ކާވާ ޗެމްޕިއަންސް ލީގަށް ކިރްގިސްތާނުގެ ބިޝްކެކް ޓީމު ރާއްޖެއަށް

ކިރްގިސްތާނުގެ ބިޝްކެކް ޓީމު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި -- ފޮޓޯ/ ސަން

އަންނަ ބުރާސްފަތި ދުވަހު ރާއްޖޭގައި ފަށާ, މެދުތެރޭ އޭޝިއާގެ ފިރިހެން ވޮލީ ކުލަބުތަކުގެ އެންމެ ބޮޑު މުބާރާތް ކަމަށްވާ ކާވާ ޗެމްޕިއަންސް ލީގުގައި ވާދަކުރުމަށް ކިރްގިސްތާނުގެ ލީގު ޗެމްޕިއަން ބިޝްކެކް ރާއްޖެ އަތުވެއްޖެއެވެ.

މުބާރާތުގައި ވާދަކުރުމަށް ރާއްޖެއައި ބިޝްކެކް ޓީމުގައި ކިރްގިސްތާނުގެ ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނެއެވެ. ރާއްޖެއައި ކިރްގިސްތާނު ޓީމުގައި ޖުމްލަ 19 މެމްބަރު ހިމެނެއެވެ.

އަންނަ ބުރާސްފަތި ދުވަހުން ފެށިގެން މިމަހުގެ 23ގެ ނިޔަލަށް މާލޭގެ ސޯޝަލް ސެންޓަރުގެ އެތެރޭ ހޯލުގައި ކުރިއަށްގެންދާ މި މުބާރާތުގައި ބިޝްކެކް ކުޅޭ ފުރަތަމަ މެޗުގައި ބުރާސްފަތި ދުވަހުގެ ހަވީރު 16:30ގައި ބައްދަލުކުރާނީ ރާއްޖޭގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކުލަބާއެވެ.

ކިރްގިސްތާނުގެ ބިޝްކެކް ޓީމު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި-- ފޮޓޯ: ސަން

ރާއްޖޭގެ ދެ ޓީމު ހިމެނޭގޮތަށް ޖުމްލަ ހަ ޓީމު މި މުބާރާތުގައި ވާދަކުރެއެވެ. ރާއްޖެއިން ވާދަކުރާ ދެ ޓީމަކީ ގައުމީ މުބާރާތާއި އެސޯސިއޭޝަން ކަޕުގެ ފައިނަލުގައި ކުޅުނު ކުލަބު އެޗްޑީސީ އަދި ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ)އެވެ.

ދެން މި މުބާރާތުގައި ވާދަކުރާނީ ކަޒަކިސްތާނުގެ ޒައިކް ވީސީގެ އިތުރުން ކިރްގިސްތާނުގެ ބިޝްކެކް، އަދި ނޭޕާލުގެ ޗެމްޕިއަން ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބާއި ލަންކާގެ ޗެމްޕިއަން ސްރީ ލަންކާ ޕޯޓްސް އޮތޯރިޓީއެވެ.

ލީގު އުސޫލުން ކުރިއަށްގެންދާ މި މުބާރާތުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓު ލިބޭ ދެ ޓީމަކަށް ފައިނަލުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެއެވެ. މީގެ އިތުރުން ތިންވަނަ އާއި ހަތަރުވަނަ ޓީމުގެ މެދުގައި ރޭންކިން މެޗެއް ކުޅޭއިރު، ފަސްވަނަ އަދި ހަވަނަ ޓީމުގެ މެދުގައި ވެސް ޕްލޭއޮފް މެޗެއް ކުޅޭނެއެވެ.

ޖުމްލަ 18 މެޗު ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ކޮންމެ ދުވަހަކު ވެސް ތިން މެޗު ކުޅުމަށް ވަނީ ތާވަލުކޮށްފައެވެ. އެއީ މެންދުރުފަހު 13:30، 16:30 އަދި 20:45އެވެ.

މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އެސްއެސް މީޑިއާއެވެ. މުބާރާތުގެ ހުރިހާ މެޗެއް އެސްއެސްޓީވީން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް