ޓާމިނަލް ހުޅުވަން ތައްޔާރުވާން، ހުޅުލޭގެ ޕާކިން ޒޯނުތަކުގައި ޕާކް ކުރުން މަނާކޮށްފި

އައު ޓާމިނަލް ހުޅުވާތީ ހުޅުލޭގެ ޕާކިން އޭރިޔާތަކުގައި ޕާކުކުރުން ވަގުތީ ގޮތުންވަނީ މަނާކޮށްފައި --

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އައު ޓާމިނަލް ހުޅުވަން ތައްޔާރުވުމަށް ޓަކައި، ހުޅުލޭގައި ހަދާފައިވާ ޕާކިން ޒޯންތަކުގައި ޕާކު ކުރުން ވަގުތީ ގޮތުން މަނާކޮށްފިއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނީ، މި ބަދަލު ގެނައުމުގެ ބޭނުމަކީ އައު ޓާމިނަލް ހުޅުވުމަށް ބާއްވާ ރަސްމިއްޔާތަށް ތައްޔާރުވުން ކަމަށެވެ.

އެ ގޮތުން އަންނަ ބުރާސްފަތިން ފެށިގެން ހުޅުމާލޭގެ އިރުމަތީ ފަރާތު ޕާކިން ޒޯންގައި ހަތަރު ފުރޮޅުލީ އުޅަދުތައް ޕާކު ކުރުމަކީ މަނާ ކަމެކެވެ. މި ތާރީޚުގެ ކުރިން މި ޕާކިން ޒޯނުގައި ޕާކުކޮށްފައިވާ ހަތަރުފުރޮޅުލީ އުޅަނދުތަކުގެ ވެރިފަރާތްތަކުން، ނުވަތަ އުޅަނދު ބެލެހެއްޓުމާ ހަވާލުވެ ހުރި ފަރާތަކުން އެ އުޅަނދުތައް ނަގައިދިނުމަށް އެމްއޭސީއެލްއިން އެދެއެވެ.

އައު ޓާމިނަލް ހުޅުވާތީ ހުޅުލޭގެ ޕާކިން އޭރިޔާތަކުގައި ޕާކުކުރުން ވަގުތީ ގޮތުންވަނީ މަނާކޮށްފައި --

ހަމަ އެ ދުވަހުގެ 18:00ގެ ފަހުން، ހުޅަނގު ފަރާތު ޕާކިން ޒޯނުގައި ވެސް އެއްވެސް އެއްގަމު އުޅަނދެއް ޕާކުކުރުމަކީ މަނާ ކަމެކެވެ.

އެމްއޭސީއެލްއިން ބުނީ އެ ތާރީޚަށްފަހު ފުލުހުންނާ ގުޅިގެން، ޕާކިން ޒޯންތަކުން އުޅަނދުތައް ހުސްކުރާނެ ކަމަށެވެ. އަދި ޕާކިން ޒޯނުތަކުގައި އަލުން ޕާކު ކުރެވޭނެ ތާރީޚެއް ފަހުން އިއުލާން ކުރާނެ ކަމަށް ބުންޏެވެ.

އެ ޕާކިން ޒޯންތަކަކީ އެއާޕޯޓުގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އެކި ބޭނުންތަކުގައި ވީއައިއޭއަށް ދާ އެތައް ބަޔަކު ބޭނުންކުރާ ޒޯންތަކަށްވާއިރު، މި ބަދަލާ ގުޅިގެން ދިމާވެދާނެ ދަތިތަކަށްޓަކައި އެ ކުންފުނިންވަނީ މައާފަށް އެދިފައެވެ.

އައު ޓާމިނަލް ހުޅުވަން ނިންމާފައި ވަނީ މިނިވަން ދުވަހާ ދިމާކޮށް މިމަހުގެ 26ގައެވެ. މިނިވަން ދުވަހާ ދިމާކޮށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

ވީއައިއޭގެ އައު ޓާމިނަލް ފަރުމާކޮށްފައިވަނީ އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ގޮތަށެވެ.

ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތް ސައޫދީ ފަންޑުގެ ދަށުން އެ ގައުމުގެ ބިން ލާދިން ކުންފުންޏާ ހަވާލުކުރީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ސަރުކާރުގައެވެ.

އޭގެ ފަހުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި ވެސް އާ ޓާމިނަލްގެ މަޝްރޫއު ކުރިއަށް ގެންގޮސްފައިވެއެވެ.

comment ކޮމެންޓް