ގައުމީ ވޮލީ ތަށި މިލްކުކޮށް ސިފައިންނަށް ރިކޯޑެއް

ގައުމީ މުބާރާތުގެ ތަށި ދިވެހި ސިފައިންގެ ކުލަބުން އުފުލާލަނީ-- ފޮޓޯ: ކުޅިވަރު ވުޒާރާ

ގައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލުގައި ސީދާ ތިން ސެޓުން ކުލަބު އެޗްޑީސީ ބަލިކޮށް ދިވެހި ސިފައިންގެ ކުލަބުން ގައުމީ މުބާރާތުގެ ތަށި މިލްކުކޮށް ރިކޯޑެއް ގާއިމުކޮށްފިއެވެ.

މީގެ ކުރިން ވެސް ސިފައިން ވަނީ ގައުމީ ތަށި މިލްކުކޮށްފައެވެ. އެއީ 2010 ވަނަ އަހަރެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރޭ ކުޅުނު ފައިނަލުގެ ސިފައިން ފުރަތަމަ ސެޓު ގެންދިޔައީ 25-21 އިންނެވެ. ދެވަނަ ސެޓު 25-14 އިން ކާމިޔާބުކުރިއިރު ފަހު ސެޓު ސިފައިން ކާމިޔާބުކޮށްފައިވަނީ 26-24 އިންނެވެ.

މުބާރާތުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދީ ސިފައިންގެ ޓީމުގެ ހުސައިން ރަޒާން އާއި ހުސެއިން ޝާހިދު (ޝާޑު) އަދި އެޗްޑީސީގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އެވެ.

ފައިނަލުގައި ދިވެހި ސިފައިންގެ ކުލަބު-- ފޮޓޯ: ކުޅިވަރު ވުޒާރާ

އެންމެ މޮޅު ކޯޗަކަށް ސިފައިންގެ ޓީމުގެ ޖުނައިދު އަބްދުﷲ ހޮވުނުއިރު، އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ އާއި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަަަކަށް ހޮވިފައިވަނީ، ސިފައިންގެ ޓީމުގެ އިންޑިއާ ކުޅުންތެރިޔާ ޗިރާގު ޔާދަވް އެވެ. ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވީ ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިއު އެވެ.

ގައުމީ މުބާރާތާއެކު ކުރިއަށްދެން އޮތީ ކާވާ ޗެމްޕިއަންސް ލީގެވެ. އަންނަ ބުރާސްފަތި ދުވަހު ފަށާ މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރާ ދެ ޓީމަކީ ގައުމީ ފައިނަލުގައިވެސް ވާދަކުރި ކުލަބު އެޗްޑީސީ އާއި ދިވެހި ސިފައިންގެ ކުލަބެވެ.

comment ކޮމެންޓް