ރާއްޖޭގައި ހިނގާ އެކްސިޑެންޓުތައް އިތުރުވީ ނަމަވެސް އެ އެކްސިޑެންޓުތަކުގައި އިހުމާލުވާ ފަރާތްތަކަށް އެކަށީގެންވާ ގާނޫނީ ފިޔަވަޅު ނޭޅޭ މައްސަލައިގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ އިސްވެރިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް، ސުވާލުކުރުމަށް ހުށަހަޅައިފިއެވެ.
ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) މިދިޔަ ހޮނިހިރު ދުވަހު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް އެޑްރެސްކުރައްވައި ފޮނުއްވި ސިޓީގައި ވަނީ އެކްސިޑެންޓުތަކުގައި އިހުމާލުވާ މީހުންނާ މެދު ގާނޫނީ ގޮތުން ދައުވާ ނުކުރެވި، އެފަދަ މީހުން މުޖުތަމައުއަށް ދޫވެ، އަނެއްކާވެސް ހަމަ އެފަދަ މައްސަލަތަކުގައި ހައްޔަރުކުރަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
އެމީހުންނަށް އެކަށީގެންވާ ފިޔަވަޅު އެޅުމުގައި ޕީޖީއަށް ދިމާވާ ގޮންޖެހުންތަކަކީ ކޮބައިތޯ ބެލުމަށާއި، އަދި މަޖިލީހުން ދޭންޖެހޭ އެހީތެރިކަމަކީ ކޮބައިތޯ ބެލުމަށް ޕީޖީ އޮފީހާއި ފުލުހުންގެ އިސްވެރިން ހާޒިރުކޮށްދިނުމަށް އެ ސިޓީގައި ވަނީ އެދިވަޑައިގެންފައެވެ.
ހަމައެއާއެކު މިއަދު ވެސް މެންބަރު ކުޑޫ ވަނީ އެކްސިޑެންޓުތައް އިތުރުވާ މައްސަލައިގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ފުލުހުންނާއި، މާލެ ސިޓީ ކައުންސިލުން ކުރަނީ ކޮން ކަންތައްތަކެއްތޯ ބެލުމަށްޓަކައި ލިޔުމުން ޖަވާބު ހޯދުމަށް ގިނަ ސުވާލުތަކެއް ވެސް ހުށަހަޅައިފައެވެ. އޭގެ ތެރޭގައި:
- އެކްސިޑެންޓުތައް މަދުކުރުމާއި ހައްލުކުރުމުގެ ސްޓްރެޓެޖީތައް
- ހައްލުތައް ތަންފީޒުކުރުމުގެ ގޮންޖެހުންތައް
- މައްސަލަތައް ހައްލުކުރުމުގައި ނާކާމިޔާބުވެފައިވޭތޯ
- ޓްރެފިކް މެނޭޖްކުރުމާއި މަގުމަތީގެ ރައްކާތެރިކަން ބެލެހެއްޓުމަށް ފަންނީ ހުނަރާއި ގާބިލުކަން ލިބިފައިވޭތޯ
- މަގުމަތީގެ ރައްކާތެރިކަމުގެ ސިޔާސަތު
- ޑޭޓާ މެނޭޖްމަންޓް
- ތަންފީޒުކުރުމުގައި ހުރި މާލީ ހުރަސްތައް

ސިނަމާލެ ބްރިޖުން މާލެ އަރާ ހިސާބުގައި ހިނގި އެކްސިޑެންޓް --- ފޮޓޯ/ ސަން
ރާއްޖޭގައި ހިނގާ މަގުމަތީގެ އެކްސިޑެންޓުތަކުގެ އަދަދު މިދުވަސްވަރު ވަނީ ކަންބޮޑުވާ މިންވަރަށް އިތުރުވެފައެވެ. ވަކިން ޚާއްސަކޮށް، ފާއިތުވެ ދިޔަ 48 ގަޑިއިރުގެ ތެރޭގައި ވެސް ނުރައްކާތެރި އެކްސިޑެންޓުތައް ހިނގައި ފުރާނަ ގެއްލިފައި ވެސް އެބަހުއްޓެވެ.
އެގޮތުން މިދިޔަ އާދިއްތަ ދުވަހުގެ ރޭ މާލޭގެ ބޮޑުތަކުރުފާނު މަގުން ބާރަށް ދުއްވި ސައިކަލެއް، ކަފިހި ހުރަސް މަތިން ދިޔަ މީހެއްގެ ގައިގައި ޖެހި، ޕިކަޕެއްގައި ވެސް ޖެހި، ސައިކަލު ދުއްވަން އިން 17 އަހަރުގެ ކުއްޖާ ވަނީ މަރުވެފައެވެ. މަރުވި ކުއްޖާއަކީ މަޝްހޫރު ދެ ފަންނާނުން ކަމަށްވާ މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) އާއި މަރިޔަމް އަޝްފާގެ ހުރި ހަމައެކަނި ދަރިފުޅު ޔޫސުފް އަލްސަން މުޙައްމަދެވެ.
ހަމައެއާއެކު މާލެއާއި ހުޅުމާލެ ގުޅުވައިދޭ ސިނަމާލެ ބުރިޖުގެ ހައިވޭގައި ރޭ ވޭނަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި ވެސް ދެ މީހަކަށް އަނިޔާވެފައިވެއެވެ.
ފާއިތުވި ދުވަސްތަކުގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގައިފައިވާއިރު، އިއްޔެ ފުލުހުން ވަނީ މާލެއާއި ބުރިޖު މަތީގައި މިދިޔަ ޖަނަވަރީ މަހުން ޖޫން މަހުގެ ނިޔަލަށް ހިނގި އެކްސިޑެންޓުތަކުގެ ތަފާސްހިސާބު އާންމުކޮށްފައެވެ.
އެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ހަ މަސް ތެރޭ މާލޭ ސިޓީއާއި ސިނަމާލެ ބުރިޖާއި ހައިވޭގައި 1101 އެކްސިޑެންޓު ހިނގައިފައިވާއިރު، އޭގެ ތެރެއިން 61 އެކްސިޑެންޓުގައި މީހުންނަށް ސީރިއަސް އަނިޔާތައް ލިބިފައިވެއެވެ. އަދި ކޮންމެ މަހަކު ވެސް 150 އާއި 200އާ ދެމެދުގެ އަދަދަކަށް އެކްސިޑެންޓުތައް ހިނގައިފައިވާކަމަށް ދައްކައެވެ.