ޓެކާސްގެ ދިރާގު ރިސޯޓު ކަޕް 2025ގެ އެންމެ މޮޅު ކުޅުންތެރިޔާއަށް "ބެސްޓް ޕްލެޔާ ބެލްޓް" ދިނުމަށް ނިންމައި އެކަން ހާމަކޮށްފިއެވެ.
ޓެކާސް ދިރާގު ރިސޯޓް ކަޕަށް ހަތަރު ވަނަ އަހަރު ފުރިފައިވާއިރު، ކޮންމެ އަހަރަކީވެސް ތަފާތު ގިނަ ކަންތައްތަކެއް ތައާރަފުކުރަމުން އަންނަ ފަހަރެކެވެ.
ބެލްޓް އިފުތިތާހުކޮށްދިނީ ރާއްޖޭގެ އެންމެ މަޝްހޫރު އެއް ފުޓްސަލް ކުޅުންތެރިޔާ އަޔާޒް އަހުމަދު (އަޔާ) އެވެ. އަޔާޒް ވަނީ ދަނޑުމަތީގައި އޭނާގެ ހުނަރު ދައްކުވައިދީ، ގިނަ މުބާރާތްތަކެއްގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައި، ޝަރަފުވެރި ގިނަ ފުޓްސަލް މުބާރާތްތަކުން ކިންގްގެ ލަގަބު ހޯދާފައެވެ.
ޓެކާސްގެ ދިރާގު ރިސޯޓު ކަޕްގައި މިހާތަނަށް ދެ ޒޯނެއްގެ ކުޅުން ވަނީ ނިމިފައެވެ. އެއީ ސައުތު ކާފު ޒޯނާއި ޅަވިޔަނި ޒޯނެވެ. މިއަހަރު އެންމެ ފުރަތަމަ ބޭއްވީ ސައުތު ކާފު ޒޯނުގެ ކުޅުމެވެ.
ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދިޔަ ސައުތު ކާފު ޒޯނުގެ ޗެމްޕިއަންކަން ދަ މެރީނާ ހޯދީ މުބާރާތުގެ ފައިނަލުގައި ސަން ސިޔާމް އޮޅުވެއްޔާ ވާދަކޮށް 3-0 ގެ ނަތީޖާއަކުންނެވެ.
ޅަވިޔަނި ޒޯނުގެ ޗެމްޕިއަންކަން މެރީޑިއަން ހޯދާފައިވަނީ ފައިނަލުގައި ކޮކޫން މޯލްޑިވްސްއާ ވާދަކޮށް ވާދަވެރި ކުޅުމަކަށްފަހު 3-2 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.
މި އަހަރުގެ ޓެކާސް ރިސޯޓު ކަޕު ކުރިއަށްދާނީ އަށް ޒޯނަކަށް ބަހާލައިގެންނެވެ. އެއީ ސައުތު ކާފު، ޅ. އަތޮޅު، ނ. އަތޮޅު، ރ. އަތޮޅު، ބ. އަތޮޅު، ދ. އަތޮޅު އަދި އއ. އަތޮޅާއި ނޯތު ކާފް އަތޮޅު ޒޯނެވެ.