ޑޮލަރު ރޭޓު ދަށްނުވެ، ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 20 ރުފިޔާއަށް އަރައިގެން ދިޔައިރު ވެސް މަރުކަޒީ ބޭންކު، އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ހަނު ހުންނެވުމުން ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެންބަރު މުހައްމަދު އައްބާސް ނުރުހުން ފާޅުކުރައްވައިފިއެވެ.
ސަރުކާރުގެ ފަރާތުން ކުޑަހުވަދޫ ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން ހަމީދު ހުށަހެޅުއްވި 'މޯލްޑިވްސް އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ' ބިލަށް ބަހުސްކުރައްވައި އައްބާސް ވިދާޅުވީ މިއަދު ގައުމުގެ އިގްތިސޯދީ ހާލަތު އޮތް ގޮތުން އެފަދަ އޮފީހެއް އުފެއްދުމާ އޭނާ ދެކޮޅު ކަމަށެވެ. ކޮންމެ ގާނޫނެއް ގެނަޔަސް، އެ ގާނޫނެއްގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފޭނީ ގައުމުގެ އިގްތިސޯދީ ހާލަތު ރަނގަޅުވެގެން ކަމަށް އައްބާސް ވިދާޅުވިއެވެ.

ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް -- ފޮޓޯ/ މަޖިލިސް
އެގޮތުން ކަޅު ބާޒާރުގައި މިއަދު ޑޮލަރެއްގެ އަގު 20އަށް އަރައިގެން ދިޔައިރު، އެކަމުގައި އެމްއެމްއޭގެ ގަވަރުނަރު އެއްޗެއް ވިދާޅުނުވެ ހަނު ހުންނެވުމުގެ ސަބަބުން އައްބާސް ވަނީ ނުރުހުން ފާޅުކުރައްވައިފައެވެ.
ހަގީގަތުގައި މިއަދު ޑޮލަރުގެ ރޭޓު 20 ރުފިޔާއަށް މައްޗަށް އަރައިގެން މިދަނީ. އަޅުގަނޑުމެންގެ އެމްއެމްއޭގެ ގަވަރުނަރު އެބަ ހުންނެވި ހަމަ ބަހެއް ވެސް ވިދާޅުނުވެ އިއްޒަތްތެރި ރައީސް، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް
އޭނާ ވިދާޅުވީ ޑޮލަރުގެ ރޭޓު ކަޅު ބާޒާރުގައި 20 އަށް އެރުމުގެ ނަތީޖާއަކީ އިންފްލޭޝަން ރޭޓު މައްޗަށް ދިޔުމެވެ. ދުވަހެއް ދުވަހަކަށް ކަރަންޓު ބިލާއި ފެން ބިލު ބޮޑުވެ ދިރިއުޅުމުގެ ޚަރަދުތައް ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. ދެން އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުވާނީ ކިހިނެއްތޯ އޭނާ ވަނީ ސުވާލު އުފައްދައިފައެވެ.
ރާއްޖޭގައި ޑޮލަރު ވިއްކާ ރަސްމީ ބޭންކް ރޭޓަކީ 15.42 ރުފިޔާއެވެ. އެކަމަކު، ބޭންކުން އެކަށިގެންވާ މިންވަރަށް ޑޮލަރު ނުލިބޭ މައްސަލަ ބޮޑުވެ، އާންމުން ޒަރޫރީ ކަންކަމަށް ވެސް ޑޮލަރު ހޯދަން ޖެހެނީ ކަޅު ބާޒާރުންނެވެ.
މީހަކު ޑޮލަރުތަކެއް ހިފައިގެން --- ސަން ފައިލް ފޮޓޯ
ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 20 ރުފިޔާއަށް އެރީ، މީގެ ދެ ތިން ދުވަސް ކުރިންނެވެ.
ޑޮލަރެއްގެ އަގު 19 ރުފިޔާއަށް ވުރެ މަތީގައި ހުންނަތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. އެ ގޮތުން، މިދިޔަ މަހު ފަހުކޮޅު ވެސް ޑޮލަރެއްގެ އަގު ހުރީ 19.50 ރުފިޔާއާއި 19 ރުފިޔާއާ ދެމެދުގައެވެ. އަދި، އޭގެ ފަހުން މި މަހު ޑޮލަރެއްގެ އަގު ވަނީ 19.50 ރުފިޔާއާއި 19.80 ރުފިޔާއާ ހަމައަށް އުފުލިފައެވެ.
ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު ވިހިރުފިޔާއަށް އުފުލުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވީ އެކަން އެގޮތަށް ވީ އެމްއެމްއޭގައި މިވަގުތު ހުންނެވި ގަވަރުނަރު، އަދި އެ މަނިކުފާނުގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި މުނައްވަރުގެ ނާގާބިލްކަމުން ކަމަށެވެ.
ޑޮލަރެއްގެ އަގު ބޮޑުވުމުން އާންމުންގެ ދިރިއުޅުމަށް ވަރަށް ބޮޑަށް އަސަރުކުރެއެވެ. ސަބަބަކީ، ރާއްޖެއަކީ އުފެއްދުންތެރިކަށް ދަށްވުމުގެ ސަބަބުން ރާއްޖެއަށް ބޭނުންވާ އެންމެ ޒަރޫރީ ތަކެތި ވެސް އެތެރެކުރަނީ ބޭރު ގައުމުތަކުންނެވެ. އެ ތަކެތި ގަންނަން ވިޔަފާރިތަކުން ވެސް ކަޅު ބާޒާރުން ޑޮލަރު ގަންނަން ޖެހުމުން ތަކެތީގެ އަގު ވަރަށް ބޮޑަށް އުފުލެއެވެ.
މުސާރައާއި އާމްދަނީ އިތުރު ނުވަނީސް ތަކެތީގެ އަގުތައް އުފުލުމުގެ ސަބަބުން މީހުން ހަރަދު ކުރާ ވަރު ދަށްވެ, ވިޔަފާރިތަކަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރެއެވެ.
އެ ގޮތުން، ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސް ނުވަތަ ވިޔަފާރީގެ އާމްދަނީއާއި މުދަލުން ނަގައި ޓެކުހުން ދައުލަތަށް ލިބޭ އާމްދަނީން 680 މިލިއަން ރުފިޔާ މި އަހަރުގެ މިހާތަނަށް ދަށަށް ގޮސްފައިވާކަން ފިނޭންސް މިނިސްޓްރީން މި ފަހުން ހާމަކުރި ތަފާސްހިސާބުތަކުން ދައްކައެވެ.

އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރާއި ރައީސް ޑރ، މުހައްމަދު މުއިއްޒު -- ފޮޓޯ/ ރައީސް އޮފީސް
މި ސަރުކާރު އައިފަހުން ޑޮލަރުގެ އަގު އެންމެ ރަނގަޅަށް ހުރީ މިދިޔަ އަހަރުގެ ފެބްރުއަރީ ހިސާބުގައެވެ. އެ ދުވަސްވަރު ދުބާއީގައި ހުންނަވައި ނޫސްވެރިންނާ ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވީ, ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ހަތަރު މަހެއްހައި ދުވަހުން ރާއްޖެއަށް ދިމާވެފައި އޮތް ޑޮލަރުގެ މައްސަލަ ހައްލުކުރުން ކަމަށެވެ.
އޭގެ ފަހުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ ޑޮލަރުގެ އަގު މަތި ނުވާނެ ކަމަށާއި ދެން ދާނީ ތިރިއަށް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އަދިއަދަށް ވެސް އެކަން ކާމިޔާބު ވާގޮތެއް ނުވެއެވެ.
މިދިޔަ އޭޕްރީލް މަހު ރައީސް މުއިއްޒު ވަނީ ރާއްޖެއަށް ދިމާވެފައި އޮތް ޑޮލަރުގެ މައްސަލަ ހައްލުކުރެވި، ޑޮލަރެއްގެ އަގު ބޭންކް ރޭޓަށް 2027 ނިމުމުގެ ކުރިން ދަށްކުރެވޭނެ ކަމަށެވެ. އޭގެ ކުރިން ރައީސް ވަނީ ޑޮލަރުގެ ރޭޓު ދެން ވާނީ ދަށްކަމަށާއި އިތުރަށް މަތިނުވާނެ ކަމަށް ވިދާޅުވެފައެވެ.
އެކަމަކު، ޑޮލަރެއްގެ އަގު އަންނަނީ ދުވަހުން ދުވަހަށް ބޮޑުވަމުންނެވެ.