ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

ޓެކްސް އެޕީލް ޓްރައިބިއުނަލް ---

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން ބުނީ މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ، މިއަދުން ފެށިގެން މިމަހުގެ 30ވާ ބުދަ ދުވަހުގެ 12:00ގެ ނިޔަލަށް އެ އޮފީހުން ކަމަށެވެ.

މަގާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މި ކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްދުވަހުގެ ހެނދުނު 08:30އިން 12:00އަށް ރައީސް އޮފީހުންނެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ.

ޓްރައިބިއުނަލްގެ މެންބަރުންގެ މައްސަލަތަކެއް ބެލުމަށް ފަހު ޓްރައިބިއުނަލްގެ މެންބަރު އިސްމާއީލް ސާޖިދު ފިޔަވައި ބާކީ ތިއްބެވި ހަތަރު މެންބަރުން މަގާމުން ވަކިކުރީ މިދިޔަ އޮގަސްޓް 26 ގައެވެ. އެއީ އެ ތަނުގެ މެންބަރުން ކޮރަޕްޝަނުގެ އަމަލު ހިންގާ ކަމަށް ތުހުމަތުކޮށް އޭނާ މަޖިލީހަށް ސިޓީއެއް ފޮނުވުމުންނެވެ.

އެ ތަނުގައި ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކޮށް، ރައްޔިތުންގެ މަޖިލީހުން އޭރު ލަފާދިނީ ސާޖިދު ފިޔަވައި އެހެން މެންބަރުން ވަކިކުރުމަށެވެ.

ވަކިކުރި ހަތަރު މެންބަރުންގެ ބަދަލުގައި އެ ތަނަށް އައްޔަންކުރީ

  • ޙަސަން ޒުހައިރު މުޙައްމަދު، ގ. މާވާރުލު
  • އިބްރާހީމް ޝަރީފް، ގ. އަލިޝާ
  • ޝިފްޒާ ޢަބްދުލްގައްޔޫމް، ގަސްދޮށުގެ، ގއ. ނިލަންދޫ
  • ޢަބްދުލްޣަނީ މުޙައްމަދު، ހ. ހޯސްޓްސައިޑް

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރު ކަމުގެ ދައުރަކީ ފަސް އަހަރެވެ.

comment ކޮމެންޓް