެހި، ދެ މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން މީޑިއާތަކަށް ދިން މައުލޫމާތުގައިވާ ގޮތުން، ހައިވޭގައި ހިނގި އެކްސިޑެންޓުގެ ރިޕޯޓު ލިބިފައި ވަނީ 22:49ހާއިރެވެ.

އެ އެކްސިޑެންޓު ހިނގީ ހައިވޭގައި ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ފަޅީގައި ހަތަރު ލޭން ހިމެނޭ ސަރަހައްދުގައެވެ. އެގޮތުން، ވޭނެއް އޯވަޓޭކް ކުރަނިކޮށް ސައިކަލެއްގައި ޖެހުނީ ކަމަށް ފުލުހުން ބުންޏެވެ.

އެ އެކްސިޑެންޓުގައި ސައިކަލުގައި ތިބި ދެ މީހުންނަށް އަނިޔާވެގެން އައިޖީއެމްއެޗުގައި ދަނީ ފަރުވާދެމުންނެވެ. އަދި ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ބާރަށް ދުއްވުމާއި ގަވައިދާ ޚިލާފަށް އޯވާޓޭކް ކުރަން އުޅުމުގެ ތެރޭގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގައި މީގެ ކުރިން ވެސް މީހުން ފުރާނަ ގެއްލިފައިވެއެވެ.

ރޭ މާލޭގެ ބޮޑުތަކުރުފާނު މަގުގައި ބާރަށް ދިޔަ ސައިކަލެއް، މަގު ހުރަސް ކުރި މީހަކާއި ޕިކަޕެއްގައި ޖެހި، ސައިކަލު ދުއްވަން އިން 17 އަހަރުގެ ކުއްޖާ ވަނީ މަރުވެފައެވެ. އަދި ސައިކަލުގައި ދެން އިން 16 އަހަރުގެ ކުއްޖާއާއި މަގު ހުރަސް ކުރި 40 އަހަރުގެ މީހާއަށް އައިޖީއެމްއެޗުގައި ދަނީ ފަރުވާ ދެމުންނެވެ.

https://sun.mv/208575

އޭގެ ތެރެއިން 40 އަހަރުގެ މީހާއަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައެވެ.

ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މަގުމަތީގެ އެކްސިޑެންޓުތައް އަންނަނީ އިތުރުވަމުންނެވެ. އެގިތުން 2022 ވަނަ އަހަރު އެކަނި ފުލުހުންނަށް 1615 އެކްސިޑެންޓްގެ މައްސަލަ ހުށަހެޅިއިރު. 2023 ވަނަ އަހަރު އެފަދަ 2300 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ. އަދި، މިދިޔަ އަހަރު 2885 މައްސަލައެއް ހުށަހަޅައިފައިވާއިރު، މި އަހަރު ދެބައިވިއިރު އެ އަދަދު 1614 އަށް އަރައެވެ.

comment ކޮމެންޓް