ސަރުކާރު ސްކޫލުތަކުގެ ގްރޭޑް އެކެއް އަދި އެލްކޭޖީއަށް ދަރިވަރުން ވެއްދުމުގެ ފުރުސަތު އެޑިއުކޭޝަން މިނިސްޓްރީން މިއަދު ހުޅުވައިލައިފިއެވެ.
އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ، ގްރޭޑު އެކަކަށް އަދި އެލްކޭޖީއަށް ދަރިވަރުން ވެއްދުމަށް ފޯމު ހުށަހެޅޭނީ މިއަދުން ފެށިގެން އަންނަ މަހުގެ ނިޔަލަށް ކަމަށެވެ.
ސްކޫލަށް ކުދިން ވެއްދުމަށް ފޯމު ހުށަހަޅަން ޖެހޭނީ ލިންކެއް މެދުވެރިކޮށެވެ.
ގްރޭޑް އެކަކަށް ވެއްދޭނީ ޑިސެމްބަރުގެ ނިޔަލަށް ހަ އަހަރު ފުރި، ހަތް އަހަރު ނުފުރޭ ކުދިންނެވެ.
އަންނަ އަހަރުގެ ދިރާސީ އައު އަހަރު ފެށޭނީ ޖަނަވަރީ 27ވަނަ ދުވަހުއެވެ. ދިރާސީ އައު އަހަރު ޖަނަވަރީއަށް ބަދަލު ކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ.
މިހާރު ކުރިއަށްދާ ދިރާސީ އަހަރު ފެށިއިރު، މާލޭ ސަރަޙައްދުގައި ގްރޭޑް އެކަކަށް 2،000 އަށްވުރެ ގިނަ ދަރިވަރުން އަލަށް ވައްދާފައިވެއެވެ. އަދި މުޅި ރާއްޖެއިން 5،000 އަށްވުރެ ގިނަ ދަރިވަރުން ގްރޭޑް އެކަކަށް އަލަށް ވެއްދިކަމަށް މިނިސްޓްރީން ވަނީ މައުލޫމާތު ދީފައެވެ.