ރިސާޗް ސައިންޓިސްޓް ޑރ. އިބްރާހީމް މުސްތަފާގެ ޖަނާޒާ މާދަމާ އިންޑިއާގައި

ސިއްހީ ގިނަ ދިރާސާތަކެއް ހައްދަވާފައިވާ ޑރ. އިބްރާހީމް މުސްތަފާ: އޭނާ އަވަހާރަވީ ކޮޗިންގައި --

ދުނިޔޭގެ ބޮޑެތި ޔުނިވާސިޓީތަކުގައި މަސައްކަތްކުރައްވައި ސިއްހީ ގިނަ ދިރާސާތަކެއް ހައްދަވާފައިވާ, ބަޔޯމެޑިކަލް ރިސާޗް ސައިންޓިސްޓް ޑރ. އިބްރާހީމް މުސްތަފާގެ ޖަނާޒާ މާދަމާ އިންޑިއާގައި ބާއްވަން އާއިލާއިން ނިންމައިފިއެވެ.

އާއިލާއިން މައުލޫމާތު ދިން ގޮތުގައި, އައްޑޫ ސިޓީ ހުޅުދުއަށް ނިސްބަތްވާ, އުމުރުން 57 އަހަރުގެ ޑރ. އިބްރާހީމް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަވަހާރަވީ, އިންޑިއާގެ ކޮޗިންގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އޭނާ އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުއްވުމަށް ފަހުގައެވެ.

އާއިލާއިން އެންމެ ފުރަތަމަ މަސައްކަތް ކުރީ ޑރ. އިބްރާހީމްގެ ޖަނާޒާގެ ކަންކަން ހުކުރު ދުވަހު އަސަރުގެ ނަމާދަށް ފަހު ކޮޗިންގައި ކުރިއަށް ގެންދިއުމަށެވެ.

އެހެންނަމަވެސް، ޖަނާޒާ ބޭއްވުމަށް ލިބެން ޖެހޭ ހުއްދަ ނުލިބި ލަސްވުމުން، މާދަމާއަށް ވަނީ ލަސްކޮށްފައެވެ.

ޑރ. އިބްރާހީމްގެ އާއިލާއިން ބުނީ ޖަނާޒާ އޮންނާނީ ކޮޗިންގެ އެޑެޕަލީ ޖުމްޢާ މަސްޖިދުގައި، މެންދުރު ނަމާދަށް ފަހުގައި ކަމަށެވެ. ކަށުނަމާދުގައި ވީހާ ވެސް ގިނަ މީހުން ބައިވެރިވުމަކީ އާއިލާގެ އެދުމެކެވެ.

ޑރ. އިބްރާހީމަކީ ތެލެސީމިއާ ބޭފުޅެއް ކަމަށް ބަލައި ކުޑައިރުން ފެށިގެން ލޭ އަޅަމުން ދިޔަ މީހެކެވެ. ނަމަވެސް, ފަހުން ބެލިބެލުމުން އެނގުނީ އޭނާއަކީ ލޭ އަޅަން ނުޖެހޭ މީހެއް ކަމެވެ.

https://sun.mv/208468

އޭނާ ޕީއެޗްޑީ ހެއްދެވީ ޕެތޮލޮޖީ އެންޑް ލެބޯޓްރީ މެޑިސިންގެ ދާއިރާއިން, ކެނެޑާގެ, ޔުނިވާސިޓީ އޮފް ބްރިޓިޝް ކޮލޮމްބިއާ އިންނެވެ.

ޑރ. އިބްރާހީމް ގިނަ ދިރާސާތަކެއް ވަނީ ތެލެސީމިއާ ދާއިރާއާ ގުޅޭގޮތުން ހައްދަވައިފައެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ދިރާސާއަކީ ލޭ އަޅަން ޖެހޭ ބައެއްް ތެލަސީމިއާ ކުދިން ބޭހެއް ކައިގެން ލޭ ނާޅާ އުޅެވިދާނެކަން ސާބިތު ކޮށްދިން, "އަޔަން ކެލޭޝަން ތެރަޕީ" އާ ބެހޭ ރިސާޗެވެ.

ސިއްހީ ދާއިރާއިން ދިރާސާތައް ހެދުމުގެ ފުރުސަތު ރާއްޖޭން ނުލިބޭތީ ޑރ. އިބްރާހީމް ފަހުން ގިނައިން އުޅުއްވީ ރާއްޖޭން ބޭރުގައެވެ. އެގޮތުން، ގަތަރާއި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ ޔުނިވާސިޓީތަކުގައި އޭނާ މަސައްކަތް ކުރެއްވިއެވެ. އެންމެ ފަހުން ހުންނެވީ ޔޫއޭއީގެ ހަޔާ ކޮލެޖް އޮފް ޓެކްނޮލޮޖީގެ އެސިސްޓެންޓް ޕްރޮފެސާ އޮފް ބަޔޯމެޑިކަލް ސައިންސްގެ މަގާމުގައެވެ.

comment ކޮމެންޓް