ޖޭއެސްސީގެ އާންމު މެންބަރަކަށް އިދުރީސް އައްޔަނުކުރަން މަޖިލީހުން ރުހުންދީފި

އިދްރީސް ފައުޒީ: : ޖޭއެސްސީގެ އާންމު މެންބަރަކަށް އިދުރީސް އައްޔަނުކުރަން މަޖިލީހުންވަނީ ރުހުންދީފައި -- ފޮޓޯ/ ސީއެސްސީ

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުންގެ ތެރެއިން އާންމު މެންބަރުކަމަށް ކުރިމަތިލި އަށް ބޭފުޅުންގެ ތެރެއިން އިދްރީސް ފައުޒީ، ފަހިވާގެ/ ލ. ކަލައިދޫ އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މިދިޔަ ޖޫން މަހުގެ 12 ވަނަ ދުވަހު އެ މަގާމަށް ކުރިމަތިލާން މަޖިލީހުގެ އިދާރާއިން ހުޅުވައިލީ އެ މަގާމުގައި މިހާރު ހުންނެވި ޑރ. އާމިނަތު އުއްމުކުލްސޫމްގެ ދައުރު އަންނަ އޮގަސްޓް މަހު ހަމަވާތީއެވެ.

އެ މަގާމަށް ކުރިމަތިލި އަށް ބޭފުޅުންނަކީ:

  • އަލްއުސްތާޛު އިބްރާހީމް ޒާހިދު، ލިލީމާގެ/ ގދ. ވާދޫ
  • އަލްއުސްތާޛު އަހުމަދު އަލީ، ހމ. ފްލެޓް ނަންބަރު 01-ޖީ-108
  • އަލީ އާމިރު، މއ. ޕެންޒީވިލާ
  • އިދްރީސް ފައުޒީ، ފަހިވާގެ/ ލ. ކަލައިދޫ
  • އަލްއުސްތާޛު އަހުމަދު ޝާފިއު، އުދަރެސް/ ހއ. އިހަވަންދޫ
  • ޑރ. ހުސައިން ފާއިޒް، ދަފްތަރު ނަންބަރު 1325
  • އަލްއުސްތާޛު ހަސަން ވަހީދު، ރަންކޮކާގެ/ ހދ. ކުރިނބީ
  • އަލީ މުހައްމަދު މަނިކު، ދަފްތަރު ނަންބަރު ރސ 1851

އޭގެ ތެރެއިން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އެންމެ މަތިން މާކްސް ދިނީ އިދުރީސަށެވެ.

މިއަދު ނެގި ވޯޓުގައި 64 މެންބަރުން ވޯޓު ދެއްވީ އެ މަގާމަށް އޭނާ އައްޔަނުކުރުމަށެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްޣަފޫރު މޫސާއެވެ. ވަކި ގޮތަކަށް ވޯޓުދެއްވަން ބޭނުންނުވާ ކަމަށް ވޯޓުދެއްވީ ދެ މެންބަރުންނެވެ. އެއީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރާއި، ކެޔޮދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ނިއުޝާދެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތަށް ބަލާއިރު އާންމުން ކަނޑައަޅާ މެންބަރެއްގެ އިތުރުން، މަޖިލީހުން ކަނޑައަޅާ މެންބަރަކާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މެންބަރަކާއި، ގާނޫނީ ވަކީލުންގެ ތެރެއިން ކަނޑައަޅާ ވަކީލަކާއި، ދަށު ކޯޓުތަކުން ކަނޑައަޅާ ފަނޑިޔާރަކާއި ހައިކޯޓުން ކަނޑައަޅާ ފަނޑިޔާރަކާއި، ސުޕްރީމް ކޯޓުން ކަނޑައަޅާ އެ ކޯޓުގެ ފަނޑިޔާރެއްގެ އިތުރުން ދައުލަތުގެ ބަންޑާރަ ނާއިބު ހިމެނެއެވެ.

ކޯޓުތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ ޖޭއެސްސީއަކީ ސިޔާސީ ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތު ވަރަށް ބޮޑަށް އަމާޒުވާ ކޮމިޝަނެކެވެ. އޭގެ ސަބަބުން ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް މަސައްކަތްތަކެއް ކުރާތާ މިހާރު އަހަރުތަކެއްވެއްޖެއެވެ.

މިފަހުން، ސުޕްރީމް ކޯޓުން ސަރުކާރުގެ މަސްހަލަތު އޮތް ދުސްތޫރީ މައްސަލައެއް ބަލަމުން ދަނިކޮށް ޖޭއެސްސީން ތިން ފަނޑިޔާރަކު ސަސްޕެންޑުކުރުމުން އެ ކޮމިޝަނަށް އޮތް އިތުބާރު ގެއްލިފައިވާ ކަމަށް ބުނެ ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެފައިވެއެވެ. އެއީ ހުސްނުއްސުއޫދާއި ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރެވެ.

އޭގެ ތެރެއިން ސުއޫދު އިސްތިއުފާދެއްވިއިރު، ޖޭއެސްސީން ފަހުން ވަނީ އަޒްމިރަލްދާއާއި މަހާޒް ވަކިކުރަން ފާސްކޮށްފައެވެ. މަޖިލީހުން ވެސް އެ ނިންމުމަށް ތާއިދުކޮށް ދެ ބޭފުޅުން ވަކިކުރިއިރު، ދެ ފަނޑިޔާރުންގެ މައްސަލަ ބެލުމުގައި ވެސް ޖަވާބުދާރީވާން ފުރުސަތު ނުދޭ މައްސަލައިގައި ޖޭއެސްސީއަށް ބައިނަލްއަގުވާމީ އިދާރާތަކުން ފާޑުކިޔުން އަމާޒުވިއެވެ.

comment ކޮމެންޓް